މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލް: ސީޒަން ދޭއް ތަފާތުވާ ސަބަބުތައް

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނަށް މިހާރު މިއޮތީ ތައްޔާރުވެފަ އެވެ. މިރޭ ސީޒަން ދެއެއްގެ ފުރަތަމަ އެޕިސޯޑް ފެނިގެންދާނެ އެވެ. މިރޭ ދައްކާނީ މާލޭ އޮޑިޝަނެވެ.

ސީޒަން ދޭއް ފަށަން މަދު ގަޑިތަކަަކަށް ވެފައިވާއިރު އުފެދޭ ސުވާލެއް އެބަ އޮތެވެ. މި ސީޒަން ކުރީ ސީޒަނާ ތަފާތު ވަނީ ކިހިނެއް ހެއްޔެވެ؟ ނޫނީ މި ސީޒަންގައި އުއްމީދު ކުރަންވީ ކޮން ކަންތައްތަކަށް ހެއްޔެވެ؟

މޯލްޑިވިއަން އައިޑޮލްގެ ޓީމުން ވަނީ އާ ސީޒަން ފުރަތަމަ ސީޒަނަށްވުރެ އެތައް ގުނައެއް ހާއްސަވެ، ތަފާތުވާނެ ކަމަށް ބުނެފަ އެވެ. އެކަމުގެ ޔަގީން ވަނީ ދީފަ އެވެ. އައިޑޮލްގެ ކަންކަމުގައި އިސްކޮށް އުޅުއްވާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، އާ ސީޒަނަކީ ބެލުންތެރިން އުއްމީދުކުރާ ފެންވަރުގެ ކޮލިޓީ ޝޯއަކަށް ވެގެންދާނެ ކަމަށެވެ.

މިފަހަރު ޓީވީއެމް އެޗްޑީ

މޯލްޑިވިއަން އައިޑޮލް ފެށުމަށް ތައްޔާރުވެފައިވާއިރު ޓީވީއެމްއިން ވަނީ ޓީވީއެމްގެ އެޗްޑީ ޗެނަލް ތައާރަފްކޮށްފަ އެވެ. އެހެންކަމުން މޯލްޑިވިއަން އައިޑޮލްގެ ޝޯތައް އެޗްޑީކޮށް، ޓީވީއެމްއިން ބަލާލުމުގެ ފުރުސަތު މިފަހަރު ދާނެ އެވެ.

މިއީ ކުރީ ސީޒަނާ ތަފާތުވެގެންދާނެ ކަމެކެވެ. ކުރީ ސީޒަނުގައި އަމިއްލަ ޓީވިއަކުން އައިޑޮލްގެ ޝޯތައް އެޗްޑީކޮށް ދައްކާފައިވީ ނަމަވެސް ޓީވީއެމްއިން އޭރު އެޗްޑީކޮށް ނުދެއްކެ އެވެ.

ކޮލިޓީ ވަރަށް ހަބޭސް

ޝާޔަން ވިދާޅުވީ، ދެވަނަ ސީޒަންގެ ކޮލިޓީ ވަރަށް ރަނގަޅުވާނެ ކަމަށެވެ. ބެލުންތެރިން އުއްމީދު ވެސް ވަރަށް ކޮލިޓީ ޝޯއަކަށް ކުރަމުންދާއިރު އެކަން ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޝާޔަން ވިދާޅުވީ، ފުރަތަމަ ސީޒަންގެ ކާމިޔާބީއަށްފަހު ދެވަނަ ސީޒަނަށް ބެލުންތެރިން ކުރަމުންދާ އުއްމީދުތައް މަތި ކަމަށެވެ. އެ އުއްމީދުތަކާ އެއް ފެންވަރުގެ ޝޯއެއް މިފަހަރު ފެނިގެންދާނެ ކަމަށެވެ.

"މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނަކީ ހުރިހާ ހިތްތަކުން ޖާގަ ހޯދި ޝޯއެއް، އުއްމީދުކުރި ފެންވަރުގެ ޝޯއެއް، އެ ޝޯއަކީ ކާމިޔާބެއް ކަމަށް ވަނީ ގަބޫލުކޮށްފަ، އާ ސީޒަންގެ ކޮލިޓީ ވެސް ވަރަށް ރަނގަޅުވާނެ،" ޝާޔަން ވިދާޅުވި އެވެ.

ފުންނާބު އުސް ބޭންޑެއް

މިދިޔަ ސީޒަންގައި އައިޑޮލްއިން ފެނިގެންގޮސްފައިވަނީ އާ ބޭންޑެކެވެ. ނަމަވެސް މިފަހަރު މިކަން ވެސް ތަފާތެވެ. އައިޑޮލްގެ ބޭންޑްގެ ގޮތުގައި މިފަހަރު ޝޯއިން ފެނިގެން ދާނީ ވަރަށް ފުންނާބު އުސް ފަރާތްތަކެކެވެ.

"މިފަހަރު ބޭންޑެއްގެ ގޮތުގައި ފެނިގެން ދާނީ މިޔުޒިކް އިންޑަސްޓްރީގަ އެންމެ ތަޖުރިބާކާރު އަދި ފަންނުގެ ގޮތުން ނަގާ ކިޔާލެ މީހުން އެކުލެވޭ ބޭންޑެއް،" ޝާޔަން ވިދާޅުވި އެވެ.

ބޭންޑާމެދު ޝަކުވާއެއް ކުރާނެ ފުރުސަތު މިފަހަރު އައިޑޮލްގެ ޓީމުން ނުދޭނެ އެވެ. އެކަމަށް ޓީމުން އޮތީ ވަރުގަދައަށް ތައްޔާރަށެވެ.

