ރައީސް އަބްދުﷲ ޔާމީން

"ހުޅަނގުގެ ހުރިހާ ކަމެއް ނަކަލު ކުރުމަކީ ޑިމޮކްރަސީއެއް ނޫން"

ހުޅަނގުގެ ގައުމުތަކުގައި ކުރާ ހުރިހާ ކަމެއް "އަލިފުން ޔާ އަށް" ދިވެހިން ނަކަލު ކޮށްގެން ނުވާނެ ކަމަށާއި، ޑިމޮކްރަސީގެ މިނިވަންކަމާއެކު، ދިވެހިންގެ އަމަލުތައް ބަހައްޓަންޖެހޭނީ އިސްލާމީ އަގީދާ އާއި އުސޫލުތަކާ ފުށު ނާރާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފ. މަގޫދޫއަށް ވަޑައިގެން މިއަދު އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާނެ ކަންކަން ކޮށް ތަރައްގީ ގެނައުމަށް ކަމަށާއި ކަންކަމުގައި އޮންނަ ހިޔާލުތަފާތުވުން ތަކާއެކު ވެސް ސަރުކާރުން ތަރައްގީއަށާއި ރައްޔިތުންނަށް މަންފާ ގެނެސްދޭން ކުރާ ކަންކަމަށް ޖާގަ ދޭން ޖެހޭނެ ކަމަށާއި ތަރައްގީ ގެންނަންޖެހެނީ ހަމައެކަނި މާއްދީ ކަންކަމުން ނޫން ކަމަށެވެ.

އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި އަމިއްލަ އާދަ ކާދަ އާއި އަމިއްލަ އުސޫލުތަކުގެ ތެރޭން ކަންކަން ނިންމަން ދަސްކުރަންޖެހޭ ކަމަށާއި ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ބޭކާރު ކުރާނެ ވަގުތުތައް މިހާރު ނެތް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވީ އިސްކަން ދޭންވީ ތަރައްގީއަށް ކުރަންހުރި ކަންކަމުގެ ތެރޭގައި ސަރުކާރުން ގޯސްކޮށް ކުރާ ކަންކަމުގެ ވާހަކަ ދައްކައި އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކަމަށެވެ.

"މީގެ ކުރިން އެ މީހަކަށް އެމީހަކު އަނބުރާނެ ގޮތަކަށް ކަނޑި އަނބުރަން ސިޔާސީ ފަރާތްތަކާއި އެނޫން މީހުންނަށް ފުރުސަތު ލިބުނު. އެކަމުންވީ ފައިދާއެއް އެބަ އޮތްތޯ؟" ރައީސް ސުވާލު ކުރެއްވި އެވެ. "އެހެންވީމަ މިހާރު ކުރަންވީ ކަމަކީ ތަރައްގީއަށް ކުރެވެން ހުރި ކަންތައްތަކުގައި މައްސަލައެއް ހުރި ނަމަ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން. އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރަނގަޅު ކުރާނަން،"

އަބުރާ ބެހުމުގެ ކުށުގެ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހަކީ ރައްޔިތުންނަށް ހުރިހާ ގޮތަކުން ހިތްހަމަޖެހުން ގެނެސްދިނުމަށް ގެނައި އިސްލާހެއް ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ ގާނޫނަށް ގެނައި ބަދަލުން އިސްލާމީ ހަމަތަކާއި އުސޫލުތައް ގަބޫލުކުރާ ރައްޔިތަކަށް މާޔޫސްކަން ލިބިގެން ނުދާނެ ކަމަށެވެ.

"ހަމަ އެކަނި ކުރަން އޮތީ ތަރައްގީއަށްޓަކައި މާއްދީ ގޮތުން ކުރަންޖެހޭ ކަންކަމެއް ނޫން. އެއާއެކު އަހުލާގީ ގޮތުން ވެސް ތަރައްގީ އާއި ބަދަލު ގެންނަން ޖެހޭ. އެހެންވީމަ އަބުރާ ބެހުމުގެ ގާނޫނަށް ގެނައި އިސްލާހުން ރައްޔިތުންނަށް ލިބެންޖެހޭނީ ހިތްހަމަ ޖެހުމެއް. އިހުތިރާމް ކުރުން ގެނައުމަކީ އިސްލާމީ ހަމަތަކެއް ގަބޫލުކުރާ ރައްޔިތަކަށް މާޔޫސްކަން ގެނުވަންޖެހޭނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަން ޑިމޮކްރަސީއެއްގައި ގޮވާލަނީ އެބައެއްގެ އަމިއްލަ ހަމަޖެހުމާއި ސުލްހަވެރި އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށެވެ. ފަހަރެއްގައި ވެސް ހުޅަނގުގެ ގައުމުތަކުން ކުރާ ހުރިހާ ކަމެއް އޮތް ގޮތަށް ނަކަލު ކުރަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ނަކަލު ކުރާނަމަ ކުރަންޖެހޭނީ ދިވެހިންގެ ދީނާއި ވިސްނުމާއި ސަގާފަތް ގަބޫލުކުރާ ކަންކަން ކަމަށެވެ. ދިވެހިންނަކީ ވެސް އަމިއްލަ އުސޫލުތަކަކާއި ގަބޫލު ކުރާ އުސޫލުތަކެއް އޮތް ބައެއް ކަމަށާއި ގާނޫނުތައް ހެދުމުގެ މައިގަނޑު ސަބަބަކީ ވެސް ދިވެހިން ގަބޫލު ކުރާ ކަންތައްތަކެއްގެ ތެރެއިން ދިވެހިންގެ އަމިއްލަ ނިޒާމެއް ތައާރަފް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.