ފިނިޕޭޖް

އެ ހިނިތުންވުމާ އެކު މިފަހަރު އިޝާނެއް ނޫން ހިޝާން

ގާތްގަނޑަކަށް މިދިޔަ އަށް މަހުން ފެށިގެން ކުރަމުން އައި އިންތިޒާރަށް މިވަނީ ނިމުން އައިސްފަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއެއް މިވަނީ ވަރަށް ކުލަގަދަކޮށް ފެށިފަ އެވެ. ރޭ އައިޑޮލްގެ ފުރަތަމަ އެޕިސޯޑް ހާއްސަކޮށްފައިވަނީ މާލޭ އޮޑިޝަނަށެވެ.

"ގައިން ހީބިހި ނަގައިގެންދާ ފަދަ ހުށަހެޅުންތައް ވެސް ފެނުނު،" މިދިޔަ ސީޒަންގެ ގަދަ 10 ގައި ހިމެނުނު އިބްރާހިމް އަމާން ޝޯ ނިންމާލުމަށްފަހު ބުނީ މިހެނެވެ.

ރޭގެ އެޕިސޯޑުން ވަރަށް ކުޅަދާނަ އެހޭމެ ހުނަރުންފުރިފައިވާ ގިނަ ބައިވެރިންތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން ރޭ ގޯލްޑަން ޓިކެޓް ހާސިލުކުރި އަބްދުﷲ ހިޝާންއަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ހިޝާންއަކީ އައިޑޮލަށް އާ ނަމެއް ނަމަވެސް އޭނާގެ އާއިލާއަށް އައިޑޮލް އަލެއް ނޫނެވެ. ހިޝާންއަކީ މިދިޔަ ސީޒަންގެ ތިންވަނަ ހޯދި މުހައްމަދު އިޝާންގެ އެއްބަޑު އެއްބަފާ ކޮއްކޮ އެވެ.

ޕައިލެޓަކަށްވުމަށް ހުވަފެން ދެކެމުން އަންނަ ހިޝާންގެ ރޭގެ ހުށަހެޅުމާއެކު ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހިގެން ދިޔަ އެވެ. ހިޝާންގެ ދޮންބެ، އިޝާންއަށް ދޫނުކުރަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ޓްވިޓާގައި މިހާރު ވެސް އެންމެ ގިނަބައެއްގެ ފޭނަކަށް ވެފައި މި އޮތީ ހިޝާން އެވެ. ހިޝާންގެ އަޑުގެ ހިތްގައިމު ކަމުގެ އިތުރަށް އެތައް ބަޔެއްގެ ހިތުން ހިޝާން ޖާގަ ހޯދާފައި ވަނީ އޭނާގެ ބޭބެ، އިޝާން އެކޭ އެއްގޮތަށް އެ ރީތި، އަސަރުގަދަ ހިނިތުންވުމުގެ ބައިވެރިއާގެ ގޮތުގަ އެވެ.

ދެން އެންމެ ބޮޑަށް ފާހަގަވި މޫނަކީ އާ މޫނެއް ނޫނެވެ. މިދިޔަ ސީޒަނުން އޭނާ ކައިޓައިގެން ދިޔުންވީ ގިނަ ބަޔަކަށް ގަބޫލުނުކުރެވުނު ކަމަކަށެވެ. އަލުން އާ އަޒުމަކާއެކު އައިސް އޭނާ ވެސް ރޭ ވަނީ ގޯލްޑަން ޓިކެޓް ހޯދާފަ އެވެ. އެއީ، އައިޝަތު އަޒަލް އެވެ. ޖަޖުން ވެސް ވަނީ އޭނާއަށް ވަރަށް ބޮޑެތި ކުރިއެރުންތައް އައިސްފައިވާކަން ފާހަގަކޮށްފަ އެވެ.

އަޒަލް އެނބުރި ޝޯއަށް އައިއިރު މިދިޔަ ސީޒަންގައި ވިދާލި އަމާންގެ ބޭބެ، ހަސަން އިރުފާން ވެސް ރޭ ވަނީ ގޯލްޑަން ޓިކެޓް ހާސިލުކޮށްފަ އެވެ. އެއާއެކު "މޫނޭ ތީ ހިތް އެދޭ" ލަވަ ކިޔައިގެން ޖަޖުންގެ ހިތްތައް އަތުލައި، ހުސައިން ސަމާހު ވެސް ވަނީ ގޯލްޑަން ޓިކެޓް ގެންގޮސްފަ އެވެ.

ރޭ ގޯލްޑަން ޓިކެޓް ގެންދިޔަ އެހެން ބައެއް ބައިވެރިންނަކީ ޝަޒާ، ނަދީމް، ހަދީޖާ ވަދީފާ، އައިމިނަތު ޝިއުނާ، ޝަނީޒާ ޝަރީފް އަދި ޝަމްވީލް އެވެ.

އެންމެ ތަފާތު ހުނަރެއް ރޭ ފެނިގެން ގޮސްފައިވަނީ އިނާން (އައްޔު)ގެ ފަރާތުންނެވެ. އޭނާގެ ބީޓްބޮސް ހުނަރަކީ ޖަޖުން ވެސް ހައިރާންކޮށްލި ހުނަރެކެވެ. އައްޔުގެ ބީޓްބޮސްއަށް އުނޫޝާ ވަނީ ލަވަ ވެސް ކިޔާފަ އެވެ. އެ ހުނަރާއެކު ލަވަ ކިޔުމުގެ ހުނަރު ދައްކާލައި އައްޔު ވެސް ރޭ ގޯލްޑަން ޓިކެޓް ގެންދިޔަ އެވެ.

"މަހޭ ނެތިދާނޭ" ބުނަމުން އުނޫޝާއާއެކު ނަށާލި ރ. އަނގޮޅިތީމް ކައުންސިލް މެންބަރު އަހުމަދު އާދަމަކީ އެންމެން ރޭ ހެއްވާލި މޫނެވެ. އޭނާއަށް ގޯލްޑަން ޓިކެޓް ނުލިބުނު ނަމަވެސް ތަފާތު އަޑުތަކުން ލަވަ ކިޔައި، އޭނާ ވަނީ ރޭ ގިނަ ބައެއްގެ މުނިފޫހިފިލުވައިދީފަ އެވެ. ކުރު ވާހަކަ ކިޔައިދެމުން އައިސް އިބްރާހިމް މޫސާ ވެސް ވަނީ އެންމެން ހެއްވާލާފަ އެވެ. އެކަމަކު ލަވަ ހުށަހަޅައިދީ އެންމެން ރޮއްވާލީ ވެސް ހަމަ އިބްރާހިމް މޫސާ އެވެ.

މި ދެ ބައިވެރިންނަށް ގޯލްޑަން ޓިކެޓް ނުލިބުނު ނަމަވެސް ރޭގެ މަޖާގަނޑަކީ މި ދެ ބައިވެރިންނެވެ.

އެއް ބަޔަކު ރޮއްވާލައި އަނެއް ބަޔަކު ހެއްވާލައި، ރޭގެ އެޕިސޯޑް ނިމިގެން ދިޔައިރު، މިރޭ ވެސް މާލޭ އޮޑިޝަންގެ އެޕިސޯޑެއް އަންނާނެ އެވެ. އިންތިޒާރުކޮށްލާށެވެ.