އާ މީހުންނަށް ބޮޑެތި ފުރުސަތުތައް

ކުރީ ސީޒަންގައި ވެސް ވަނީ އާ މީހުންނަށް އައިޑޮލްގެ މަސައްކަތްތަކުގައި ފުރުސަތު ދީފަ އެވެ. ނަމަވެސް މިފަހަރު އާ މީހުންނަށް ފުރުސަތުތައް ދީފައިވާ މިންވަރު އިތުރެވެ. ޕީއެސްއެމްގެ ވިސްނުމަކީ މިފަދަ ޝޯއެއް މެދުވެރިކޮށް އާ މީހުންތަކެއް ބިނާކޮށް، އެކި ދާއިރާތަކުން ހުނަރުވެރިން ކުރިއެރުވުމެވެ.

"އާ މީހުން ބިލްޑްކުރަން މިފަހަރު ފުރުސަތު އެބަ ދެން، އޭގެ ތެރޭގައި މޭކަޕް އާޓިސްޓުން، ޑިޒައިނަރުން ފަދަ މީހުން ހިމެނޭ، އާ މީހުން އެހެން ލެވެލްއަކަށް ހިއްލާލުމަށް އަޅުގަނޑުމެން އެބަ ފުރުސަތު ދެން ޝޯ މެދުވެރިކޮށް،" ޝާޔަން ވިދާޅުވި އެވެ.

ޖަޖިން ޕެނަލަށް ޕޮޒިޓިވް ބަދަލެއް

މިފަހަރު ޖަޖުންގެ ގޮތުގައި ފެނިގެން ދަނީ މަރިޔަމް އުނޫޝާ އާއި އިބްރާހިމް ޒައިދު އަލީ އަދި އިސްމާއިލް އައްފާނެވެ. އައްފާނަކީ މީގެ ކުރީ ސީޒަންގެ ޕެނަލުން ފެނުނު މޫނެއް ނޫނެވެ. އެއީ މިފަހަރުގެ ތަފާތެވެ. އެ ތަފާތު ވަރަށް ޕޮޒިޓިވް ކަމަށް ޝާޔަން ވިދާޅުވި އެވެ.

"ޖަޖިން ޕެނަލުން ވެސް އިންޕްރޫވްމެންޓްތަކާއި ތަފާތުތައް ފެނިގެންދާނެ، ޖަޖަސް ރިވިއުކޮށްލީމަ ވަރަށް ޕޮޒިޓިވް ރިއެކްޝަންތަކެއް އަޅުގަނޑުމެންނަށް ލިބިފައިވަނީ، އެއީ ހަމަ ވަރަށް ބޮޑު ތަފާތެއް އަދި ކުރިއެރުމެއް،"

އައްފާނުގެ އިތުރުން މިފަހަރު ފެނިގެންދާނެ އަނެއް އާ މޫނަކީ ޝޯގެ އަންހެން ހޯސްޓް ލަމްހާ ލަތީފެވެ. ހޯސްޓް ރިވިއުކޮށްލުން ވެސް ލިބިފައިވަނީ ވަރަށް ޕޮޒިޓިވް ކޮމެންޓްތަކެއް ކަމަށް ޝާޔަން ވިދާޅުވި އެވެ.

ގިނަ ތަމްރީނުތަކެއް

އާ ސީޒަންގެ ބައިވެރިންނަށް ޓްރެއިންތައް މިހާރު ވެސް ޕީއެސްއެމްއިން ހިންގަމުންދާއިރު މިފަހަރުގެ ޓްރެއިންތައް ކުރީ ފަހަރާ އަޅާބަލާއިރު ވަރަށް ބޮޑެވެ. ވޯކަލް ޓްރެއިން ދިނުމާއެކު ބައިވެރިންގެ ޕާސަނަލް ޑިވެލޮޕްމެންޓަށް ވެސް ޕީއެސްއެމްއިން ވަރަށް ބޮޑު އިސްކަމެއްދެ އެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓްރެއިންތައް ދަނީ ދެމުންނެވެ.

"މިފަހަރުގެ ކުދިންނަށް ވަރަށް އިންޓެންސް ޓްރެއިންތަކެއް ރާވައިގެން ހިނގަމުން މިދަނީ، އެއީ ފުރަތަމަ ދުވަހުން ފެށިގެން، ހަމައެކަނި މިޔުޒިކަލް ޓްރެއިނެއް ނޫން ވޯކަލް ޓްރެއިން އެކަންޏެއް ވެސް ދެނީ، ކުދިންނަށް ޕާސަނަލް ޑިވެލޮޕްމެންޓަށް ވެސް ޕީއެސްއެމްއިން ވަރަށް ބޮޑަށް ފޯކަސް އެބަ ދެން،" ޝާޔަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިލިބޭ ސްޓާރުންނަކީ ހުރިހާ ގޮތަކުން ވެސް ކޮލިޓީވާނެ ބަޔަކަށް ހެދުން އެއީ އަޅުގަނޑުމެންގެ އުއްމީދަކީ، އެ ތަފާތު ފެންނާނެ،" ޝާޔަން ވިދާޅުވި އެވެ.

މި ތަފާތުތަކާއެކު ޝޯ ބަލާލުމަށް އިންތިޒާރުކޮށްލައްވާށެވެ. މިރޭ 9:30 ގައި ޝޯގެ ޕްރިމިއާ ނައިޓް ފެށިގެންދާނެ އެވެ.