ދިރާސީ އާ އަހަރު

ބޮޑު ޗުއްޓީއަށްފަހު 78،000 ދަރިވަރުން ސްކޫލަށް

ބޮޑު ޗުއްޓީ ނިންމާލުމަށް ފަހު 78000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ހެނދުނު ފަށައިފި އެވެ. މިއަދު ކިޔެވުން ފެށި އިރު މި އަހަރު ރާއްޖޭގެ 217 ސްކޫލެއްގައި 7700 ޓީޗަރުން ކިޔަވައިދޭން ހަރަކާތްތެރިވާނެ އެވެ. އެއީ ސަރުކާރުގެ 212 ސްކޫލާއި ފަސް ޕްރައިވެޓް ސްކޫލު ހިމެނޭގޮތަށެވެ.

ދިރާސީ އަހަރު ފެށި އިރު ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތައް ސްކޫލް ބަންދުގެ ތެރޭގައި ކޮށް ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ވަނީ ނިންމާފަ އެވެ. ކިޔެވުން ފެށި އިރު އާބާދީ މަދު ސްކޫލްތަކަށް އަމާޒުކޮށް މިއަހަރުގެ ތެރޭގައި 17 ރަށެއްގައި މަލްޓިގްރޭޑް އުސޫލުން ކިޔަވައިދޭން ފަށާނެ އެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ މުދައްރިސުން ހަމަކޮށް، ހުރިހާ ސްކޫލަކަށް ބޭނުންވާ ޓެކްސްޓް ފޮތް އެޑިއުކޭޝަނުން ވަނީ ފޯރުކޮށްދީފަ އެވެ.

މިދިއަ އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ ސްކޫލްތަކުގައި މިއަހަރު 12454 ކުދިން ޕްރީސްކޫލް ލެވެލްގައި ކިޔަވާނެ އެވެ.

މިއަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަކުރަން ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން މުޅި ރާއްޖޭގެ އެކި ސްކޫލްތަކުގައި މި އަހަރު 7700 ޓީޗަރުން ކިޔަވައިދިނުމުގައި ހަރަކާތްތެރި ވާއިރު، އޭގެ ތެރެއިން 5700 ޓީޗަރުންނަކީ ދިވެހި ޓީޗަރުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި ދިވެހި ޓީޗަރުން އިތުރުކުރުމަށް އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން، މިއަހަރު ބޭރު ޓީޗަރުން ހަމަވެފައިވާ ދާއިރާތަކަށް ވެސް ދިވެހި ޓީޗަރުން ހޯދުމަށް އިއުލާންކޮށް، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގާބިލް ޓީޗަރުންނަށް ވަޒީފާ ހަމަޖައްސައިދީފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އެކުލަވައިލި ގައުމީ އާ މަންހަޖުގެ ދަށުން ގްރޭޑް ފަހަކާ ހަމައަށް އާ ފޮތްބައި އެކުލަވާލައި ކިޔަވައިދޭން ފަށާފައިވާއިރު، ގްރޭޑް އެކަކުން ދިހައަކަށް 158 ސްކޫލެއްގައި މިއަހަރު ކިޔަވައިދޭނެ އެވެ. އަދި ކީ ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 31 ސްކޫލެއްގައި ކިޔަވައިދޭ އިރު، ގްރެޑް 8 އިން 12 އަށް 35 ސްކޫލެއްގައި، އަދި މަތީ ސަނަވީގެ ގްރޭޑް 11 އާއި 12 އަށް ދެ ސްކޫލަކުން ކިޔަވައިދޭނެ އެވެ.

މިއަދު ދިރާސީ އަހަރު ފެށިއިރު 2030 އަންނަންވާއިރަށް، ދުނިޔޭގެ ހުރިހާ ގައުމަކުން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، ފަށާތައުލީމު ފެށުމުގެ ކުރިން އެއް އަހަރުގެ ޕްރީސްކޫލް ތައުލީމް ތުއްތުކުދިނަށް ހިލޭ ފޯރު ކޮށްދިނުމުގެ ލަނޑުދަނޑި ރާއްޖެއިން ވަނީ ހާސިލްކޮށްފަ އެވެ. ސަރުކާރުން ހިލޭ ޕްރީސްކޫލް ތައުލީމް ފޯރުކޮށްދޭން ނިންމުމާއެކު، ރާއްޖެއިން ވަނީ ކުރިޔަށްއޮތް 15 އަހަރުގެ ޕްލޭން ފެށުމުގެ ކުރިން ދެ އަހަރުގެ ޕްރީސްކޫލްގެ ފުރުސަތު ވެސް ކަށަވަރުކޮށްދީފަ އެވެ.

ފަށާ ތަޢުލީމާއި ސާނަވީ ތައުލީމު އަދި މަތީ ސާނަވީގައި ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ފަދައިން، ޕްރީސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީ ކްލާސްތަކަކީވެސް ސަރުކާރުން ހިލޭ ދޭ ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

މިއަދު މިފެށި މިއަހަރުގެ ފުރަތަމަ ސެމެސްޓާގެ ކިޔެވުން ޖޫން 11 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އެ ދެމެދުގައި ސެމެސްޓާގެ މެދު ބަންދު ގޮތުގައި މާޗް 19 އިން 23 އަށް ސްކޫލްތައް ބަންދުކުރާނެ އެވެ.