ވިޔަފާރި

ގިނަ ފަސޭހަތަކާ އެކު ކަނޑިންމަ ރިސޯޓުން ވަޒީފާގެ ފުރުސަތު

  • މުވައްޒަފުންނަށް ހާއްސަ ކަމެއް ދޭނެ
  • މުވައްޒަފުން ހޯދަން މަސައްކަތް ކުރަނީ
  • އަންނަ މަހުގެ ފަހުކޮޅު ރިސޯޓު ހުޅުވާނެ

އަންނަ މަހު ހުޅުވާ، ކަނޑިންމަ މޯލްޑިވްސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސުވިމިން ޕޫލާއި މިނޫން ވެސް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް ރިސޯޓު ތަރައްގީކުރާ ރިއޯލޯ ކުންފުނިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ރިއޯލޯ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ރިސޯޓު ފަރުމާކޮށްފައިވަނީ މުވައްޒަފުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ލިބޭނެ ގޮތަށް ކަމަށެވެ.

"މުވައްޒަފުންނަށް އެންމެ ރަނގަޅު ހިދުމަތްތައް ލިބޭ ގޮތަށް މި ފަރުމާކޮށްފައިވާނީ. ސުވިމިން ޕޫލާއި އެއާކޮންޑިޝަން ކޮޓަރި އަދި ކެފާ އާއި ކުޅިވަރުތައް ކުޅެވޭނެ ވަސީލްތައް ހުންނާނެ،" ހަލީލް ވިދާޅުވި އެވެ.

ދ. އަތޮޅުގައި އަލަށް ހުޅުވާ މި ރިސޯޓުގެ 250 ވަޒީފާއަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ރިއޯލޯގެ އަމާޒަކީ އެ ރިސޯޓުގެ 65 ޕަސަންޓު ވަޒީފާ ދިވެހިން ނެގުމެވެ. މިގޮތުން މިހާރުވެސް އެ ރިސޯޓުގެ ސީނިއަ ގިނަ މަގާމް ތަކަށް ވަނީ ދިވެހިން ނަގާފަ އެވެ.

ރިއޯލޯ، ސީއީއޯ ހަލީލް ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ދިވެހިން ހޯދުން ކަމަށާ ބޭނުމަކީ ޓޫރިސްޓުންނަށް ރަނގަޅު ހިދުމަތެއް ދިނުން ކަމަށެވެ.

"އަޅުގަނޑު ބުނާނީ މިއީ މުވައްޒަފުންނަށް ދޭނެ އެންމެ ފެންވަރު ރަނގަޅު ހިދުމަތޭ. ހުރިހާ މުވައްޒަފުންނަށްވެސް ހޮޓް އެންޑް ކޯލްޑް ވޯޓާ ލިބޭނެ. ސްޓާފުންނަށް ހުންނާނެ ބޮޑު ކެފޭ، ޖިމާއި ޓެނިސް ކޯޓް ހުންނާނެ. ރަނގަޅު މުވައްޒަފުން ހޯދޭނީ ރަނގަޅު ފެސިލިޓީސް ދީގެން. އެހެންވެ މި ހިދުމަތްތައް މި ދެނީ،" ހަލީލް ވިދާޅުވި އެވެ.

"ބޭނުންވަނީ ފިރިހެން މުވައްޒަފުންނާ އެއް ހަމައެއްގައި އަންހެން މުވައްޒަފުންވެސް ގެން ގުޅުން. އެހެންވެ އަންހެން މުވައްޒަފުންނަށްވެސް ހާއްސަ ފެސިލިޓީ ހުންނާނެ."

ކަނޑިންމަ މޯލްޑިވްސްއަކީ 274 ކޮޓަރީގެ ރިސޯޓެކެވެ. ދިގު މިނުގައި ތިން ކިލޯ މީޓަރު ހުންނަ މި ރަށުގައި ތަރައްގީ ކޮށްފައިވާ ގެސްޓް ވިލާތައް ހަދާފައި ވަނީ ޓޫރިސްޓުން އެންމެ ގަޔާވާނެ ގޮތަށެވެ.