މޯލްޑިވިއަން އައިޑޮލް 2

ފުރަތަމަ ސީޒަންގެ ގަދަ 10: މިހާރު ކޮބާ؟

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންއަކީ އެތައް ބައިވަރު ދިވެހި ޒުވާނުންނަކަށް އެ ޒުވާނުންގެ ހުނަރު ދައްކާލުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ. އެ ރަނުގެ ފުރުސަތުގެ ބޭނުން ހިފައި، ބޮޑު މަގުބޫލު ކަމެއް ބައެއް ބައިވެރިން ހޯދި އެވެ. އޭގެތެރެއިން ވެސް ގަދަ 10 ގައި ހިމެނުނު 10 ބައިވެރިން ފާހަގަކޮށްލެވެ އެވެ.

އެ 10 ބައިވެރިންގެ ހުނަރު ކުރިއެރުވުމަށް ޕީއެސްއެމްއިން މަސައްކަތް ކުރަމުންދާއިރު އެ 10 ބައިވެރިން އަމިއްލައަށް ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޯލްޑިވިއަން އައިޑޮލްގެ ސަބަބުން އެ ބައިވެރިންނަށް ލިބުނު މަގުބޫލު ކަމުގެ ބޭނުން އެންމެ ފުރިހަމައަށް ދަނީ ހިފަމުންނެވެ.

އެގޮތުން އައިޑޮލް ކާމިޔާބު ކުރި ލައިޝާ ޖުނައިދު ވަނީ އޭނާގެ ފުރަތަމަ ލަވަ ރިލީޒްކޮށްފަ އެވެ. ޕީއެސްއެމްއިން ނެރޭ "ލައިޝާ އަލްބަމް" ގެ މަސައްކަތުގައި ލައިޝާ އަވަދިނެތި މަސައްކަތް ކުރަމުންދާއިރު އެ އަލްބަމްގައި އޭނާގެ ވީޑިއޯ ހަ ލަވައެއް ހިމެނޭނެ އެވެ.

އޭގެއިތުރުން ލައިޝާ ދަނީ އޭނާގެ އަމިއްލަ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ އަލްބަމްގައި ލައިޝާގެ ތަފާތު ލަވަތަކެއް ހިމެނޭނެ ކަމަށް އޭނާ ބުނާއިރު، ލައިޝާގެ އިނގިރޭސި ލަވަތަކެއް ވެސް އެ އަލްބަމްގައި ހިމެނޭނެ އެވެ.

އައިޑޮލްގެ ބައިވެރިންގެ ތެރެއިން އެންމެ ގަދައީ ދެވަނަ މަގާމު ހާސިލުކުރި ޝަލަބީ އިބްރާހިމްގެ އަޑެވެ. ޝަލަބީ ވަނީ މީގެ ކުރިން މަދަހަ އަލްބަމެއް ނެރެފަ އެވެ. އިތުރު އަލްބަމެއްގެ މަސައްކަތް ވެސް އޭނާ ދަނީ ކުރަމުންނެވެ. ޝަލަބީއަކީ މިހާރު ބާއްވާ ގިނަ މިޔުޒިކީ ޝޯތަކުން އާންމުކޮށް ފެންނަ މޫނެކެވެ. ހާއްސަ ހަފުލާތަކަށް ރާއްޖެއިން ބޭރުގައި ވެސް ޝަލަބީ ލަވަ ހުށަހަޅައިދީފައިވާއިރު ރާއްޖޭގެ ހަފުލާތަކަށް ވެސް އެންމެ "ފޭވަރިޓް" މޫނަކީ ޝަލަބީ އެވެ.

ޝަލަބީއެކޭ އެއްފަދައިން ޝޯތަކުގައި މުހައްމަދު އިޝާންއަކީ ވެސް ވަރަށް މަޝްހޫރު މޫނެކެވެ. މިޔުޒިކް ޝޯތަކާއި އެވޯޑް ހަފުލާތަކުން އިޝާންގެ ހުށަހެޅުމެއް ނުފެނި ނުދެ އެވެ.

