މޯލްޑިވިއަން އައިޑޮލް

އައިޑޮލްގެ ޕްރިމިއާ: މުނިފޫހިފިލުވުމުގެ ބޮޑު އީދު މިރޭ ފަށަނީ

މީގެ ކުރިން ރާއްޖޭގައި ނުބާއްވާހާ ބޮޑު ޝޯއެއް މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ބޮޑުތި ގޮންޖެހުންތަކާއި އުއްމީދުތަކަކާއެކު އެވެ. މޯލްޑިވިއަން އައިޑޮލްގެ ނަމުގައި ޕީއެސްއެމްއިން ފެށި ޝޯ، ގިނަ ދުވަސްތަކެއް ނުވެ، ވަރުގަދަ ޝޯއަކަށްވެ، ދިވެހިންގެ ކެއުމާއި ނިދުމުގެ ބައިވެރިޔަކަށް އެ ޝޯވެގެން ދިޔަ އެވެ. ހުރި ގޮންޖެހުންތައް ފިލައި، އުއްމީދުތައް ހާސިލު ކުރެވިގެން ދިޔަ އެވެ.

އައިޑޮލް ޝޯއަކީ ދިވެހިން އެކިގަނޑަކަށް ހަދައި، އެކުގައި މަޖާ ނަގާލަން ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. ސިޔާސީ ކަންކަމުން ދުރުވެ، މުނިފޫހިފިލުވާލެވުނު ޝޯއެކެވެ. ޝޯ ދައްކާ ގަޑީގައި ގޭގެ ސިޓިން ރޫމްތަކާއި ކެފޭތައް އޮންނަނީ ފުރިފަ އެވެ. މަގުމަތި ވަރަށް ވެސް އަމާނެވެ.

އެކަން އަލުން ފެށެން ދެން މާގިނަ އިރެއް ނެތެވެ. ކުރިއަށްވުރެ ބޮޑުކޮށް، ބޮޑެތި އުއްމީދުތަކާއެކު މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން މިރޭ ފަށާނެ އެވެ. މުނިފޫހިފިލުވުމުގެ ބޮޑު އީދު މިވަނީ އައިސްފަ އެވެ. އިންތިޒާރުތައް ނިމުނީ އެވެ.

ދެވަނަ ސީޒަންއާއެކު ޕީއެސްއެމްއިން އަންނަނީ ކުރިއަށްވުރެ މާ ފުރިހަމަކޮށެވެ. މޯލްޑިވިއަން އައިޑޮލްގެ ޓީމުން ވަނީ ދެވަނަ ސީޒަން އިތުރަށް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ބެލުންތެރިންގެ އުއްމީދުތަކާ އެއް ފެންވަރުގެ ޝޯއަކަށް އެ ޝޯވެގެން ދާނެ ކަމަށް ވެސް ބުނެފަ އެވެ. ޝޯއިން ފެނިގެންދާނެ ބައިވެރިންގެ ހުނަރު ވެސް ހައިރާންކޮށްލާހާ މޮޅުވާނެ އެވެ.

އައިޑޮލްގެ ޓީމުން މިހާރު ދަނީ ޕްރިމިއާ ނައިޓް ވަރަށް ކުލަގަދަ ކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އައިޑޮލް ޕްރިމިއާ ކުރުމަށް ހާއްސަ އިވެންޓެއް ޝްވެކް ސިނަމާގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ އިވެންޓަކީ ރެޑް ކާޕެޓް އިވެންޓެކެވެ. މިރޭ އޮންނަ އިވެންޓްގައި ދައުވަތު ދެވޭ ހާއްސަ ބޭފުޅުންނާއި ސްޕޮންސަރުން ބައިވެރިވާނެ އެވެ. މީގެ އިތުރުން ފުރަތަމަ ސީޒަންގެ ގަދަ 10 ގައި ހިމެނުނު ބައެއް ބައިވެރިން ވެސް އެ އިވެންޓްގައި ބައިވެރިވާނެ އެވެ. މިރޭ 9:30 ގައި ޕްރިމިއާ ނައިޓްގެ ހަރަކާތްތައް ފެށިގެންދާނެ އެވެ.

ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގައި ޝޯގެ އެޕިސޯޑެއް ދައްކާއިރު، ޝްވެކްގައި ބާއްވާ ޕްރިމިއާ ނައިޓްގައި ޝޯ ދައްކާނީ އެޗްޑީކޮށެވެ.

މިރޭ ދައްކާނީ އޮޑިޝަންތަކުގެ ފުރަތަމަ އެޕިސޯޑެވެ. ރާއްޖޭގެ ފަސް ސަރަހައްދެއް އޮޑިޝަންތައް ވަނީ ބާއްވާފަ އެވެ. އެއީ އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، މާލެ ސިޓީ އަދި ހދ. ކުޅުދުއްފުށީގަ އެވެ. އެ ފަސް އޮޑިޝަނުން ޖުމްލަ 43 ބައިވެރިޔަކު ވަނީ ޝޯގެ ފުރަތަމަ ރައުންޑް ކަމަށްވާ ތިއޭޓާ ރައުންޑަށް ގޮސްފަ އެވެ.

ތިއޭޓާ ރައުންޑް ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ޝޫޓްކޮށްފަ އެވެ. އެ ރައުންޑް ޝޫޓްކުރީ މަތިވެރީގެ ފަޅު ތެރެ އާއި އެ ރަށާ ކައިރީގައި އޮންނަ ފިނޮޅެއްގަ އެވެ. އެހެން ކަމުން މިދިޔަ ސީޒަނަށް ވުރެން ވެސް މިސީޒަނުގެ ހިތްގައިމުކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މަތިވެރީގެ ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި 43 ބައިވެރިން ގްރޫޕް ލަވަތަކެއް ހުށަހަޅައިދިންއިރު މި ބައިން 19 ކުދިން މުބާރާތާއި ވަކިވެގެން ދާނެ އެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައި ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިޔައިރު 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާއި ވަކިވެގެން ދާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް ބެވަރޭޖް ޕާޓްނާ އަކީ އެކްސެލް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ.