ރިޕޯޓް

ފްރެންޗައިޒްގެ އަޑުން ކުޅުދިޔާ ކޮށްލައިފި! މިވަނީ ކިހިނެއް؟

  • ފްރެންޗައިޒެއް ގެންނަން ބޮޑު ހަރަދެއް ކުރަން ޖެހޭ
  • ފްރެންޗައިޒެއް އަންނައިރު ގިނަ ކަންކަމަށް ބަލާނެ
  • ސީދާ ބްރޭންޑު ގެންނައުމާ ތަފާތުވާނެ ކަމަށް ވޭ

ފްރެންޗައިޒްގެ ވާހަކަ މިދިޔަ އަހަރުން ފެށިގެން އިވެން ފަށައިފި އެވެ. ދިވެހިންނަކީ ކެއުމަށް "މަރުދޭ" ބަޔަކަށް ވުމުން މިކަންވީ ވަރަށް ޝައުގުވެރި ކަމަށެވެ. އަދި މި ހަބަރުތައް ފެނިފައި ކުޅު ދިޔާވި ބަޔަކުވެސް ތިބޭނެ އެވެ. ސަބަބަކީ މި ތަންތަނަކީ ދިވެހިންގެ ގިނަ ބަޔަކާ ރައްޓެރި ތަންތަނަށްވުމެވެ. ސުވާލަކީ މި އަހަރު ރާއްޖޭގައި ހުޅުވާނީ ކޮން ކޮން ބޭރުގެ، ފްރެންޗައިޒް ރެސްޓޯރެންޓް ތަކެއް ހެއްޔެވެ؟ އަދި މި ތަންތަނުން ދިވެހިން ބޭނުންވާ ރަހަ ލިބޭނެ ބާ އެވެ؟

"ފްރެންޗައިޒެއް ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ހަމަ ހިތަށް އަރާއިރަށް ދެ މީހަކު އެއްވެލައިގެން ކުރެވޭ ވަރުގެ ކަމެއް ނޫން މިއީއަކީ،" ރާއްޖޭގައި އެންމެ ފުރަތަމަ ފްރެންޗައިޒް ރެސްޓޯރެންޓެއްގެ ގޮތުގައި "މޭރީ ބްރައުން" ހުޅުވި، އާމިރު މަންސޫރު ވިދާޅުވި އެވެ.

މޭރީ ބްރައުން އާއި ސީކްރެޓް ރެސިޕީ އަށް ފަހު، މިދިޔަ އަހަރުން ފެށިގެން ދަނީ ގިނަ އަދަދެއްގެ ފްރެންޗައިޒްތައް ރާއްޖެ ގެންނަ ވާހަކަ އަޑު އިވެމުންނެވެ. އަދި ހާއްސަކޮށް މި ނަންތަކުގެ ތެރޭގައި ދިވެހިންގެ އަރު ތެރެ އަށް މީރު ނަން ތަކެއް ވެސް ހިމެނެ އެވެ. މީގެތެރޭގައި:

ދުބާއީ ޗިކިންގް

މިދިޔަ އަހަރު އަޑު އިވިގެން ދިޔަ އެއް ހަބަރަކީ ދުބާއީގެ ފާސްޓް ފުޑް ފްރެންޗައިޒް "ޗިކިންގް" ރާއްޖޭގައި ހުޅުވާ ވާހަކަ އެވެ. މި ބްރޭންޑަކީ މެދުއިރުމަތީގެ ގިނަ ގައުމުތަކުގައި ހިންގާ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް އެކެވެ. މިގޮތުން މި ބްރޭންޑް ރާއްޖެ ގެންނައުމުގެ މަސައްކަތް ކުރަނީ ޓީއެފްސީ އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ބުނެފައިވަނީ ޗިކިންގް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.

ޓީއެފްސީގެ ޑިރެކްޓަރު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިތަން ވެގެންދާނީ ތަފާތު ރަހަތަކެއް ދިވެހިންނަށް ގެނެސްދޭނެ ތަނަކަށެވެ.

