ފުރަތަމަ މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރުމަށް ފަހު އިއްޔެ ލައިޝާ ޖުނައިދު ވަނީ އޭނާގެ ފުރަތަމަ ވީޑިއޯ ލަވަ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. ވަރަށް ތަފާތު ގޮތަކަށް ލައިޝާ އެ ލަވައިން ފެނިގެން ގޮސްފައި ވާއިރު އެއީ ލައިޝާ ބެލުންތެރިންނަށް ދިން ސްޕަރައިޒެކެވެ.
ވަރަށް ފޯރި އާއި ޖޯޝުގައި އަބަދުވެސް ހުންނަ ލައިޝާގެ އެ މަޑުމަތިރި ލަވައަކީ މޯލްޑިވިއަން އައިޑޮލްގެ ވިނާއަށް ހާއްސަކޮށް ޕީއެސްއެމްއިން ނެރޭ އަލްބަމްގެ ލަވައެކެވެ. "ލައިޝާ އަލްބަމް" ގައި ފަސް ލަވައެއް ހިމެނެ އެވެ. ފަހަރަކު ލަވައެއް ރިލީޒް ކުރުމަށްފަހު އަލްބަމް އެއްކޮށް ރިލީޒް ކުރުމަށް ޕީއެސްއެމްއިން ވަނީ ނިންމާފަ އެވެ.
ލައިޝާގެ އިތުރު ފަސް ލަވައެއްގެ ޝޫޓިން ކުރިއަށް އޮތްއިރު އެ ލަވަތަކަކީ ވަރަށް ތަފާތު ލަވަތަކަކަށް ވެގެން ދާނެ ކަމަށް ލައިޝާ ވަނީ ބުނެފަ އެވެ.
"ފުރަތަމަ އިވިގެން މިދިޔައީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ލަވައެއް، ދެން ކުރިއަށް ހުރި ލަވަތަކަކީ މި ލަވައާ ވަރަށް ތަފާތުވާނެ ލަވަތަކެއް، މުޅިއަކު ހަ ލަވަ އިންނައިރު ކޮންމެ ލަވައަކީ ވެސް މުޅިން ތަފާތު ލަވައެއް، މުޅިން ވެސް ތަފާތު ޖޯންރާގެ ލަވަތައް ހުންނާނީ،" އިއްޔެ އަވަސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ލައިޝާ ބުންޏެވެ.
"ބާކީ އޮތް ފަސް ލަވައިގެ ތެރޭގައި ލައި ކިޔާ ހިތްވާ ކަހަލަ ޖޯންރާގެ ލަވަތައް ހިމެނޭނެ، މިސާލަކަށް ތަންކޮޅެއް ހިޕްހޮޕް ގޮތަކަށް ދާ ކަހަލަ ލަވަތައް އެބަހުރި، ދެން ރެގޭ ލަވައެއް ވެސް އެބައިން، އެގޮތަށް ބްލޫސް ލަވައެއް އެބައިން، އެހެންވީމަ ވަރަށް ބައިވަރު ޖޯންރާގެ ލަވަތައް އެބަހުރި،"
ލައިޝާ ބުނީ އަދި ފެނިގެން ދިޔައީ ފިލްމްގެ ޓްރެއިލާ ކަމަށެވެ. ފިލްމް ކުރިއަށް އޮތީ ކަމަށާއި ބެލުންތެރިންނާއި އެހުންތެރިން މާޔޫސް ނުވާނެ ކަމަށް އޭނާ ބުންޏެވެ.
"އެބަހުރި ބެލުންތެރިންނާއި އެހުންތެރިންނަށް ވަރަށް ކަމުދާނެ ލައީގެ ލަވަތައް، ވަރަށް އަވަހަށް އެ ލަވަތައް ވެސް އަންނާނެ،" ލައިޝާ ބުންޏެވެ.
"ލައިޝާ އަލްބަމް"އަށް ފަހު ވެސް އެހެން އަލްބަމެއްގެ މަސައްކަތް ލައިޝާ މިހާރު ވަނީ ފަށާފަ އެވެ. އެ އަލްބަމްގައި ލައިޝާގެ ދިވެހި އަދި އިނގިރޭސި ލަވަތައް ވެސް ފެނިގެންދާނެ އެވެ.
"ދިވެހި އަދި އިނގިރޭސި މިކްސްއެއް އުޅޭނެ ކަހަލަ އަލްބަމެއްގެ މަސައްކަތް ކުރަމުން ދަނީ، އެ އަލްބަމްއިން ފެނިގެން ދާނީ ޕޮޕް ލަވަތަކެއް،" ލައިޝާ ބުންޏެވެ.
"ސައިޕްރައިސްތައް ވަރަށް ބައިވަރު އަދި އެބަހުރި ބާކީ،" ލައިޝާ ބެލުންތެރިންނަށް ދޫކޮށްލި އުފާވެރި ހަބަރަކީ މިއީ އެވެ.