އިޝާން މިހާރު ދަނީ އޭނާގެ ބޭންޑާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިޝާންގެ ބޭންޑްގެ ނަން ބާރަށް ފިޔަޖަހަމުން އަންނައިރު އަމިއްލަ އަލްބަމެއްގެ މަސައްކަތް ވެސް އޭނާ ދަނީ ކުރަމުންނެވެ. އެ އަލްބަމްގައި އިންތިޒާރުގައި އެތައް ބަޔަކު އެބަ ތިއްބެވެ. އިޝާން ބުނާ ގޮތުގައި އެ އަލްބަމް ވާނީ ތަފާތު އަލްބަމަކަށެވެ.

ގަދަ 10 އެއްގައި ހިމެނުނު މުހައްމަދު މުއައްޒިންގެ އަޑު ވެސް ހަމަ އެހާ ގަދަ އެވެ. މުއައްޒިންގެ ހާއްސަ ސްޓައިލް ކަމަށްވާ "ރޮކް" ލަވަތަކުގައި އެއީ ރަސްގެފާނުކަން އޭނާ ދަނީ ސާބިތުކޮށްދެމުންނެވެ. މުއައްޒިންއަކީ "ގްރައިވެޓީ ބައި ހަބޭސް"ގެ ލީޑް ވޯކަލިސްޓެވެ. އެތައް ޝޯތަކެއް އެންމެ ފޯރީގައި ލަވަތައް ހުށަހަޅައިދީފައިވަނީ މުއައްޒިންނެވެ. އޭނާ ސްޓޭޖަށް އަރައިފިނަމަ ފޫހިވުމެއް ނެތި ޝޯ ބަލާލަން ތިބެވެ އެވެ.

އޭގެ އިތުރުން މުއައްޒިން ދަނީ ހަބޭސް ބޮޑުބެރު ގުރޫޕާއެކު ބައެއް ބޮޑުބެރު ލަވަތައް ވެސް ކިޔަމުންނެވެ. އެކަމުގައި މުއައްޒިންއަކީ މޮޅު މީހެއްކަން ވަނީ ދައްކާލާފަ އެވެ.

އައިޑޮލްއިން ފެނުނު އެންމެ މަޖާ އަދި ޝައުގުވެރި ބައިވެރިއަކީ އިބްރާހިމް އަމާނެވެ. އަމާންގެ ލަވަ ކިޔުމުގެ ހުނަރުގެ އިތުރުން އައިޑޮލްގެ ތެރެއިން އެހެން ތަފާތު ހުނަރުތައް ވެސް ވަނީ ފެނިގެންގޮސްފަ އެވެ. އެގޮތުން އޭނާގެ އެކްޓިން ހުނަރަކީ ގިނަ ބަޔަކަށް ކަމުދިޔަ ހުނަރެެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ ފިލްމެއްގައި މުހިންމު ރޯލެއް އަދާކުރުމުގެ ފުރުސަތު ލިބިފަ އެވެ.

މަޝްހޫރު އަދި މޮޅު ގިނަ ފިލްމްތަކެއް އުފައްދާފައިވާ ޑާކް ރެއިން އެންޓަޓައިމެންޓްގެ ކުރިއަށް އޮތް ފިލްމް "މީ ލޯތްބަކީ" ގައި އަމާންގެ ވަރަށް މުހިންމު ރޯލެއް ފެނިގެންދާނެ އެވެ. އެ ފިލްމްގެ ޝޫޓިން އޭނާ ވަނީ ނިންމާލާފަ އެވެ.

އަބްދުﷲ ފާލިހް ވެސް ދަނީ ވެޑިންތަކާއި ރިސޯޓްތަކުގައި ލަވަތައް ހުށަހަޅައިދެމުންނެވެ. އަދިވެސް ދަސްކުރުމުގައި ބުރަކޮށް އުޅޭ ފާލިހު އަދި އަމިއްލަ ލަވައެއްގެ މަސައްކަތަކެއް ނުކުރެ އެވެ. ނަމަވެސް އޭނާ ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދާއެކު ކަވާ ލަވައެއް ކިޔާފަ އެވެ. އެއީ މަގުބޫލުކަން ހޯދި ރީތި ލަވައެކެވެ.

މީގެއިތުރުން ގަދަ ދިހައެއްގައި ހިމެނުނު އަބްދުﷲ ސޯދިގް ދަނީ އަމިއްލަ ދެ ލަވައެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ އަމިއްލަ ދެ ލަވައެއް މިހާރު ރިކޯޑް ކޮށްފައިވާއިރު އޭގެއިން އެއް ލަވައިގެ ވީޑިއޯ ވަރަށް ޝޫޓްކުރާނެ ކަމަށް ސޯދިގު ބުންޏެވެ.