"ޗިކިންގް ހުޅުވުމަކީ ރާއްޖޭގެ ފާސްޓް ފުޑް އިންޑަސްޓްރީއަށް އަންނާނެ ތަފާތު ރަހައެއް. ޗިކިންގްއަކީ ކޮލިޓީ ރަނގަޅު އަދިފުޅާ ދާއިރާއެއްގައި ތަފާތު އޮފާކުރާ އެއްޗެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓް-ރަސްފަންނަށް؟

މާލޭގެ ގިނަ ބަޔަކު އުފާކޮށްލަންދާ ރަސްފަންނުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑުތައް ހުޅުވަން ވަނީ ބްރަދާސް ކޭޓަރިންއާ ހަވާލުކޮށްފަ އެވެ. އަދި ކޭއެފްސީ އާއި ޕިއްޒާ ހަޓް ގެނައުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ޕެވިލިއަން ހުޅުވާއިރު އެ ދެ ރެސްޓޯރަންޓު ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދަ މެންހެޓަން ފިޝް މާކެޓް- ހުޅުމާލެ އަށް!

ސީފުޑްގެ ގިނަ ރަހަތަކެއް ހިމެނޭ ދުނިޔޭގެ އެންމެ މަގުބޫލު އެއް ރެސްޓޯރަންޓް ފްރެންޗައިޒް ކަމަށްވާ "ދަ މެންހެޓަން ފިޝް މާކެޓް"ގެ ތަނެއް ހުޅުމާލޭގައި ހުޅުވަން ވެސް ދަނީ ތައްޔާރުވަމުންނެވެ. ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ހުޅުވަނީ ސިލްވާ ސްޕޫންއިންނެވެ. ހުޅުމާލެ ސެންޓްރަލް މޯލްގައި ހަދާ މި ރެސްޓޯރަންޓްގައި 150 މީހުން ނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ.

ސްޓާބަކްސް އާއި މެކް- ވީއައިއޭ އަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ސްޓާބަކްސް އާއި ޕިއްޒާ ހަޓް އަދި ޑޮމިނޯސް އާއި މެކްގެ އިތުރުން މެކްޑޮނަލްޑްސް އާއި ހާޑް ރޮކް އަދި ނަންޑޯސް ފަދަ ބްރޭންޑްތައް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑް ތަކުން ރާއްޖެ އަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް އެބަ ހުރި ކަމަށެވެ.

"ގާތްގަނޑަކަށް ހަތަރު ނޫނީ ފަސް ބްރޭންޑް ގެންނަން ވާހަކަ ދައްކަނީ. މި މަސައްކަތްތަކީ ބަޔަކާ ހަވާލު ކުރެވިފައި ވަނީ،" އާދިލް ވިދާޅުވި އެވެ.

ޗާޓައިމް- ބްރިޖް ސައިޓަށް!

ޓައިވާން ފްރެންޗައިޒެއް ކަމަށްވާ "ޗާޓައިމް" ގެ ފްރެންޗައިޒެއް އަންނަ މަސް ހިސާބު ބްރިޖު ސައިޓުގައި ހުޅުވާނެ އެވެ. ބްރިޖު ސައިޓުގައި ހަދަމުންދާ ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ހަދާ މިތަނުގައި ބަބްލް ޓީ އާއި އައިސް ޓީ، އަދި ސައިގެ ވައްތަރުތައް ނަން ހުސްކޮށް ހުންނާނެ އެވެ.

ފްރެންޗައިޒްތަކުގެ އެހެން ވާހަކައެއް

މަޝްހޫރު ފްރެންޗައިޒްތަކުގެ ފެންވަރާމެދު ސުވާލެއް ނެތެ އެވެ. ނަމަވެސް ކުއްލިއަކަށް ގިނަ އަދަދެއްގެ ފްރެންޗައިޒް ތަކެއް އަންނަ ވާހަކަ ފެތުރެމުންދާއިރު، މިއީ ކިހިނެއްވާ ކަމެއްތޯ ސުވާލު ކޮށްލުން ރަނގަޅެވެ. ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒެއް ގެނައުން މިއީ ފަސޭހަ ކަމެއް ނޫނެވެ. އަދި މިއީ އަގު ވެސް ބޮޑު ކަމެކެވެ. މި ފަދަ ބްރޭންޑްތައް އަންނަން ގިނަ ޝަތުރުތަކެއްވެސް ކުރިމަތި ކުރެ އެވެ. މީގެތެރޭގައި އެތަނުގެ އާބާދީ ވެސް މިއީ އެއް ސަބަބެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި އެއާޕޯޓަށް ފްރެންޗައިޒެއް ގެނެވިދާނެ އެވެ. ސަބަބަކީ އެތަނަށް އަހަރު 1.5 މިލިއަން މީހުން ޒިޔާރަތް ކުރާކަމުގެ ފުރިހަމަ ހިސާބެއް އޮތުމެވެ. ނަމަވެސް މާލެ ފަދަ ތަނެއްގައި މިފަދަ ބްރޭންޑްތައް ހުޅުވަން ގޮންޖެހުންތައް ހުރިކަން ތަޖުރިބާކާރުން ބުނެ އެވެ.

