ރިޕޯޓް

ސަމާލުވާންޖެހޭ ވަރަށް އުފަންވަނިވި މައްސަލަ އިތުރު!

ދަރިމައި ނުވުމާއި ދަރިމައި ވުމުގައި މައްސަލަ ދިމާވުމަކީ ވަރަށް ނާޒުކު ސިއްހީ މައްސަލައެކެވެ. އެކަން ފުރިހަމަ ނުވާ މީހުންނަކީ ދިރިއުޅުމުގައި ވަރަށް ގިނަ މައްސަލަތަކަކާ ކުރިމަތިލާ ބައެކެވެ. ރާއްޖޭގައި ވެސް މިމައްސަލަ ކުޑައެއް ނޫނެވެ.

ދަރިމައިނުވުން ނުވަތަ އިންފާޓިލިޓީ އަކީ ދަރިއަކު ހޯދަން ބޭނުންވެ ދެމަފިރިން ކުރާ މަސައްކަތް ބޭކާރުވުމެވެ. ކުދިން ނުލިބި ލަސްވާނަމަ ޑޮކްޓަރަށް ދައްކަންޖެހެނީ މި ސަބަބާހެދި އެވެ. ދަރިމައިނުވާން ދިމާވަނީ އަންހެނެއް ނަމަ ރަހިމުގައި ދަރިފަނި އަށަގަންނަ ބިސް ގިނަ ދުވަހު ހިފަހައްޓާއި ދިނުމުގެ ގާބިލުކަން ދަށްވުމުންނެވެ. ނުވަތަ އެއްކޮށް ނެތުމުންނެވެ. ފިރިހެނެއް ނަމަ ދަރިފަނި އުފެދުމުގައި މައްސަލަ ދިމާވެގެނެވެ. މީގެ ތެރޭގައި ފިރިހެނާގެ ހަށިގަނޑުގައި ދަރިފަނި އުފައްދާ މިންވަރު ދަށްވުމާއި އެއްގޮތަކަށް ވެސް ދަރިފަނި ނުއުފެއްދުމާއި ދަރިފަނީގައި އައިބުތަކެއް ހުރުން ހިމެނެ އެވެ. މި ދެކަމުންކުރެ ކަމަކާ ނުލައިވެސް ދަރިއަކު ނުލިބުމަށް މެދުވެރިވެދާނެ އެވެ.

ދަރިމައިނުވުމުގެ މައްސަލައަކީ ރާއްޖޭގައިވެސް ކަންބޮޑުވުމެކެވެ. އިހަށް ދުވަހާ ހަމައަށް ވެސް މިއީ ރާއްޖޭން ފަރުވާއެއް ހޯދެން އޮތް މައްސަލައެއް ނޫނެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުމަހު އައިޖީއެމްއެޗް ގާއިމްކުރި "ޔޫރޯ ރިނަލް އެންޑް ފާޓިލިޓީ" ސެންޓަރާއެކު ބޭރު ގައުމުތަކަށް ފަރުވާއަށް ނުދެވިފައި ތިބި އެތަކެއް ދިވެހިންނަށް މިވަނީ އާ އުންމީދެއް ލިބިފަ އެވެ. އައިޖީއެމްއެޗްގައި އެ ފަރުވާ މިހާރު ދޭއިު ހިދުމަތް ހޯދަން ގިނަ ބަޔަކު ދަނީ ރަޖިސްޓްރީ ކުރަމުންނެވެ. މިއީ މިފަދަ ހިދުމަތަކަށް ރާއްޖެ ބޭނުންޖެހިފައި އޮތް މިންވަރު ހާމަވާ ހެއްކެކެވެ.

