ހަބަރު

ސާކް ސަމިޓަށް ވެހިކަލް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް ވެހިކަލް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ. އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް 21 ވެހިކަލެއް ކުއްޔަށް ހިފިއެވެ.

ސާކް ސަމިޓަށް ކުއްޔަށް ހިފި ވެހިކަލްތަކުގެ މައްސަލަ އޭސީސީއިން ބަލާފައިވަނީ އެ މައްސަލަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި އޮވެގެނެވެ. ދެހާސް ތޭރަ ވަނަ އަހަރު ނެރުނު ސާކް ސަމިޓްގެ ހާއްސަ އޮޑިޓް ރިޕޯޓް ބުނާ ގޮތުން ސަމިޓަށް 21 ވެހިކަލެއް ކުއްޔަށް ހިފައި، 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ކުއްޔަށް ހިފާފައިވާ ރޭޓްތަކަކީ އާއްމުކޮށް ދުވަހު ކުއްޔަށް ނުވަތަ ގަޑިއަށް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށް އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޭގެއިތުރުން ދަތުރުތަކުގެ ތަފްސީލް ބަލަހައްޓާފައި ނުވުމާއި ބިލްކޮށް ފައިސާ ނަގާފައިވަނީ ހަގީގަތުގައި ސާކް ސަމިޓުގެ ބޭނުންތަކަށް އެ އުޅަނދުތައް ބޭނުންކޮށްފައިވާ ގަޑިތަކަށްކަން ޔަގީންކުރެވިފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީއިން މިއަދު އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން، ކުއްޔަށް ވެހިކަލް ހިފާފައިވަނީ އިއުލާންކޮށް ބިޑްކޮށްގެން ކަމަށެވެ. އަދި އުޅަނދުތައް ކުއްޔަށް ނަގާފައިވާ ރޭޓްތަކަކީ އާންމުކޮށް އުޅަނދުތައް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައިވީ ނަމަވެސް އުޅަނދުތައް ކުއްޔަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަކި ރޭޓެއް ހަމަޖައްސާފައެއް ނުވެއެވެ.

އޭސީސީން ބުނީ ސާކް ސަމިޓް ދުވަސްވަރު ހިދުމަތް ދިން ފަރާތްތަކުންނާއި ތަކެތި ކުއްޔަށްދިން ފަރާތްތަކުން އެދުވަސްވަރުގެ ޑިމާންޑަށް ބަލައި ހިދުމަތާއި ތަކެތީގެ އަގު ބޮޑުކޮށްފައިވާކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި ބުނެފައިވަނީ ކުއްޔަށްހިފި ވެހިކަލްތަކަށް ފައިސާ ދޫކޮށްފައިވަނީ ސާކް ސަމިޓް ނިމުނު ފަހުން ކަމަށާއި ވެހިކަލްތައް ކުއްޔަށް ހިފާފައިވަނީ އެގްރިމެންޓްކޮށް ވަކި މުއްދަތަކަށް ކަމަށްވާތީ ކުއްޔަށްހިފި ވެހިކަލްތަކަށް ފައިސާ ދީފައިވަނީ އެގްރިމެންޓް ކުރި މުއްދަތްތަކަށް ކަމަށެވެ.

ނަމަވެސް އޮޑިޓް ރިޕޯޓްގައި ހުރި ބައެއް ކަންކަން އޭސީސީއަށް ވެސް ވަނީ ފާހަގަވެފަ އެވެ. އެގޮތުން ކުއްޔަށްހިފި ވެހިކަލް ތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް ބަލަހައްޓާފައިނުވާ ކަމަށާއި އެ އުޅަނދުތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް އެނގެންނެތުމުން ބިލްކޮށް ފައިސާ ދީފައިވަނީ ވެހިކަލްތަކުން ކޮށްފައިވާ ދަތުރުތަކަށްކަން ޔަގީން ނުވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވެސް ވެއެވެ. އަދި އެކަން ޔަގީން ނުކޮށް އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ބުންޏެވެ. ނަމަވެސް އެއީ ޖިނާއީ ކުށެއްގެ ދައުވާ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ މި މައްސަލާގައި ލިބިފައިނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ބެލެވެން ނެތުމުން އެއީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ވަނީ ނިންމާފައެވެ.