ރިޕޯޓް

ދައުވާތަކަކީ ފިޔަވަޅެއް، އެކަމަކު ކަންބޮޑުވާން ޖެހޭ!

މުހައްމަދު އިބްތިހާލުގެ މަރަށް އިއްޔެ ވަނީ ދެ އަހަރުވެފަ އެވެ. އެ މަރަށް ދެ އަހަރުވެފައިވާއިރު މައްސަލައާ ގުޅޭ އެއްވެސް މީހަކަށް އަދި އަދަބެއް ދެވިފައެއް ނުވެ އެވެ. އިބްތިހާލުގެ މަރަކީ ވަރަށް ގިނަ ބަޔެއްގެ އިހުމާލު ހިމެނޭ މަރެކެވެ. އިބްތިހާލުގެ ގެއިން ފެށިގެން ރަށުން އަދި މުޅި ދައުލަތުގެ އިހުމާލު ވެސް އެ މަރުގައިވެ އެވެ. އެކަމުގައި ދެ ބަސް ވާނެ މީހަކު ނެތެވެ.

އިބްތިހާލު މަރާލި ކަމަށް އެއްބަސްވެފައިވާ އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ ޝަރީއަތް ފެށި މިހާރު ކުރިއަށްދާއިރު މިއަދު އިބްތިހާލުގެ މަރުގެ އެހެން ޝަރީއަތެއް ފަށާނެ އެވެ. އިބްތިހާލުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ޖިނާއީ ދައުވާ އުފުލާފައިވާ ޖެންޑާ މިނިސްޓްރީގެ ހަތަރު މުވައްޒަފުންނާއި ފުލުހެއްގެ ޝަރީއަތް މިއަދު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މިފަދަ މައްސަލައެއްގައި އިހުމާލުވި ފަރާތްތަކަށް ދައުވާކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ކުރިން މިފަދަ މައްސަލަތަކުގައި ދައުލަތުގެ މުވައްޒަފުންނަށް އަޅަނީ އިދާރީ ފިޔަވަޅެވެ. ވަޒީފާއިން ވަކިކުރުމުން ނޫނީ މަގާމު ދަށްކުރުމުން މައްސަލަ ނިމުނީ އެވެ. ޖިނާއީ ދައުވާއެއް މިފަދަ މައްސަލައެއްގައި ކުރުމުން ކުރިއަށް އޮތްތާ ދައުލަތުގެ މުވައްޒަފުން ޒިންމާދާރުވެ، ފަރުވާތެރިވާނެ ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް ދެކެ އެވެ.

ނަމަވެސް އެއް ބަޔަކު މިއީ ރަނގަޅު ފެށުމެއް ކަމަށް ބުނާއިރު އަނެއް ބަޔަކު ދަނީ މިކަމުގެ "ބިރުވެރިކަމުގެ" ވާހަކަ ދައްކަމުންނެވެ. މިކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރަމުންނެވެ.

އިބްތިހާލުގެ މައްސަލައަކީ މިފަދަ ގޮތަކަށް ފެންމަތިވެގެން އައި އެންމެ ބޮޑު މައްސަލައަށްވީ ނަމަވެސް މިފަދަ އެތައް މައްސަލަތަކެއް ރާއްޖޭގައި އެބަ ހުއްޓެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާތައް ކޮށްގެން ހުށަހެޅޭ މައްސަލަތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. މައްސަލަތައް އިތުރުވަމުންދާއިރު އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ބޭނުންވާ ވަސީލަތާއި މީހުން ތަމްރީނުކުރެވޭތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމާއި ދައުލަތުގެ ބެލުމަށް ދަށަށް ކުއްޖަކު ނުވަތަ މީހަކު ވެސް ގެންނަން ޖެހޭ ހާލަތުގައި އެ ޒިންމާ އަދާކުރުމަށް ކޮންމެ އަތޮޅެއްގައި ވެސް ޖެންޑާ މިނިސްޓްރީގެ ސެންޓަރެއް ވަނީ ގާއިމުކޮށްފަ އެވެ. އެ ސެންޓަރުތަކުގައި މަސައްކަތް ކުރަނީ މަދު މުވައްޒަފުން ކޮޅެކެވެ. މައްސަލަތަކުގެ އަދަދާއި މައްސަލަތަކުގެ ބާވަތަށް ބަލާފައި އެއީ އެކަށީގެންވާ އަދަދެއް ނޫނެވެ.