"ސީކްރެޓް ރެސިޕީ" ރާއްޖެ ގެނެސްފައިވާ އާމިރު މަންސޫރު ވިދާޅުވީ މެކް އާއި ކޭއެފްސީ ފަދަ ބްރޭންޑުތައް ސީދާ ޔޫރަޕުން ގެންނަމަ ފީއެކަނި ވެސް ވަރަށް އަގު ބޮޑު ވާނެ ކަމަށާ ނަމަވެސް ސްރީލަންކާ ފަދަ ގައުމުތަކުގައި އުޅޭ މީހުންގެ ހުއްދަ މެދުވެރިކޮށް ގެނެސްވިދާނެ ކަމަށެވެ. އެކަމަކު މި ފަދަ ގޮތަކަށް ގެނެސްފިނަމަ އެ ތަންތަނުގެ ފެންވަރު ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް މަސައްކަތް ކުރި ފްރެންޗައިޒް ގެންނަ. އެކަމަކު ސީދާ ކުންފުނި މެދުވެރކޮށް. މިގޮތަށް ގެންނަނަމަ ފީގެ ގޮތުގައި ދެ މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭ. އެ މީހުންގެ ހުރޭ ޝަރުތު ތަކެއް ވެސް. މި ތަންތަން ވަކި މުއްދަތެއްގެ ތެރޭގައި ހުޅުވަން ވެސް ޖެހޭ. މި މުއްދަތުގައި ނުހުޅުވިއްޖެނަމަ އެ ފައިސާ އަނބުރާ ވެސް ނުލިބޭނެ،" ލައްކައެއްހާ ޑޮލަރު ދައްކައިގެން ސީކްރެޓް ރެސިޕީ ރެސްޓޯރެންޓް ރާއްޖެ ގެނައި، އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އަގު ހެޔޮކޮށް ވެސް ފްރެންޗައިޒެއްގެ ގޮތުގައި މި ސަރަހައްދުގެ ގައުމަކުން ގެނެވިދާނެ ކަމަށާ ނަމަވެސް އެތަނުން ލިބޭ އުފެއްދުންތަކުގެ އަގު ހެޔޮނުވާނެ ކަމަށެވެ.

"މިހާރު މި ފެންނަނީ އެހެން ބައެއްގެ ތައްޕާހަށް ވެއްޓިގެން އުޅޭ ތަން. މި ގެންނަ ގިނަ އެއްޗިއްސަކީ ސްރީލަންކާގެ އެކި މީހުން ރޯޔަލްޓީ ނަގާފައިވާ ފްރެންޗައިޒްތައް. އެގޮތަށް ހަތް ޕަސެންޓް ދައްކާފަ، ރާއްޖެ އަށް ހަތް ޕަސެންޓް ދެއްކުމުން ޖުމްލަ އެބަ އަރާ 14 ޕަސެންޓް، ރޯޔަލްޓީ އަށް. ދެން ކިހިނެއް އެތަނުން ލިބޭ އުފެއްދުންތަކުގެ އަގު ހަދާނީ؟ މިހާތަނަށް ނެތް ސީދާ ކުންފުނި މެދުވެރިކޮށް ގެނެވިފަައެއް. އެހެންވެ ފެންވަރު ދައްވާނެކަން ޔަގީން،" އާމިރު ވިދާޅުވި އެވެ.

އާމިރު މިސާލެއްގެ ގޮތުގައި ވިދާޅުވީ ރާއްޖޭގައި ހިންގާ އަވަށްޓެރި ގައުމުތަކުގެ ރިސޯޓު މެނޭޖުމަންޓްތަކާއި ޔޫރަޕުގެ މެނޭޖުމަންޓުތަކުގެ ތަފާތެވެ.

ކޮންމެއަކަސް ފްރެންޗައިޒް ތަކެއް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަދި މި ތައްޔާރީތަކާއެކު އާއްމުންގެ ޝައުގުވެރިކަން ވެސް މި އޮތީ މަތީގަ އެވެ.