ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކެނޑިޑޭޓުންގެ ފޯމްތައް ބާތިލުކުރި މައްސަލައިގެ އަޑުއެހުން ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަށް މީގެ ކުރިން ކުރިމަތިލީ ފަރާތްތަކުގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރި މައްސަލައިގައި މިއަދު ތާވަލުކުރި ފުރަތަމަ އަޑުއެހުން ފަސްކޮށްފި އެވެ. މި މައްސަލަ ކޯޓަށް ވެއްދީ އިދިކޮޅު، އެމްޑީޕީއިންނެވެ.

ހައިކޯޓުން ބުނީ، މައްސަލައިގެ ޝަރީއަތް ފެށުމަށް ބާއްވަން އޮތް އަޑުއެހުން ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ތައްޔާރުވުމަށް ފުރުސަތަކަށް ދައުލަތުން އެދުމުންނެވެ.

އެ މައްސަލާގައި އެމްޑީޕީއިން ބުނެފައިވަނީ އިލެކްޝަނުގެ އިއުލާނުގެ ދަށުން އެމްޑީޕީއިން ވާދަ ކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލު ކޮށްފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި ސިވިލް ކޯޓުގެ ހުކުމާ ހިލާފަށް ކަމަށެވެ. އެހެންކަމުން އަލުން ކެނޑިޑޭޓުން ކުރިމަތިލާން ޖެހޭނެ ކަމަށް އިލެކްޝަނުން އެންގި އެންގުން ބާތިލު ކޮށްދިނުމަށް އެދޭ ކަމަށެވެ.

ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަނުން ބާތިލު ކުރިއިރު އިންތިހާބަށް އެކި ޕާޓީތަކުން 900 ފަރާތުން ކުރިމަތިލާފައިވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކެނޑިޑޭޓުންނެއް ނުހިމެނެ އެވެ.

މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ. އިންތިހާބު ދެމަހަށް ފަސް ކުރަން ސިވިލް ކޯޓުން ހުކުމްކުރީ، ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރު ނުވެވިގެން ކޯޓަށް ވެއްދި މައްސަލާގަ އެވެ.

އަލުން އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު ޕީޕީއެމްއިން ވަނީ އިންތިހާބަށް ތައްޔާރު ކަމަށް ބުނެފަ އެވެ. އަދާލަތު ޕާޓީން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ.