ހަބަރު

އައިޕީޓީވީގެ ހިދުމަތާއެކު ވިލުފުށި ތާރީހުގެ ތެރެއަށް

ތ. ވިލުފުއްޓޭ ބުނުމުން ހަނދާން ވާނީ ސުނާމީގެ ކާރީސާ އެވެ. އެ ކާރިސާގައި ވިލުފުށި އެއްކޮށް ސުންނާފަތިވެގެން ދިޔައިރު މިހާރު އެ ރަށް ވަނީ އަލުން އާރާސްތުވެފަ އެވެ. ތަރައްގީގެ ގޮތުން އެހެން ރަށްތަކާ ފައިހަމަކުރަމުންނެވެ.

ވިލުފުށީގެ ތަރައްގީގެ ދުވެލި ބާރުވެ، މީހުން ދިރިއުޅޭ އެހެން ރަށަކުން އަދި ނުލިބޭ ހިދުމަތެއް އެ ރަށަށް މިވަނީ ތައާރަފްވެފަ އެވެ. އެއީ އައިޕީޓީވީ ކޭބަލް ޓީވީގެ ހިދުމަތެވެ. މި ހިދުމަތް އެ ރަށަށް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން ދަނީ "މީޑިއާ ކަނެކްޓް"ގެ ފަރާތުންނެވެ.

އައިޕީޓީވީއަކީ ވަރަށް ތަފާތު ހިދުމަތެކެވެ. އާދައިގެ ކޭބަލް ހިދުމަތަަށްވުރެ އެޑްވާންސް ހިދުމަތެކެވެ. އައިޕީޓީވީ ހިދުމަތުން ކޭބަލް ޓީވީގެ އިތުރުން ވީޑިއޯ އިން ޑިމާންޑްގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ. ވީޑިއޯ އިން ޑިމާންޑް ބޭނުންކޮށްގެން ސާވާއަށް އަޅާފައި ހުންނަ ފިލްމްތަކާއި ލަވަތައް އެ ހިދުމަތް ގުޅާފައިވާ ކޮންމެ ގެއަކުން ވެސް ބަލައިލެވޭނެ އެވެ. އެމީހަކު ބޭނުންވާ ފިލްމެއް އިހުތިޔާރުކޮށްގެން ބޭނުންވާ ގަޑިއެއްގައި ހަމަ ބަލައިލަންވީ އެވެ.

އެވަރުން މީގެ މޮޅުކަން ނިމުނީއެއް ނޫނެވެ. މީގެ އެންމެ ބޮޑު އެއް ފައިދާއަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ. ހިލޭ ގޭގެއަށް ގުޅާލެވުމެވެ. މި ނެޓްވޯކް އަޅާފައި ހުންނަ ކޮންމެ ގެއަކަށް ވެސް އައިޕީޓީވީގެ ހިދުމަތް ބޭނުންކޮށްގެން ހިލޭ ގުޅާލެވޭނެ އެވެ. މި ހިދުމަތް ދިނުމަށް މީޑިއާ ކަނެކްޓުން ދަނީ ދިރާގާއެކު މަސައްކަތް ކުރަމުންނެެވެ. ކިހާ ސަޅި ހެއްޔެވެ؟

އޭގެއިތުރުން ގޭގެ ސެކިއުރިޓީ ނިޒާމްގެ މި ހިދުމަތުން ގާއިމުކުރެވޭނެ އެވެ. އެއީ ވެސް ހިދުމަތުގެ ހާއްސަ ކަމެކެވެ. އެއް ހިދުމަތަކުން މި ހުރިހާ ކަމެއް ފުރިހަމަވުމަކީ ވަރަށް ބޮޑު ލުޔެކެވެ. ފަސޭހައެއްވެސްމެ އެވެ.

ޓީވީއިން ހިދުމަތް ހޯދޭއިރު ފޯނުން ވެސް މި ހިދުމަތް ހޯދިދާނެ އެވެ. ވަކި ޔޫސާ ލޮގިންއެއް ހަދައިގެން ފޯނު ހިދުމަތް މެދުވެރިކޮށް ޓީވީ ބަލައިލެވޭނެ އެވެ.

މި ހިދުމަތް ދިނުމަށް ވިލުފުށީގައި އަޅާފައިވަނީ ފައިބާ އޮޕްޓިކް ކޭބަލެވެ. ބައެއް ރިސޯޓްތަކުގައި މި ކޭބަލް އަޅާފައިވީ ނަމަވެސް މީހުން ދިރިއުޅޭ ރަށެއްގެ މިފަދަ ކޭބަލެއް އަޅައިގެން ހިދުމަތް ދެމުން ނުދެ އެވެ. އައިޕީޓީވީގެ ހިދުމަތް ފޯރުކޮށްދެވެނީ މިފަދަ ކޮލިޓީ ފައިބަރުން ކޭބަލް މެދުވެރިކޮށް އެކަންޏެވެ.

ވިލުފުށީގެ 179 ގެއަށް މިހާރު ވަނީ ފައިބާ އޮޕްޓިކަލް ކޭބަލް ގުޅާފަ އެވެ. އެ ހިދުމަތް މިހާރު އެ ގެތަކަށް ލިބޭނެ އެވެ.