އައިޖީއެމްއެޗްގެ ފާޓިލިޓީ ސެންޓަރަށް މިމަހުގެ މިހާތަނަށް ފަސްދޮޅަހާ ގާތްކުރާ އަދަދަކަށް ބަލި މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ހިދުމަތް ހޯދަން މިމަހު އެކަނިވެސް ނަން ނޯޓުކޮށްފައިވާ މީހުންގެ ނިސްބަތް ތިން ސަތޭކަ އަށްވުރެ މައްޗެވެ. އީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ނިސްބަތުން މަދު އަދަދެކޭ ނުބުނެވޭނެ އެވެ. މި ހިދުމަތުގެ މުހިއްމުކަން ބޮޑުވާ އެއް ސަބަބަކީ ވެސް މި އެވެ. ނަމަވެސް ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ބުނެވެން އޮތީ އެފަދަ ދިރާސާއެއް ކޮށްގެންނެވެ.

ޔޫރޯ ރިނަލް އެންޑް އިންފާޓިލިޓީ ސެންޓަރުގައި ހިދުމަތްދޭ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ޑރ. މަނީޝް ސިންހާ ވިދާޅުވާ ގޮތުގައި ދަރިމައިނުވާ މައްސަލަތަކަށް ފަރުވާ ހޯދަން ކްލިނިކަށްދާ މީހުންގެ ނިސްބަތް އިތުރެވެ. ރާއްޖޭގައި އެ ހިދުމަތަށް އޮތް ޑިމާންޑް ވެސް ވަރަށް ބޮޑެވެ. މިއީ ރާއްޖޭގެ އުފަންވަނިވި ސިއްހަތާ މެދު މިހާރަށްވުރެ ބޮޑަށް ވިސްނައި އެކަމަށް ސަމާލުވާންޖެހޭ ސަބަބެއް ކަމަށް ސިންހާ ވިދާޅުވި އެވެ.

ވަކި ޖިންސަކަށް ހާއްސަ މައްސަލައެއް ނޫން

ޑރ. ސިންހާގެ ނަޒަރުގައި ދަރިމައިނުވުމުގެ މައްސަލައަކީ ދެ ޖިންސްގެ މީހުންނަށް ވެސް އެއްވަރަކަށް ދިމާވުމުގެ ޗާންސް އޮތް ކަމެކެވެ. އެހެންކަމުން އެފަދަ މައްސަލައެއް އާއިލާގައި އުޅޭ ނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

"ވިހި ފަންސަވީހުގެ އަހަރުތަކުގައި އަލަށް ކައިވެނިކޮށްގެން ދެތިން މަސް ވަރު ވަންދެން ދަރިއަކު ހޯދަން ކުރާ މަސައްކަތް ނާކާމިޔާބު ވެގެން އަޅުގަނޑުމެން ގާތަށް އައުމުން މި ރެކަމެންޑް ކުރަނީ އަހަރު ދުވަސް ވަންދެން ދަރިއެއް ލިބޭތޯ މެދު ނުކެނޑި މަސައްކަތް ކުރަން. ފަރުވާ ފަށާނީ އެގޮތުގައި މަދުވެގެން އަހަރެއްވެ، ނަތީޖާއެއް ނުދައްކައިފި ނަމަ،" ސިންހާ ވިދާޅުވި އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުން މެދު ނުކެނޑި އެއް އަހަރު ދުވަހު ދަރިއަކު ހޯދަން ކުރާ މަސައްކަތުން އެކަން ކާމިޔާބުވުމުގެ ޗާންސް 25 ޕަސެންޓަށް އިތުރުކޮށްދެ އެވެ.

ދަރިން ނުލިބުމުގެ މައްސަލަ އާންމުކޮށް ދިމާވާ އުމުރުފުރާ ކަނޑައެޅިގެން ބުނަން ނޭގުނަސް، ތިރީހުގެ އަހަރުތަކަށް އެޅުމުން މިފަދަ މައްސަލަ ދިމާވާ އަންހެނުން ގިނަ ކަމަށް ސިއްހީ ތަޖުރިބާކާރުން އިއްތިފާގުވެ އެވެ. ސަބަބަކީ ތިރީހުގެ މެދު އަހަރުތަކަށް އަޅަމުންދާ ވަރަކަށް އަންހެނުންގެ ދަރިމައިވުމުގެ ގާބިލުކަން ދަށްވާން ފަށައެވެ. އާންމު ހާލަތްތަކުގައި ފިރިހެނުންގެ ދަރިފަނީގެ ބާރު ދަށްވެ، ނުވަތަ އުފައްދާ މިންވަރު ދަށްވާން ފަށަނީ އެމީހުން ސާޅީހުގެ އަހަރުތަކަށް އެޅުމުންނެވެ.