"އަތޮޅުތަކުގައި ހުންނަ ތަންތަނުގައި ކެޕޭސިޓީއެއް ނުހުރޭ، ބަޖެޓެއް ވަސީލަތެއް މީހުންނެއް ނެތް، ޓެކްނިކަލް ރިސޯސެއް ނެތް، ބައެއް އަތޮޅުތަކުގެ ޖެންޑާ ސެންޓަރުތައް މީހުން ނެތިގެން ބަންދުކޮށްފައި ވެސް އެބަ ހުރޭ، ބައެއް ތަންތަނުގައި ބަޖެޓެއް ނެތިގެން އަތޮޅު ތެރެއިން ހުށަހެޅޭ މައްސަލަތައް ނުބެލިފައި ވެސް އެބަ ހުރޭ،" ޖެންޑާ މިނިސްޓްރީގައި ކުރިން ވަރަށް އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހާދިސާތައް ނުހިނގާނެ ފިޔަވަޅުތަކެއް އެޅިފައެއް ނެތް، އެކަށީގެންވާ ރިސޯސްތަކެއް އަދިވެސް ނެތް ގާއިމުކޮށްދެވިފައެއް،"

ހދ. އަތޮޅަކީ އާބަދީގެ ގޮތުން އެންމެ ބޮޑު އަތޮޅަށްވާއިރު މުޅި އެ އަތޮޅަށް ހާއްސަކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ކުޅުދުއްފުށީގެ ހިޔާގެ ހާލަތު މީގެކުރިން މީޑިއާއަށް ފެންމަތިވެގެން ދިޔަ އެވެ. އެތަނުގައި ހާލަތު ފެނި އަމިއްލަ ފަރާތަކުން ބޮޑު ހޭދައެއް އެތަނަށް ކުރިއިރު އެއީ ވެސް މިފަދަ ތަންތަނުގައި ހާލަތު އެންމެ ރަނގަޅު ނޫންކަން ދައްކަވުއިދިން ހާދިސާއެކެވެ.

"މި ވާހަކަ އަބަދުވެސް ދެކެވޭ، އެކަމަކު ސިޔާސީ ކަންކަން އިސްވެ އިޖުތިމާއީ ކަންކަމަށް ސަމާލު ކަމެއް ނުދެވި އޮންނަނީ. ފެށުނީންސުރެ މި ސިސްޓަމް ބިލްޑްނުކޮށް ތިބެވުނީމަ ވަރަށް ބޮޑު ފެއިލިއާ އެއްގެ ގޮތުގައި މިކަން މި ފެންނަނީ،" އެ ބޭފުޅާ ވިދާޅުވި އެވެ.

އިބްތިހާލުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތަހުގީގަށް ފެންނަ ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ދައުވާ ކޮށްފައިވާއިރު، މިފަދަ މައްސަލައެއްގައި މިނިސްޓްރީގެ މުވައްޒަފުން ޒިންމާ ނަގަންޖެހެނީ ކިހާ ވަރެއްވީމަތޯ ވެސް ސުވާލު އުފެދެ އެވެ. އިބްތިހާލު މަރުވެގެން ދިޔައީ ވަރަށް ކުޑަ އާބާދީއެއް އުޅެމުންދާ ވ. ރަކީދޫގަ އެވެ.

"200 ރަށުގައި މީހުން ދިރިއުޅޭއިރު ޖެންޑާގެ ގޮފިތައް މި ހުންނަނީ ކޮންމެ އަތޮޅެއްގަ، އެއިން ތަނެއްގަ އެންމެ ދެ މުވައްޒަފުން ތިބެގެން ކިހިނެއްތޯ މުޅި އަތޮޅުން ކަވަރުކުރަނީ؟،" ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު ވިދާޅުވި އެވެ.

"އެކަން ކުރެވޭނީ ނުވަތަ ކޯޑިނޭޓްކުރެވޭނީ އެ ރަށެއްގަ ހުންނަ މުއައްސަސާއަކަށް، ކައުންސިލުން ވެސް އެކަމުގައި ބޮޑު ރޯލެއް އަދާކުރާނެ، ގާނޫނުގައިވާ ގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކައުންސިލްގެ ވެސް ޒިންމާއެއް، ކައުންސިލްގެ އިތުރުން ކުއްޖާއަށް ކުރިން ވެސް އަނިޔާކޮށްފައިވާކަން ޑޮކްޓަރުގެ ލިޔުންތަކުން ވެސް އެނގޭއިރު ހެލްތް ޕޯސްޓްތަކުގެ ޒިންމާއެއް ވެސް މިކަމުގައި އެބަ އޮތް،"

