އެކްސިޑެންޓް

އައްޑޫގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ޒަހަމްވެއްޖެ

އައްޑޫސިޓީ ހިތަދޫ ބޮޑުމަގުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ޒަހަމްވެއްޖެ އެވެ. މިރޭ ހިނގި އެކްސިޑެންޓް ގައި އަނިޔާ ވެފައިވަނީ ސައިކަލު ދުއްވަން އިން ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ، މިރޭ 8:47 ހާއިރު އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓް ވެފައިވަނީ ބޮޑުމަގުން ދުއްވާފައި ދިޔަ ކާރެއްގައި ގޯޅިއަކުން މަގަށް އަޅާލި ސައިކަލު ކޮންޓްރޯލްނުވެ ގޮސް ޖެހިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގި އިރު ސައިކަލު ދުއްވަން އިން 23 އަހަރުގެ ޒުވާނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާ ލިބިފަ އެވެ. އޭނާއަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.