ދަރިމައިނުވާ މައްސަލަ އިތުރުވުމުގައި ދުންފަތުގެ ދައުރު ބޮޑު

ދުންފަތަކީ ގިނަ އަދަދެއްގެ ވިހަ މާއްދާތަކެއް އެކުލެވޭ ނުރައްކާތެރި އެއްޗެކެވެ. ދަރިމައިވުމުގެ ސިއްހަތަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރެ އެވެ. އަންހެނުންނާއި ފިރިހެނުންގެ އުފަންވެނި ސިއްހަތަށް މިއީ ނުރައްކަލެކެވެ.

"ދުންފަތަކީ ފިރިހެނާގެ ދަރިފަނި ހަލާކުކޮށްލާ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އަދި އަންހެނުން ބަނޑު ބޮޑުވުމަށްފަހު ބައިގެން ދިއުމަށްވެސް ވަރަށް ބޮޑަށް މަގުފަހިކުރުވަ އެވެ.

މީގެ އިތުރުން ރަލާއި އެނޫންވެސް މަސްތުވާތަކެތި ބޭނުން ކުރުމަކީވެސް އުފަންވެނި ސިއްހަތަށް ގިނަ ނުރައްކާތަކެއް ކުރިމަތިކުރުވާ ކަމެކެވެ. ހަށިގަނޑާ އެކަށީގެން ނުވާ ވަރަށް ކަސްތަރު ކުރުމާއި، ކަސްރަތާއި ދުރުވުމާއި މާ ބޮޑަށް ފަލަވުމަކީވެސް ދަރިން ނުލިބެން ދިމާވާ ސަބަބުތަކެކެވެ. ސިކުނޑީގެ ދުޅަހެޔޮކަން ވެސް މިކަމުގައި ބޮޑު ދައުރެއް އަދާކުރެ އެވެ.

ކޯފުއްޕި ޖެހިފައިވާ ނަމަވެސް ފިރިހެނުންގެ ދަރިމައިވުމުގައި މައްސަލަތަކެއް ދިމާވެދާނެ އެވެ. އަދި ތައިރޮއިޑް ގެ ސަބަބުން އަންހެނުންނަށް ދަރިމައިވުމުގައި ގިނަ މައްސަލަތަކެއް ދިމާވެ އެވެ. އެފަދަ ބައްޔެއް ހުންނަ ނަމަ ގަވާއިދުން ބޭސްކު ރުމަކީ މުހިއްމު ކަމެކެވެ.

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް އެންމެ ގިނައި ދޭ އެއް ފަރުވާ އަކީ "އިންވިޓްރީ ފަޓިލައިޒޭޝަން [އައިވީއެފް]" އެވެ. މިއީ އަންހެން މީހާގެ ރަހިމުން ނަގާ ބިހުގެ ތެރެއަށް ފިރިހެން މީހާގެ ދަރިފަނި ލެއްވުމަށްފަހު އެ ބިސް އަންހެންމީހާގެ ރަހިމަށް ލެއްވުމެވެ. މި ފަރުވާގެ މަގްބޫލުކަން ބޮޑުވެގެން އައީ 1978 ވަނަ އަހަރު ސައިންސްވެރިން ހެދި އައިވީއެފް ޕްރޮސީޖާ ކާމިޔާބުވެ، ފުރަތަމަ "އައިވީއެފް ބޭބީ" އުފަންވުމުންނެވެ.

މީގެ އިތުރުން ފިރިހެނުންގެ ސްޕާމް އުފައްދާ ގުނަވަނުގެ ހޮޅިތަކުގައި ބެދިފައި ހުންނަ ބްލޮކޭޖް ފިލުވުމާއި، އައިސީއެސްއައި އާއި ސްޕާމް އެންޑް އެގް ޑޮނޭޝަން ފަދަ ފަރުވާ ހިމެނެ އެވެ.