މޯލްޑިވްސް ކަސްޓަމްސް ސާވިސް

ފޮރެންސިކް ފުލުހުންނަށް ކަސްޓަމްސްގެ ތަމްރީން ދީފި

Jan 16, 2017

ފުލުހުންގެ މުއައްސަސާގެ ފޮރެންސިކް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަށް ކަސްޓަމްސް އިން "ކޮމްޕިއުޓާ ބޭސްޑް" ޓްރެއިނިން ޕްރޮގްރާމެއް ހިންގައިފި އެވެ.

މި ތަމްރީން ޕްރޮގްރާމަކީ ބައިވެރިންނަށް ހާއްސަ ދާއިރާތަކުން ކޮމްޕިއުޓަރު މެދުވެރިކޮށް މައުލޫމާތާއި ތަމްރީން ކިޔަވައިދީ، ހުނަރު ތަރައްގީކުރުމަށް ޔޫއެންޑީއޯއެސްއިން ހިންގާ ޕްރޮގްރާމެއްގެ ދަށުން ކަސްޓަމްއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މިއަހަރު 109 ފުލުހުންގެ އޮފިސަރުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައިވެ އެވެ.

ތަމްރީނުގައި ބައިވެރިވި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ޕޮލިސް ކަމިޝަނާ އަހުމަދު ސައުދީ ވިދާޅުވީ، ދެ މުއައްސަސާއަކީ ވެސް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި މުހިއްމު މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާއިރު، އެކުގައި ތަމްރީންތައް ހިންގައި، ގުޅިގެން މަސައްކަތް ކުރަން ފަރިތަކުރަންޖެހޭ ކަމަށެވެ. ފުރިހަމަ ގޮތުގައި ގާނޫނުތައް ތަންފީޒުކޮށް އެކަށޭނަ ހިދުމަތެއް ދެވޭނީ އޭރުން ކަމަށް ސައުދީ ވިދާޅުވި އެވެ.

ކޮމްޕިއުޓާ ބޭސްޑް ތަމްރީން ޕްރޮގްރާމަކީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކަސްޓަމްސް އިން އެކި މުއައްސަސާތަކަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ވަނީ ތަމްރީން ހިންގާފަ އެވެ. އެ ޕްރޮގްރާމުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.