ރިޕޯޓް

އެންމެންގެ ދުލުން ޝާހިދާއި ރަޒީނާގެ ހެޔޮ ވާހަކަ!

އެކުގައި ދިރިއުޅެ، އެކުގައި ނިމިގެންދާ ވާހަކައަކީ ވަރަށް ގިނައިން ލޯބީގެ ވާހަކަތަކުން އަޑުއަހާ ވާހަކައެކެވެ. ނަމަވެސް އެއީ ހަގީގީ ދުނިޔޭގައި އެހާ އާންމު ކަމެއް ނޫނެވެ. އެއީ ގިނަ ބަޔަކަށް މިންވަރުވާ ނަސީބެއް ނޫނެވެ. އެކަމަކު އިއްޔެ މުޅި ރާއްޖެ ސިއްސުވާލީ މިފަދަ ހަބަރަކާއެކު އެވެ. ދެމަފިރިއަކު އެކުގައި މި ދުނިޔެ ދޫކުރި ހަބަރެވެ. އެ ދެމަފިރިން މިހާރު ވަޅުލާފައިވާއިރު އެ ވާހަކަ އަދިވެސް ދައްކާ ނުނިމެ އެވެ.

އެންމެންގެ ދުލުކުރީގައި ވަނީ ގާސިމް ޝާހިދާއި ރަޒީނާ އިބްރާހިމްގެ ނަމެވެ. އެ ލޯބީގެ ވާހަކަ އެވެ. އެ ދެމަފިރިންގެ ރަނގަޅު އަހުލާގު ވާހަކަ އެވެ.

ދެމަފިރިންގެ ގާތް މީހަކު އިއްޔެ އަވަސްއަށް ހިއްސާކުރި މައުލޫމަތަކީ ވެސް ގިނަ ބަޔަކު ހައިރާންކޮށްލި ކަމެކެވެ. އެ ދެމަފިރިން މަރުވެފައި ތިއްބާ ފެނުނީ އެކަކު އަނެއްކަކު ގައިގާ ބައްދާލައިގެން ތިއްބަ އެވެ. ދެ މީހުންގެ މަރަކީ ވެސް ގުދުރަތީ މަރެއް ކަމަށް ބެލެވޭއިރު މިއީ ގިނަ ބަޔަކު ހައިރާންވާ ކަމެކެވެ. އެކުގައި ލޯބިން ދިރިއުޅެ، މި ދުނިޔެ އެޅީ ވެސް އެކުގަ އެވެ. ލޯބީގެ ވާހަކައަކުން ނޫނީ މިފަދަ ވާހަކައެއް އަޑުއަހާލާކަށް ނުލިބެ އެވެ.

އެކުގައި ނިމިދިޔަ ދެމަފިރިން ދަންނަ ކޮންމެ މީހަކު ވެސް ބުނަނީ އެއް ވާހަކައެކެވެ. "އެއީ ވަރަށް ރަނގަޅު ދެމަފިރިން" ކަމެވެ. މީހުންނާ އެކުވެރި ދީނީ ކަންކަމަށް ލޯބިކުރި ދެ މީހުން ކަމެވެ.

ދެމަފިރިން އެންމެ ފަހު ވާހަކައަކަށް ވެސް ދައްކާފައިވަނީ މި އަހަރު ހައްޖަށްދާ ވާހަކަ ކަމަށްވެ އެވެ. ޝާހިދާއި ރަޒީނާ ވަނީ މި އަހަރު ހައްޖަށް ދިޔުމަށްޓަކައި ހައްޖު ކޯޕަރޭޝަންނަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ދައްކާފަ އެވެ. އަދި ބާކީ އޮތް ބައި ދެއްކުމަށް އެ ދެމަފިރިން މަސައްކަތް ކުރަމުން ދިޔަ ކަމަށްވެސްވެ އެވެ. އެ ވާހަކަ ދައްކާފައިވަނީ ރަޒީނާގެ އާއިލާ މީހަކާ ރޭ އެވެ. އޭގެ ފަހުން އެ ދެ މަފިރިން އެހެން މީހަކާ ވާހަކަ ދެއްކިކަން އެނގިފައެއް ނެތެވެ.

ޝާހިދާއި ރަޒީނާއަކީ އަބަދުވެސް އެކުގައި ފަތިސް ނަމާދަށް ހޭލާ ދެމީހުންނެވެ. ނަމަވެސް އިއްޔެ ފަތިސް ނަމާދަށް އެމީހުން ހޭލިކަން އެނގިފައެއް ނުވެ އެވެ. އެ ދެމީހުންގެ ހަށިގަނޑު އިއްޔެ ފެނިފައިވަނީ މެންދުރު އެވެ.

ދެމަފިރިން ކުއްލި ގޮތަކަށް ވަކިވެގެން ދިޔައިރު މި އަހަރު ޕްރައިމަރީ ސްކޫލްގެ ތައުލީމް އެ ދެމަފިރިން ހަގު ދަރިފުޅު ވަނީ ފަށާފަ އެވެ. ހަތް އަހަރުގެ އަންހެން ދަރިފުޅުގެ އިތުރުން ގުރޭޑް 10 ނިންމާފައިވާ ދެ ފިރިހެން ދަރި ވެސް ތިބެ އެވެ. އެތަނުން ދޮށީ ދަރިފުޅު ވަޒީފާ އަދާކުރަނީ އައިލެންޑް އޭވިއޭޝަނުގަ އެވެ.

މިއަދު މެންދުރުފަހު އެ ދެމަފިރިން ވަޅުލާފައިވާއިރު ދެމަފިރިން ވަޅުލާފައިވަނީ އެއް ވަޅެއްގަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ބޮޑަށް ބެލެވެނީ ދެމީހުންގެ މަރަކީ ގުދުރަތީ މަރެއް ކަމަށެވެ. އެހެނަސް އެ ދެ މީހުންގެ މަރު ދަނީ ތަހުގީގުކުރަމުންނެވެ.