ދިރާސީ އާ އަހަރު

އާ އަހަރު ދަރިވަރުންގެ އުންމީދުތައް އުހުގައި!

ބޮޑު ޗުއްޓީގެ މަޖަލާއި ހުސްވަގުތުތައް ނިމުމަކަށް އައިސް ސްކޫލް ކުދިންގެ ޝެޑިއުލް ބިޒީވެއްޖެ އެވެ. ޗުއްޓީ މޫޑު ފިލުވާލައި، ސްކޫލުގެ އުފާވެރި މާހައުލާ އަނެއްކާވެސް ކުދިން ކުރިމަތިލައިފި އެވެ. ރައްޓެހި ރަހުމަތްތެރިންނާ ބައްދަލުވެ، އާ ރަހުމަތްތެރިންނާ ގުޅިލައި، އަމިއްލަ އުފާވެރި މާހައުލެއް ބިނާ ކުރަން މިއަދު ކޮންމެ ކުއްޖަކުވެސް ވިސްނަން ފަށާނެއެވެ. އެއާއެކު އާ އަހަރާއެކު އާ ބަދަލުތަކާ ކުރިމަތިލާން ތައްޔާރުވެ ތަފާތު އަޒުމްތަކެއް ވެސް ކުދިން ވަނީ ކަނޑައަޅާފަ އެވެ. ރަނގަޅު ފެށުމެއް ކަމަށް ކުރެވޭ އުންމީދު ބޮޑެވެ.

އިސްކަންދަރު ސްކޫލްގައި ގްރޭޑް 10 މިއަހަރު ފަށާ ރޫޔާގެ ދުވަސް ފެށުނީ މަންމަ ތައްޔާރު ކުރި މީރު ސައިތައްޓަކުންނެވެ. އާ އަހަރަށް ރޫޔާ ކަނޑައަޅާފައި ވަނީ އަޒުމްތަކުގެ ދިގު ލިސްޓެކެވެ. ދޮޅު މަހެއްހާ ދުވަހު ރައްޓެހިނާ ދުރުގައި ހުރެފައި މިއަދު ސްކޫލަށް ދެވޭތީ މާ ބޮޑަށްވެސް ހިތްހަމަ ޖެހިފަ އެވެ. އާ ޔުނީފޯމުގައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާކޮށްލުމުގެ ޝައުގު ހުއްޓަސް، މިއަހަރު ރޫޔާގެ އެންމެ ބޮޑު އަމާޒަކީ ޖީސީއީ އޯލެވެލްގައި މަތީ ވަނަތަކެއް ހާސިލް ކުރުމެވެ. އެ ކަމަށް ތައްޔާރުވާން ޗުއްޓީ ތެރޭގައި ވެސް ފޮތްތައް ވަރަށް ބޮޑަށް މުތާލިއާ ކުރި ކަމަށް ރޫޔާ ބުންޏެވެ. ރޫޔާ ބޭނުންވަނީ މޮޅަށް ކިޔަވާށެވެ. އާ ސްކޫލް އަހަރެއް ފެށޭ އިރު އެހެން ކިޔަވާ ކުދިންނަށް ވެސް ރޫޔާ ދޭން ބޭނުން މެސެޖަކީ އެއީއެވެ.

ޖަމާލުއްދީން ސްކޫލުން ގްރޭޑް ހަތެއް ނިންމައި އަމީނިއްޔާގެ ގްރޭޑް އަށަކަށް މުޅިން އަލަށް ގުޅުނު ޝައިހާ އަށް ފުރަތަމަ ދުވަހުގެ ތަޖުރިބާ ވެސް ވަރަށް ތަފާތެވެ. ފުރަތަމަ ދުވަހުގެ އެސެމްބްލީގައި ތިރީހަކަށް ކުދިން ބޯ އަނބުރާ ގޮތްވެ ހެލްތު ރޫމަށް ގެންދަން ޖެހުނެވެ. ނަމަވެސް އާ ސްކޫލާއެކު އަންނަން އުޅޭ އާ ބަދަލަށް ޝައިހާ ވަރަށް ތައްޔާރެވެ. ޝައިހާ މިއަހަރު އެންމެ ބޭނުންވަނީ އަބަދު ހޯދަމުންދިޔަ އޮނަލިސްޓެޑް އެވޯޑެވެ. ޝައިހާގެ އާ އަހަރުގެ އަޒުމަކީ ވެސް އެއެވެ.