ފިޓް ގާއި ޒަލީފް މިހާރު ބުރަކޮށް އުޅެނީ ކިޔުވުމައިގެންނެވެ. ޑިގްރީއަށް ޒަލީފް ކިޔަވަމުންދާއިރު ރިސޯޓްތަކަށް ގޮސް ހުސްވަގުތުތަކުގައި މިޔުޒިކް ވެސް އޭނާ ދަނީ ކުޅެމުންނެވެ. މިޔުޒިކް ކުޅުމުގެ އިތުރުން މިޔުޒިކް ދަސްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ގިޓާ ފަދަ އިންސްޓްރޫމެންޓްތައް އޭނާ ދަނީ ފަރިތަކުރަމުންނެވެ. މިފަހުން ބައެއް ޝޯތަކުން ވެސް ޒަލީފް ވަނީ ފެނިފަ އެވެ. އޭގެއިތުރުން ޒަލީފްގެ ފަރާތުން އުފާވެރި ހަބަރެއް ވެސް އެބަ އޮތެވެ.

ޒަލީފް ވެސް ދަނީ އޭނާގެ އަމިއްލަ ލަވަ އަލްބަމެއް ނެރުމަށް ތައްޔާރުވަމުންނެވެ. އެ އަލްބަމަކީ މުޅިން ވެސް އިނގިރޭސި ލަވަތައް ހިމެނޭނެ އަލްބަމަކެވެ. ފަހެއް ނުވަތަ ހަތް ލަވަ ހިމެނޭ އެ އަލްބަމް މި އަހަރުގެ މެދެއްހާތާ އަޑު އަހާލަން ލިބޭނެ ކަމަށް ޒަލީފް ބުންޏެވެ.

ފާތިމަތު އަޒްލީމާ އަދި އަހުމަދު ނަޒީހްގެ އަމިއްލަ ލަވަތަކެއް ފެނިފައިނުވީ ނަމަވެސް ސަޕޯޓަރުންގެ ހިތްތަކުގައި އަދިވެސް ދަނީ ރަސްކަން ކުރަމުންނެވެ. ނަޒީހު އިންސްޓަގްރާމްކުރާ ފޮޓޯތަކާއި ޕްރެޓިކްސް ކުރަމުން ސޯޝަލް މީޑިއާ ދޫކޮށްލާ ވީޑިއޯތަކަކީ އެތައް ގިނަ ޝެއާތަކެއް ލިބޭ އެއަށް ގިނަ ބަޔަކު އިންތިޒާރުކުރާ ވީޑިއޯތަކެވެ. ރާޅު ބޯއީގެ މަގޫބޫލުކަން އަދިވެސް ހަމަ އެހާ ބޮޑެވެ. އަޒްލީމާ ވެސް ބައެއް ޝޯތަކުން ފެނިގެން ދިޔަ އެވެ.

މި 10 ބައިވެރިންގެ ލަވަތަކެއް ވަރަށް އަވަހަށް ފެނިގެން ދިޔުން ވެސް ގާތެވެ. އެއީ ޓޮޕް 10 ގެ ހާއްސަ އަލްބަމެއް ނެރުމަށް ޕީއެސްއެމްއިން ވަނީ ނިންމާފަ އެވެ. އެ އަލްބަމުން މި ހިތްގައިމު އަޑުތައް އަލުން އަހާލަން ލިބިގެންދާނެ އެވެ.

މި ދިހަ ބައިވެރިންނަށް ވެސް މިހާބޮޑު މަޝްހޫރު ކަމަކާއި ސަމާލުކަމެއް ލިބިގެން ގޮސްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ސަބަބުންނެވެ. މިރޭ ފަށާ، މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއަކުން ވެސް މިފަދަ އިތުރު ކުޅަދާނަ ބައިވެރިންތަކެއް ފެނިގެންދާނެ ކަމާމެދު ޝައްކެއް ނުކުރެވެ އެވެ. ޝޯއަށް އިންތިޒާރުކޮށްލާށެވެ. ހުނަރުވެރިން އަދިވެސް ތިބީ އެވެ.