ސްރީލަންކާ

ހާލުޖެހުނު ލަންކާ މީހުން ބަސް ހުއްޓުނީ ދިވެހިންގެ ހެޔޮކަމުން!

  • ދިވެހި ސިފައިން ދިނީ ދުނިޔެއަށް މެސެޖެއް
  • އޮޕަރޭޝަނާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ
  • ޝުކުރު އަދާ ކުރާނެ ބަހެއް ދުލަކަށް ނައި

"ހީވީ އަހަރެންމެންގެ ބައްޕަ އަހަރެމެންނަށް އަޅާލަނީ ހެން،" 20 ދުވަސްވަންދެން މަގު އޮޅި ކަނޑުމަތީ އެތައް ވޭނެއް އުފުލި އަވަށްޓެރި ސްރީލަންކާގެ ހަތަރު މަސްވެރިން، ދިވެހި ސިފައިން ސިފަކުރީ މިހެނެވެ. މި ހަތަރު މަސްވެރިންނަކީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ބަޔަކެވެ. އެ ބޯޓު ފެނިފައިވަނީ ހދ. މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުުން އޮޔާ ދަނިކޮށެވެ. އޭގައި ތިބި ތިން މީހުންގެ ހާލު ރަނގަޅުއިރު ހަތަރުވަނަ މީހާގެ ހާލު ދެރަވެގެން ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާދީފައިވެ އެވެ. މިހާރު އެމީހާގެ ހާލު ވެސް ރަނގަޅެވެ.

ރޭ އެމީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ސިފައިން ވަނީ ނޫސްވެރިންނަށް ދީފަ އެވެ. ހުރަވީގައި ތިބި އެ ހަތަރު މަސްވެރިން މާލެ ގެނައުމަށް ސިފައިން ދިޔައީ ނޫސްވެރިންނާއެކު އެވެ. ހުރަވީގައި އެމީހުން ބަލަހައްޓަމުން ދަނީ ވެސް ސިފައިންނެވެ. އެ ހަތަރު މަސްވެރިންނަށް އެންމެ ފުރަތަމަ ނޫސްވެރިން ފެނުނުމުން ވެސް ތިބީ ވަރަށް އުފަލުންނެވެ.

ސިފައިންނާއެކު ލޯންޗުގައި މާލެ އައިސް، ކޯސްޓްގާޑް ބިލްޑިންއަށް އެމީހުން ވަންއިރު މަރުހަބާ ކިޔުމަށް އެ ގައުމުގެ ޑެޕިއުޓީ ސްޕޯޓްސް މިނިސްޓަރު ހަރީސް ހުންނެވި އެވެ. އަރިހުގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖާ ޖެނަރަލް (ރިޓަޔާޑް) އަސޯކާ ތޮރަޑެނިޔަ ހުންނެވި އެވެ. އެ ދެ ބޭފުޅުން ފެނުމުން މަސްވެރިން ވަރަށް އުފާވި އެވެ. އެތައް ދުވަހަކަށްފަހު އަމިއްލަ ގައުމުގެ ބައެއް ފެނުމުން ހިތްހަމަޖެހުން ލިބުނެވެ. އޭގެ އިތުރަށް މި އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވި ދިވެހި ސިފައިންގެ ބޭކަލުން ވެސް ތިއްބެވި އެވެ.

ކަން ހިނގާދިޔަ ގޮތް ހިއްސާ ކުރުމަށް ފުރަތަމަ އެ މަސްވެރިންނަށް އުދަނގޫވި އެވެ. ކުރިއަށް ވާހަކަ ދެއްކޭ ގޮތް ނުވެ ހިމޭނުން ތިބީ އެވެ.

ގިނަ އިރުތަކަކަށްފަހު އެމީހުންނަށް ދިމާވި ކަންކަން ހިއްސާކުރި އެވެ. އެމީހުން ވާހަކަ ދައްކަނީ ތަމަޅަ ބަހުންނެވެ. ހަތަރު މީހުންނަކީ ވެސް ލަންކާގެ އިރުމަތީ ޕްރޮވިންސުގެ ކަލްމުލާއަށް ނިސްބަތްވާ މުސްލިމުންނެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމުން ޑިސެމްބަރު މަހު ވެސް 24 ވަނަ ދުވަހު ވެސް އާދައިގެ މަތިން ނިކުތީ މަހަށެވެ. ފަސް ދުވަހު ކަނޑުމަތީ ތިބުމަށް އެވަރަށް ހަނޑު ކޮޅަކާއި ފެން ހިފައިގެންނެވެ.

ފަސް ދުވަހަށް ގެންދިޔަ ކާއެތި ކޮޅު ވެސް ހުސްވާތީ، ފަސް ދުވަސްވުމުން އެނބުރި ގައުމަށް ދާން މިސްރާބު ޖެހި އެވެ. ނަމަވެސް އެމީހުންނާ ދިމާވީ ހިޔާލަށް ވެސް ނުގެނޭފަދަ ކަމަކާ އެވެ. މަގު އޮޅުނީ އެވެ. މަގު އޮޅިގެން ދުއްވަނިކޮށް އިންޖީނުން ތެޔޮ ވެސް ހުސްވީ އެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެވެ.