"ގްރޭޑް އަށަކަށް ބަދަލުވާތީ އެންމެ އެކްސައިޓް ވަނީ އާ ސަބްޖެކްޓްތައް ކިޔަވަން ލިބޭތީ. ދެން އާ ޔުނީފޯމެއްގަ އާ ސްކޫލެއްގަ ހުރެވޭތީ އަމިއްލައަށްވެސް ވަރަށް އާ ވަރަށް ފްރެޝް އިހުސާސެއް ކުރެވެނީ. ވަރަށް އުންމީދުކުރަން ޝައިހާގެ ޓާގެޓް އަށް ރީޗްވާން މަސައްކަތް ކުރެވޭނެ ކަމަށް،" ޝާއިހާ ދިނީ އުންމީދީ ޖަވާބެކެވެ.

ގަލޮޅު މަދަރުސާގެ އެލްކޭޖީ ގައި ކިޔަވާ ފަސް އަހަރުގެ ސުނަންގެ އާ އަހަރުގެ އަޒުމް ވަރަށް ތަފާތެވެ. ސުނަން އެންމެ ބޭނުންވަނީ މަންމަ ހާ ހިއްވަރު ގަދަ ކުއްޖަކަށް ވާށެވެ. ސުނަން ކިޔަވަން ސްކޫލަށް ދާ ހަމަ އެކަނި ބޭނުމަކީ ވެސް އެއީ އެވެ.

"ސުނަން ބޭނުމީ ކިޔަވައިގެން މަންމި ކަހަލަ 'ބްރޭވް' ކުއްޖަކަށް ވާން، ދެން އާންޓީ ކަހަލަ ކުއްޖަކަށް ވާން،" ކުޑަ ކުޑަ ސުނަންގެ އަޒުމްވެސް ކިހާ ބޮޑު ހެއްޔެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އުފަލުން ފޮޅިލީ ހަމައެކަނި ކުދިންނެއް ނޫނެވެ. އާބާތުރަ ފިލުވައި ފޭރާން އާކޮށްފައިވާ ސްކޫލްތަކުގެ ބޮޑު ގޭޓްތައް ހުޅުވާލައި ކުދިންނަށް މަރުހަބާ ކިޔާފައިވަނީ ވެސް ނުހަނު ފުރިހަމަ އަށެވެ. ތައުލީމުގެ ދުނިޔެއަށް ކުދިން ހޭލައްވާލަން ފުރަތަމަ ދުވަހުގެ ބޮޑު އެސެމްބްލީ ހުރިހާ ސްކޫލެއްގައި ވެސް ވަނީ ބާއްވާފަ އެވެ. އަގުހުރި ގިނަ ނަސޭހަތްތައް ދަރިވަރުންނަށް ދީ މުޅި އަހަރު ދުވަހުގެ އަމަލުތައް ބައްޓަން ކުރަންވީ ގޮތުގެ އިރުޝާދުތައް އެސެމްބްލީތަކުގައި ކުދިންނަށް ވަނީ ކިޔައިދީފަ އެވެ.

"ކުދިންނަށް ދޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް އަޅުގަނޑުމެން މިވަނީ މި އަހަރުވެސް ބައެއްކަހަލަ ބަދަލުތަކަކާއެކު ކުދިންނަށް މަރުހަބާ ކިޔާފައި. އެގޮތުން ސްކޫލްތަކުގެ ހުރިހާ ކްލާސްރޫމެއް އެއް މޮޑެލަކަށް ފަރުމާކޮށް، ވަކި މާއްދާތަކުގެ ވަކި ބައިތަކުން ކުދިންނަށް ހާސިލްވާ މިންވަރުވެސް ފެންނަން ބެހެއްޓޭނެ އިންތިޒާމްތަކެއް ވެސް މިވަނީ ހަމަޖައްސާފަ. ހަމަ އެއާއެކު ކުދިންގެ އަހުލާގު ހިފަހައްޓަން، ކޮންމެ ހަފުތާއަކު އެއްފަހަރު ވަކި ވަކި ކުދިންގެ ސްކޫލްގެ ގަވާއިދާއި ސުލޫކީ މިންގަނޑު ހިފަހައްޓާ މިންވަރު ބަލަން މި އަހަރު އިސްކަމެއް ދޭނެ،" އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވި އެވެ.

ތަފާތު އަޒުމްތަކާއެކު ތަފާތު ކާމިޔާބީ ހާސިލްކުރުމަށް 78،000 ދަރިވަރުންނާއި ސްކޫލްތަކުން މިވަނީ އާ އަހަރަށް ކުރިމަތި ލާފައެވެ. ތައުލީމީ ދާއިރާގައި މިއީ ވިދާލާ އަހަރަކަށް ވުމަކީ ކުރެވޭ އުންމީދެކެވެ.