އެކްސިޑެންޓް

މަރަދޫފޭދޫގައި ވެސް އެކްސިޑެންޓެއްވެ މީހަކު ސީރިއަސް ހާލަތަށް

  • މީދޫގައި ވެސް އެކްސިޑެންޓެއްވެ ކުޑަކުއްޖަކަށް އަނިޔާ
  • މަރަދޫ އެކްސިޑެންޓްގައި ސީރިއަސްވި މީހާ ހިތަދޫއަށް ގެންދަނީ
  • ހިތަދޫ އެކްސިޑެންޓުގައި ވެސް އެކެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު އިރު އޮއްސުނު ވަގުތު އެކްސިޑެންޓެއް ހިނގާފައިވަނިކޮށް އެ ސިޓީގެ މަރަދޫފޭދޫގައި ވެސް މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ. މިރޭ އިރާކޮޅު ގާތްގަނޑަކަށް 9:26 އެހާކަންހާއިރު މަރަދޫފޭދޫގައި ހުންނަ އެފް-ބިޔުޓީ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ.

އަނިޔާވި ދެ މީހުންނަށް ވެސް އެ ރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ. ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށްވެ އެވެ.

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، އެކްސިޑެންޓްވި އުމުރުން 36 އަހަރުގެ ފިރިހެންމީހާ އެމްބިއުލާންސްއަށް އެރުވިއިރު އޭނާގެ މޫނު ވަކިކުރަން ނޭނގޭ ވަރަށް މޫނު ޒަހަމްވެފައިވެ އެވެ. އޭނާގެ ނޭފަތުން ގިނައިން ލޭ އަންނަމުންދާތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވެއެވެ. ނަމަވެސް އެކްސިޑެންޓްވި އަންހެންމީހާއަށް މާބޮޑު އަނިޔާތަކެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލުގައި ދަނިކޮށް ގޯޅިއަކުން ނިކުތް އެހެން ސައިކަލެއް އެ ސައިކަލްގައި ޖެހިގެންނެވެ. ގޯޅިން ނިކުތީ އަނިޔާވި އަންހެން މީހާ އާއި އޭނާގެ ފިރިމީހާ އިން ސައިކަލެވެ. އެ ފިރިހެން މީހާއަށް އަނިޔާއެއް ނުވެ އެވެ.

މިރޭ މަރަދޫ ފޭދޫގައި އެކްސިޑެންޓެއް އަދި އިރު އޮއްސުނު ވަގުތު ވެރިރަށް ހިތަދޫގައި ވެސް އެކްސިޑެންޓެއް ހިނގާފައިވާއިރު އިރު އޮއްސުނުގަޑީގައި އެ އަތޮޅު މީދޫގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މީދޫގެ އެކްސިޑެންޓް އައީ ސައިކަލަކުން ކުޑަ ކުއްޖެއްގެ ގައިގާ ޖެހިގެން ކަމަށާއި އުމުރުން ހަތް އަހަރުގެ އެކުއްޖާއަށް އަނިޔާވި ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.

އެނގިފައިވާ ގޮތުަގައި އެ ކުއްޖާގެ ބައެއް ޓެސްޓްތައް މީދޫ ސިއްހީ މަރުކަޒުގައި ހަދައި ދަނީ ފަރުވާ ދެމުންނެވެ.