ކަނޑުމަތީގެ ހާދިސާ

ފަތަން ނޭނގޭ ފަޅުވެރިން ގޮވައިގެން 20 ގަޑިއިރު ކަނޑުގައި!

މީގެ ދެ ދުވަސް ކުރިން އިވިގެން ދިޔައީ ލޭނު އަޅަން ނުކުމެ އުޅުނު ބޯޓެއްގައި ރޯވެ، 10 މީހަކު ގެއްލުނު ހަބަރެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށް ބުނުމުން އިތުރަށް ސިއްސުވާލި އެވެ. އެ 10 މީހުން ތިބި ބޯޓު އެއްކޮށް އަނދާހުލިވެފައިވަނިކޮށް ފެނުނުއިރު ބޯޓުގެ އެއްވެސް މީހެއްގެ ހަބަރެއް ނުވެ އެވެ. ހަބަރުވީ މާފަހުންނެވެ.

މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތް ކުރަނީ ދިވެއްސަކާއި އިންޑޮނޭޝިއާ ނުވަ މީހެކެވެ. މި ހާދިސާ ހިނގީ އެ ބޯޓު ގދ. ތިނަދޫގެ 323 މޭލު ބޭރުންނެވެ. އޭރު ބޯޓު އޮތީ ރާއްޖެއާ 43 މޭލު ދުރުގަ އެވެ. ސިފައިން ކަނޑު މަގުންނާއި ވައިގެ މަގު މީހުން ހޯދަމުން ދަނިކޮށް، އެ މީހުން ސަލާމަތް ކޮށްފައިވަނީ އެ ކުންފުނީގެ އެހެން ބޯޓެއް ކަމަށްވާ "ސްޕެއާ 10" އިންނެވެ. ބޯޓުގައި ހިނގި ހާދިސާއާ ގުޅިގެން ކަނޑުވި މީހުން ވަނީ ރޭ އެމްއެންޑީއެފްއިން މާލެ ގެނެސްފަ އެވެ.

ހާދިސާ ހިނގައިދިޔަ ގޮތާއި އެމީހުން ކަންތައްކުރި ގޮތް ރޭ ވަނީ މީޑިޔާއާ ވެސް ހިއްސާކޮށްފަ އެވެ. އެ ވާހަކަތަކުން އެނގެނީ ބޯޓުގައި ހުރި ލ. ކަލައިދޫ، ރީޗް، މުހައްމަދު އިބްރާހިމްގެ އަދާޔާ ހިލާފު ހިތްވަރެވެ. އޭނާއަކީ އެ ބޯޓުގައި ހުރި ހަމައެކަނި ދިވެހި މީހާ އެވެ. ފަތަން ވެސް އެނގޭ ހަމައެކަނި މީހާ އެވެ. ދެން ތިބީ މުޅިން ވެސް ފަތަން ނޭނގޭ ބިދޭސީންނެވެ.

އެ ހާދިސާ ހިނގިއިރު ބޯޓު އޮތީ އަދައިގެ މަތިން ލޭނު އަޅާށެވެ. އެއީ ރޭގަނޑުގެ ވަގުތެވެ. ގަޑިން 7:30 އެވެ. އިބްރާހިމަށް އެއްޗެއް އަނދާ ވަސް ދުވަން ފެށިއިރު އޭނާ ހުރީ ނަމާދަށެވެ. ދުން ވެސް އަރަ އެވެ. އެ ވަސް ދުވަން ފެށުމުން ނަމާދު ފައިބައިގެން ގޮސް އިންޖީނު ހުޅުވާލިއިރު ހުރީ އަލިފާން ހިފާފަ އެވެ. ކުޑަކޮށެއް ނޫނެވެ. ވަރަށް ބޮޑަށެވެ. އެ އަލިފާން ގަނޑު ފެތުރި ސަލާމަތް ވެވޭނެ ހުރިހާ މަގެއް ބަންދުވީ އެވެ.

