އެމްޑީޕީ

ކެނޑިޑެންސީތައް ބާތިލުކުރުމުން އެމްޑީޕީ ކޯޓަށް ދަނީ

ލޯކަލް ކައުންސިލް އިންތިހާބަށް މީގެ ކުރިން ކުރިމަތިލީ ފަރާތްތަކުގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމުން އިދިކޮޅު، އެމްޑީޕީ ކޯޓަށް ދާން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފައިވަނީ ހުރިހާ ފޯމެއް ބާތިލުކޮށް އަލުން އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ. އިންތިހާބަށް އެކި ޕާޓީތަކުން 900 ފަރާތުން ކުރިމަތިލާފައިވެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ، ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އިންތިހާބު ދެ މަހަށް ފަސްކުރަން ކަމަށެވެ. އިންތިހާބު އަލުން އިއުލާން ކުރުމަކީ ކޯޓު ހުކުމާ އެއްގޮތަށް އިލެކްޝަނުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ކޯޓަށް މައްސަލަ ވެއްދި ނަމަވެސް އެމްޑީޕީއިން އަންނަ އޭޕްރީލް އަށްވަނަ ދުވަހު ބާއްވާ އިންތިހާބަށް ތައްޔާރުވަމުންދާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމް ބާތިލު ކުރުމަކީ އެ ފަރާތްތަކުގެ ހައްގަށް އަރައިގަތުން ކަމަށެވެ. އެއީ އިލެކްޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލަ ވައްދާނެ ކޯޓެއް އަދި ނުނިންމަ އެވެ. ނަމަވެސް މިކަމުގައި ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވަރަށް އަވަހަށް ކޯޓަކަށް ވައްދާނެ ކަމަށް ހިސާން ވިދާޅުވި އެވެ.