އެ ހާލު މަސްވެރިންނަށް ދިމާވިއިރު ބޯޓުގައި ކާނެ އެއްޗެއް ނެތެވެ. ނަމަވެސް މަޝްވަރާކޮށް ވަރަށް ސަމާލުކަން ދީގެން ކެއުމުން 14 ދުވަހަށް ބޯޓުގައި ފެން ހުއްޓެވެ. ފެން ބޮނީ ކޮންމެ ދުވަހަކު ވެސް ހެނދުނަށް އެކަންޏެވެ. ކަނޑުމަތީ ތިބޭތާ 14 ދުވަސްވީއިރު ބޯޓުގައި ކާނެ އެއްޗެއް ނެތެވެ. ބޯނެ ފެނެއް ވެސް ނެތެވެ. ދެން ދިރި ތިބުމަށް އޮތީ އެންމެ ގޮތެކެވެ. މަސް ހިފައިގެން އަވީލައި ހިއްކައިގެން ކެއުމެވެ.

އުމުރުން 50 އަހަރުން މަތީގެ މި ހަތަރު މަސްވެރިން ފެނުނުއިރު އެމީހުން ތިބީ ވަރަށް ދެރަ ހާލުގަ އެވެ. ދުނިޔޭގައި ތިބި ކަމެވެ.

"އެންމެ ފުރަތަމަ ވެސް އެމީހުން [ދިވެހި ސިފައިން] އައިސް ދިނީ ކާ އެއްޗެހި، ވަރަށް އުފާވި، އުއްމީދު އާވީ އެ ހިސާބުން،" ހާލުގައި ޖެހުނު މަސްވެރިޔަކު ބުންޏެވެ.

ސިފައިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އޯގާތެރިކަމަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް އެ މީހުންނަށް ނޭނގުނެވެ. ބުނީ، އެކަމަށް "ބުނާނެ ބަހެއް ދުލަކަށް ނާންނަ" ކަމަށެވެ. އެހާ ވެސް އުފަލުން ތިބި ކަމަށެވެ. އެކަން ސިފަ ކުރަނީ "މިރަކަލެއް" ގެ ގޮތުގައި ކަމަށް އެމީހުން ބުންޏެވެ.

"އަހަރެމެންނަށް ހީވީ އަހަރެމެންގެ ބައްޕަ ނޫނީ މައިންބަފައިން އަހަރެމެންނަށް އަޅާލަމުންދާހެން، އެހާ ވެސް ހެޔޮ، ހީވީ ހަމަ އެއްބަނޑު އެއްބަފާ މީހުންހެން، ވަރަށް ވަރަށް ހިތްހަމަޖެހިފައި މިތިބީ، ދިން އެހީތެރި ކަމުގެ އަގު އަދާ ވެސް ނުކުރެވޭނެ،" ވަރަށް ހެވިފައި ތިބި އެ މަސްވެރިން ބުންޏެވެ.

ގަދަވެ ސަލާމަތުން ހަތަރު މަސްވެރިން ސަލާމަތްވެފައި ތިބިއިރު ލަންކާގެ ސަރުކާރުން ވެސް ވަނީ މިކަމުގައި ރާއްޖެ ކޮށްދިން މަސައްކަތަށް ޝުކުރުއަދާކޮށްފަ އެވެ. ލަންކާ ސަފީރު ވިދާޅުވީ، މިކަމުގައި ރާއްޖެ ކޮށްދިން މަސައްކަތްތަކަކީ ލަންކާ ސަރުކާރާއި ރައްޔިތުން ހިތު އަޑިން ޝުކުރުއަދާކުރާ ކަމެއް ކަމަށެވެ. މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދިން އަގުހުރި މަސައްކަތެއް ކަމަށެވެ. އަދި މިކަމުން ދެ ގައުމުގެ ބަދަހި ގުޅުން ވެސް ފެނިގެންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

"ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށް ލަންކާ ބޯޓު ހޯދުމަށް ދިވެހި ކޯސްޓްގާޑުން ވަނީ ވަރަށް ބޮޑު އޮޕަރޭޝަނެއް ހިންގާފަ، އެ އޮޕަރޭޝަން އަށް ދުވަހަށް ކުރިއަށް ދިޔަ، ބޯޓު ފެންނަދެން ހުއްޓާލުމެއް ނެތި މަސައްކަތް ކޮށްދިން، އަމިއްލަ ކަމެއް ކަމަށް ދެކިގެން ދިވެހި ކޯސްޓްގާޑުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރަން،" ސަފީރު ވިދާޅުވި އެވެ.

"މިކަމުން ރާއްޖެއިން އިންސާނިއްޔާތަށް ދޭ އިސްކަން ހާމަވި، އަހަރެން ގަބޫލުކުރާ ގޮތުގައި މިފަދަ ކަންކަމުން ފެނިގެން ދަނީ ދެ ގައުމުގެ ދެ މެދުގައިވާ ބަދަހި ގުޅުން، އަދި މިއީ މުޅި ދުނިޔެއަށް ވެސް މެސެޖެއް، މިކަމުން ދެ ގައުމުގެ ދެ މެދުގައިވާ ގުޅުން ދައްކުވައިދެވިއްޖެ، އަދި ސަރަހައްދީ އެހެން ގައުމުތަކަށް ވެސް މިއީ ނަމޫނާއެއް،"

ލަންކާގެ މަސްވެރިން އެނބުރި ގައުމަށް ފޮނުވާލުމަށް މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ. ސަފީރު ވިދާޅުވި ގޮތުގައި އެކަމަށް އޮތީ ދެ ގޮތެކެވެ. އެއީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ މަސްވެރިން ދިވެހި ސިފައިން ބޭރުކޮށްދީ، ލަންކާ ސިފައިންނަށް ހަވާލުކުރުމެވެ. ނޫނީ ވައިގެ މަގުން އެމީހުން ގައުމަށް ގެންދިޔުމެވެ. އެކަމާ މަޝްވަރާތައް ކުރެވުމުންދާ ކަމަށް ވިދާޅުވި އެވެ.