އޭނާ ނޫނީ ދެން މުޅިން ވެސް ތިބީ ފަތަން ނޭނގޭ މީހުން ކަމުން އެމީހުންގެ ޒިންމާ ވެސް އެޅުނީ އޭނާގެ ބޮލުގަ އެވެ. މޫދަށް ފުންމާލަން އެމީހުން ބިރުގަތެވެ. އެހެނަސް އެ ނޫން ގޮތެއް އެ ދަނޑިވަޅުގައި ނެތެވެ. ބޯޓު އެއްކޮށް އަނދަނީ އެވެ. ބޯޓުގައި މަޑުކޮށްފިނަމަ ފުރާނަ ސަލާމަތެއް ނުވާނެ އެވެ.

އިބްރާހިމް، އެންމެފަހުން މޫދަށް ފުޅިމަދުގަނޑެއް އެއްލާލީ އެވެ. އެއަށްފަހު ފަހަރަކު މީހަކު ލައިފް ޖެކެޓް އަޅުވައި މޫދަށް ކޮށްޕާލީ އެވެ. އޭނާ ފުންމާލީ އެންމެ ފަހުންނެވެ. އޭރު ގަޑިން ރޭގަނޑު 8:00 ޖަހަނީ އެވެ. ފުންމާލީ ގުޅައި އެކަން ރިޕޯޓް ކުރުމަށްފަހު އެވެ. އޭރު ބޯޓުގެ ޖަނަރޭޓަރު ވެސް ވަނީ ނިވިފަ އެވެ. ކަރަންޓެއް ނެތެވެ.

އިބްރާހިމް ކިޔައިދިން ގޮތުގައި ބޯޓުގެ ފަޅުވެރިން ފުޅިމަދުގަނޑު މައްޗަށް އަރުވައިގެން އޭނާ މޫދުގައި އޮތީ އެވެ. ގާތްގަނޑަކަށް 20 ގަޑިއިރު ކަނޑުގައި ހޭދަކުރި ބަނޑަށް ވެސް އެއްޗެއް ނުލަ އެވެ. ސަލާމަތް ކުރިއިރު ވެސް އެންމެން ތިބީ އެ ފުޅިމަދުގަނޑުގަ އެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ އަނެއް ދުވަހުގެ ހަވީރު ގާތްގަނޑަށް 4:30 ވަނިކޮށެވެ.

ބޯޓު އެއްކޮށް އަނދައި، އެ ބޯޓު ވަނީ އަޑިއަށް ގޮސްފަ އެވެ. ބޯޓާއެކު އެ އެންމެންގެ ޕާސްޕޯޓާއި އައިޑީކާޑު ފަދަ ހުރިހާ އެއްޗެއް ވަނީ ނެތިގޮސްފަ އެވެ. އެއާއެކު ފައިސާތަކާއި އެހެން ލިޔެކިޔުންތައް ވެސް ވަނީ ގެއްލިފަ އެވެ. އެއްވެސް އެއްޗެއް ސަލާމަތެއް ކުރާނެ ވަގުތެއް ނުވި އެވެ.

މި މަހުގެ ތިންވަނަ ދުވަހު މަހަށް ނުކުތް އެ ބޯޓު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، ކަނޑުގައި އިބްރާހިމާއި އެހެން ފަޅުވެރިން ހޭދަކުރި ވަގުތަކީ ދުވަހުކުވެސް އެމީހުންގެ ހަނދާން ފިލައިގެން ނުދާނެހާ ބިރުވެރި ވަތުތެކެވެ. ރޭގަނޑުގެ އެ އަނދިރިކަމުގައި ވާރޭ ވެސް ވެހުނެވެ. ކަނޑު ވެސް ގަދަ އެވެ. ނަމަވެސް ސަލާމަތްވާނެ ކަމުގެ އުއްމީދުގައި ކެރިގެން ކަނޑުގައި ތިބީ އެވެ. މާތްﷲ ގެ ރަހުމަތްފުޅުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެ އެންމެން އެވަނީ ސަލާމަތުން ހިކި ފަހަށް އާދެވިފަ އެވެ.