އޮޑިޓާ ޖެނަރަލްގެ އޮފީހުން މިއަދު އާންމުކުރި ތިން ރަށު ކައުންސިލެއްގެ އޮޑިޓުގައި ފައިސާގެ ގިނަ މުއާމަލާތްތަކެއް ގަވައިދާ ހިލާފަށް ހިންގާފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން ގދ. އަތޮޅުގެ ތިން ރަށެއްގެ ކައުންސިލްގެ އޮޑިޓް ރިޕޯޓް މިއަދު އާންމުކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް ކައުންސިލްތަކުން ހިންގާފައިވާ ފައިސާގެ ގިނަ މުއާމަލާތްތަކެއްގެ ތަފްސީލު އެ ރިޕޯޓްތަކުގައި ވަނީ ހިމަނާފަ އެވެ. އޮޑިޓް އޮފީހުން މިއަދު އާންމުކޮށްފައިވަނީ ގދ. ވާދޫ، ގައްދޫ އަދި ފިޔޯރީ ކައުންސިލްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ.
އެ އޮފީހުން މިއަދު އާންމުކުރި ގައްދޫ ކައުންސިލް އޮޑީޓުގައި ބުނެފައިވަނީ، ގައްދޫ ކައުންސިލުން 2015 ވަނަ އަހަރު ގަވާއިދާ ހިލާފަށް ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ފޯން އެލަވަންސް ދީފައިވާ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ފޯން އެލަވަންސަކީ ވަކި ހާއްސަ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސެކެވެ.
ނަމަވެސް ގައްދޫ ކައުންސިލުން ވަނީ 2014 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި، މުވައްޒަފުންގެ ޒިންމާއަށް ބެލުމެއް ނެތި ހުރިހާ މުވައްޒަފުންނަށް އެ އެލަވަންސް ދޭން މެންބަރުން އަމިއްލައަށް ނިންމައި 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފޯން އެލަވަންސްގެ ގޮތުގައި 41276 ރ. ހަރަދުކޮށްފަ އެވެ.
އެއީ ދައުލަތަށް ގެއްލުނު ފައިސާއަށް ވާތީ އެ ފައިސާ އަނބުރާ ހޯދުމަށްފަހު ދައުލަތާ ހަވާލުކުރަން އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވާފަ އެވެ.
މީގެ އިތުރުންވެސް ކައުންސިލަށް ބަލައިގަންނަ ފައިސާ ބޭންކަށް ޖަމާ ނުކޮށް ތިޖޫރީގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާ މައްސަލަ އާއި، ކައުންސިލުން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރާ މަސައްކަތްތައް އިއުލާން ނުކޮށް މީހުންނާ ހަވާލުކުރާ މައްސަލައާއި އެކި ފަރާތްތަކުން ކައުންސިލަށް ލިބެންޖެހޭ 10،000 އަށްވުރެ ގިނަ ރުފިޔާ އަހަރު ނިމުނު އިރުވެސް ނުލިބި ވާއިރު އެ ފައިސާ ހޯދަން އެ ކައުންސިލުން މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓުގައި ބުނެ އެވެ.
ފިޔޯރީ ކައުންސިލުގެ އޮޑިޓުގައި ބުނެފައިވަނީ 2015 ވަނަ އަހަރު އެ ކައުންސިލަށް ލިބުނު ކަމަށް ތަފާސްހިސާބުތަކުން ފެންނަން ހުރި އާމްދަނީން އަހަރު ނިމިގެން ތިޖޫރީގެ ހުރި ފައިސާ ގުނި އިރު 35،573 ރުފިޔާ މަދުވާ ކަމަށެވެ. ތިޖޫރި ބެލެހެއްޓުމުގައި އެ ކައުންސިލް އިހުމާލުވެފައިވާތީ، އެ ކަމަށް ޒިންމާވާންޖެހޭ މީހަކު ހޯދައި އެ ފަރާތަކުން އެ ފައިސާ އަނބުރާ ހޯދަން އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވާފަ އެވެ.
ފިޔޯރީ ކައުންސިލުން ވެސް ވަނީ މުވައްޒަފުންނަށް ނުގަވާއިދުން ފޯން އެލަވަންސް ދީފަ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ ނިޔަލަށް 29000 ރުފިޔާ ފޯން އެލަވަންސްގެ ގޮތުގައި ކައުންސިލުންނަށް ދީފައިވާއިރު އެއީ ފޯން އެލަވަންސްގެ ގޮތުގައި ދިނުމަށް އިތުރު އަދަދެއް ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
އެ ރަށު ކައުންސިލުން ވަނީ 2015 ވަނަ އަހަރު މުވައްޒަފުންނަށް ބަންދު ދުވަހުގެ އެލަވަންސްގެ ގޮތުގައި ވެސް 30080 ރުފިޔާ ހަރަދުކޮށްފަ އެވެ. ފިޔޯރީ ކައުންސިލް އިދާރާގެ މުވައްޒަފުންނަކީ އާންމު އުސޫލުން ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނަށް ނުވާއިރުވެސް ބަންދު ދުވަހުގެ ފައިސާ މުވައްޒަފުންނަށް ދީފައިވާތީ ގަވާއިދާ ހިލާފަށް ދިން އެ ފައިސާ ހިސާބު ކުރުމަށްފަހު އަނބުރާ ދައުލަތަށް ޖަމާކުރުމަށް އަންގާފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކުލީގެ ގޮތުގައި ލިބެންޖެހޭ 47،775 ރުފިޔާއާއި ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ 127386 ރުފިޔާއާ އެކު ޖުމްލަ 175161 ރުފިޔާ އެރަށު ކައުންސިލަށް 2015 ވަނަ އަހަރު ނިމުނު އިރު ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ވެސް ދައުލަތަށް ހޯދަން ކައުންސިލަށް އަންގާފައިވެ އެވެ.
ވާދޫ ކައުންސިލް އޮޑިޓުން ފާހަގަވާ އެންމެ ބޮޑު މައްސަލައަކީ ކައުންސިލަށް ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި ވާއިރުވެސް އެ ފައިސާ ދައުލަތަށް ހޯދާފައި ނުވާ މައްސަލައެވެ. އެގޮތުން ބިމުގެ ކުލީގެ ގޮތުގައި އެ ކައުންސިލަށް ލިބެންޖެހޭ 42891 ރ. ވަނީ އަހަރު ނިމުނު އިރުވެސް ނުހޯދި އެވެ. މީގެ އިތުރުންވެސް އިދާރާއަށް ވަންނަ ފައިސާގެ ލިޔެކިޔުން ނުބެލެހެއްޓުމާއި، ވެރިންގެ ހުއްދަ ނުހޯދައި އިދާރާއަށް ތަކެތި ގަތުން ފަދަ މައްސަލަތަކެއް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.