ވިޔަފާރި

ސިނާއަތްތައް ކުރިއެރިޔަސް ވަޒީފާތައް އިތުރެއް ނުވި

  • ކުރިއަށް އޮތް ތިން މަހު ވަޒީފާތައް އިތުރުވާނެ
  • ޓޫރިޒަމްގެ ވަޒީފާތައް އިތުރުނުވާނެ ކަމަށް ލަފާކުރޭ
  • ވަޒީފާއަށް މީހުން ނުލިބުން ބޮޑު ހުރަހަކަށް

ރާއްޖޭގެ އިގްތިސާދުގެ ބޮޑެތި ސިނާއަތްތަކުގެ ވިޔަފާރީގެ ހަރަކާތްތައް މިދިޔަ އަހަރު ފަހު ކުއާޓާގެ ތެރޭގައި އިތުރުވި ނަމަވެސް އެ ކުއާޓާގެ ތެރޭގައި ވަޒީފާތައް އިތުރުވެފައި ނުވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އެކުލަވާލާ، "ކުއާޓަލީ ބިޒްނަސް ސާވޭ" ރިޕޯޓްގައި ބުނެފި އެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވަޒީފާތައް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމާއި، އިމާރާތްކުރުން، ހޯލްސޭލް އަދި ރިޓެއިލް ކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މެދުގައި ކުރާ ސާވޭއަކަށް ފަހު ކޮންމެ ކުއާޓާއެއްގައި ނެރޭ، އެ ސާވޭގެ މިދިޔަ އަހަރުގެ ފަހު ކުއާޓާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާބަލާ އިރު ހަތަރު ވަނަ ކުއާޓާގައި އެއްވެސް ސިނާއަތަކުން ވަޒީފާތައް އިތުރުވެފައި ނެތް ކަމަށެވެ. ވަޒީފާތައް އެއްހަމައެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަ ކުރަމުން އެ ރިޕޯޓްގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ވަޒީފާތައް 14 ޕަސެންޓްގައި ހުރި އިރު، ޓޫރިޒަމް ސިނާއަތުގެ ވަޒީފާތައް އިތުރުނުވެ، އެއް ހަމައެއްގައި ހުރި ކަމަށް، ސާވޭގައި ބައިވެރިވި، 75 ޕަސެންޓް ވިޔަފާރިތަކުން ބުނެފައިވާ ކަމަށެވެ. ޓޫރިޒަމް ސިނާއަތުގެ ވަޒީފާތައް އިތުރުވި ކަމަށް ބުނީ އެ ސާވޭގައި ބައިވެރިވި 22 ޕަސެންޓް ވިޔަފާރިންނެވެ.

ޓޫރިޒަމް ސިނާއަތުން މި އަހަރުގެ ތެރޭގައި ވަޒީފާތައް އިތުރުވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާގެ ވަޒީފާތައް އިތުރުވާނެ ކަމަށް 57 ޕަސެންޓް ވިޔަފާރިތަކުން ވަނީ ލަފާކޮށްފަ އެވެ.

ހޯލް ސޭލް ކުރުން އަދި ރިޓެއިލް ކުރުމުގެ ދާއިރާގެ ވަޒީފާތަކާ ގުޅޭ ގޮތުން ބުނެފައި ވަނީ ވަޒީފާތައް އިތުރު ނުވާ ކަމަށް 78 ޕަސެންޓް ވިޔަފާރިތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެ ދާއިރާއިން ވަޒީފާތައް އިތުރުވާނެ ކަމަށް 63 ޕަސެންޓް ވިޔަފާރިތަކުން ލަފާކުރާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ވަޒީފާތައް އިތުރުނުވި ނަމަވެސް ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ، ވަޒީފާތަކަށް އެކަށީގެންވާ ހުނަރުވެރިން ނުލިބުމަކީ އެ ދާއިރާގެ ކުރިއެރުމަށް އޮތް ހުރަހެއް ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމްގެ ދާއިރާއަށް އެކަށީގެންވާ ދިވެހިން ނުލިބުމަކީ ހުރަހެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ސާވޭގެ ރިޕޯޓުން ދައްކާ ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާގެ ވިޔަފާރިތައް އިތުރުވި ނަމަވެސް، ބޭރު ފައިސާ ނުލިބުމާއި ބޭންކްތަކުން ލޯނު ނުލިބުމާއި ބައެއް މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ ހުރަހެއް ކަމަށް އެ ދާއިރާގެ ވިޔަފާރިތަކުން ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް ވިޔަފާރިތަކުގެ ކެޕިޓަލް އިތުރު ކުރުމަށް އިންވެސްޓްކުރި އަދަދު ވަނީ އިތުރުވެފަ އެވެ. ޓޫރިޒަމް ސިނާއަތަށް ވެސް ލިބުނު އާމްދަނީ އިތުރުވި އިރު، ހޯލްސޭލް އަދި ރިޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.