ޓޫރިޒަމް

ޓޫރިސްޓުންނަށް ރާއްޖޭގެ "ފުރިހަމަ ފޮޓޯއެއް" ދޭން އަމާޒު ހިފައިފި

  • މުޅިން އިންޑަސްޓްރީއަށް ތަމްރީން ދޭނެ
  • ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޮޑު ބަދަލެއް
  • ހާއްސަކަން އަންގައިދޭން މަސައްކަތް ތަކެއް

ޓޫރިސްޓުންނަށް ރާއްޖޭގެ "ފުރިހަމަ ތަޖުރިބާއެެއް" ދޭން އަމާޒު ހިފައި މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ހާއްސަ ތަމްރީން ތަކެއް ދޭން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރުވާން ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ވަރުގަދަ ކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓު މީހާއަށް ރާއްޖޭން ދޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ވަރުގަދަ ކުރަން ހާއްސަ މަސައްކަތް ތަކެއް މި އަހަރު ފަށާނެ ކަމަށެވެ.

"މި އަހަރު އަލަށް ފަށާކަމެއް މިއީ. ވިޒިޓާސްގެ ޓޯޓަލް އެކްސްޕީރިއަންސް އިތުރު ކުރަން ކުރެވެން ހުރި ކަންތަތްތައް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގޮތުން އިމިގްރޭޝަން އާއި ކަސްޓަމްސް އަދި އެއާޕޯޓު ރެޕުންނާއި ރިސޯޓު/ގެސްޓްހައުސްތަކުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ތަމްރީން ތަކެއް ދޭނެ ކަމަށެވެ.

"ޓޫރިސްޓެއް ރާއްޖެ އައިސް ރާއްޖެއަށް އަލްވަދާއު ކިޔާފައިދާ ހިސާބުން، މި ޗެއިންގައި މަސައްކަތްކުރާ ހުރިހާ މީހުންނަށް ޓޯޓަލް އެކްސްޕީރިއަންސް ރަނގަޅު ކުރުމަށް ހާއްސަ ތަމްރީން ތަކެއް ދެވޭނެ. މީގައި އިންޓާނަލީ ދެވޭ ޓްރެއިންތަކާއި އެކްސްޓާނަލީ ދެވޭ ޓްރެއިނިތައް މިދަނީ ރާވަމުން. ސަބަބަކަށް ވަނީ މިހާރު ވެސް ރާއްޖެ އަށް އަންނަ ގިނަ ވިޒިޓަރުން ރާއްޖެ އަށް އަންނަން ޑިސައިޑްކުރާ ފެކްޓާއަކީ ރާއްޖެ އައިސްފަ ދާ ޓޫރިސްޓެއް ބުނާ ބުނުން. ވޯޑް އޮފް މައުތް [ތުންތުންމަތިން] ބުނާ ބުނުން. އެހެންވެ މިއީވެސް އެއްވެސް ހަރަދަކާ ކުލައި ކުރެވޭ ކަމެއް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ތަމްރީންތަކުގެ ސަބަބުން ރާއްޖޭން ޓޫރިސްޓު މީހާ ހިފައިގެންދާ، އެތި ނުވަތަ ޓޫރިސްޓުންގެ ހިތުގެ އަޑީގައި އިންނަ ތަސްވީރާއި ތަސައްވުރު ރަނގަޅު ވެގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ރާއްޖެ ޕްރޮމޯޓް ކުރުމަށް ގެނެސްފައިވާ ބަދަލުގެ ތެރޭގައި ރާއްޖޭގައި ހުރި ތަފާތު އދި ހާއްސަ ކަންކަން އޮންލައިން މެދުވެރިކޮށް ޓޫރިސްޓުންނާ ހަމަ އަށް ފޯރުކޮށް ދިނުން ހިމެނެ އެވެ. މި ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އުފައްދާ ދިވެހި އުފެއްދުންތަކާއި ދިވެހިންގެ އާދަކާދަ ދައްކުވައިދޭ ވީޑިއޯ ކްލިޕްތަކެއް ނެރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ރާއްޖެ ޕްރޮމޯޓް ކުރުން ވަރުގަދަ ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މި ފަސް އަހަރުތެރޭގައި 50 ރިސޯޓު ހުޅުވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު 20 ރިސޯޓެއް ހުޅުވާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.