މައްސަލަތައް ގިނަވަމުން އަންނައިރު މިކަމުގައި އުޅޭ މުވައްޒަފުންގެ ފެންވަރާއި އެ މުވައްޒަފުންނަށް ލިބޭ މުސާރައާމެދު ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ. މިނިސްޓްރީގެ ކޭސް ވޯކަރުންނަކީ ވެސް ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހިދާނެ ބަޔަކަށްވާއިރު އެމީހުންގެ މުސާރަ ވެސް އެންމެ އެކަށީގެނެއްނުވެ އެވެ. އެހެން ވަޒީފާއެއް އަދާކުރުމުގެ ހުއްދަ ނޯންނައިރު އެހެން ވަޒީފާއެއް އަދާނުކުރާތީ ދޭން އޮންނަ އެލަވެންސް ވެސް ނުލިބޭ ކަމަށްވެ އެވެ.

"ސެންޓްރަލް ލެވެލްގައި ހުންނަވާނެ ފުދޭ ވަރަކަށް ތަމްރީނު ލިބިފައި ހުންނަވާ ބޭފުޅެއް، އެކަމަކު ވަރަށް މަދު ޕޯޝަނެއްގެ ހިދުމަތް އެ ބޭފުޅުންނަށް ދެވޭނީ، ދެން ނުތިބޭ އެހާ ތަމްރީނު ލިބިފައިވާ ބައެއް،" ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅާ ވިދާޅުވި އެވެ.

ޖެންޑާގެ ބަޖެޓް ކުޑައިރު އެކި ރަށްރަށުގައި ހިނގާ ހާދިސާތަކާ ގުޅިގެން ވަރަށް ގިނަ ދަތުރުތައް ކުރަން ޖެހެ އެވެ. ނަމަވެސް އެއީ ވެސް ބަޖެޓްގެ ދަތިކަމުން ކުރަން ވަރަށް ދަތިކަމެކެވެ. މައްސަލަތަކަށް ޖެންޑާ މުވައްޒަފުން އަބަދުވެސް ދަނީ ފުލުހުންނާއެކު އެވެ. ފުލުހުންގެ އެހީތެރިކަން މިކަމުގައި ޖެންޑާއަށް ލިބުނު ނަމަވެސް މިފަދަ މައްސަލަތަކަށް ތަމްރީނުކޮށްފައިވާ ފުލުހުން ވެސް މަދެވެ.

"މިކަހަލަ މައްސަލައެއް ހިނގައިފިނަމަ މިނިސްޓްރީގެ މުވައްޒަފެއް އެކަންޏެއް ނުދާނެ، އަބަދުވެސް ފުލުހުންނާ އެކީގައި ދާނީ، ޖެންޑާ މިނިސްޓްރީއަކީ ކުރިމިނަލް އޮފެންސެސްއަށް ފިޔަވަޅު އަޅާ ތަނެއް ނޫން، އެއީ އޭގަ ސޯޝަލް ސާވިސްދޭ އޮތޯރިޓީއެއް، ފުލުހުންގެ މަސައްކަތަށް ބަލާއިރު އާއިލީ މައްސަލަތަކާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުން އެންމެ މަދުވާނީ، އަދި ރިސޯސެސް ވެސް އެންމެ މަދު ވާނީ،" އެ ބޭފުޅާ ވިދާޅުވި އެވެ.

މިފަދަ ސީރިއަސް މައްސަލަތަކުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަންޖެހެ އެވެ. ސީރިއަސްކޮށް އެ މައްސަލަ ބަލަން ވެސް ޖެހެ އެވެ. ހަމައެއާއެކު ސިސްޓަމް ވެސް ހަރުދަނާކުރަން އެބަޖެހެ އެވެ. މިހާރު ވެސް ދާއިރާގައި ތިބި މަދު މުވައްޒަފުން ކޮޅު "ބިރެއްގެ" ތެރޭގައި މަސައްކަތް ކުރަން ޖެހުމަކީ މިކަމުގައި އޮތް ހައްލެއް ނޫނެވެ. މިކަމަށް ހައްލެއް އޮތީ ފަރުދީ، އާއިލީ ޒިންމާ ވެސް އުފުލައިގެންނެވެ. އިޖުތިމާއީ ޒިންމާ ވެސް ނަގައިގެންނެވެ. އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވެސް ބޮޑެތި އިންވެސްޓްތަކެއް ކޮށްގެންނެވެ. މި ދައުވާއިން މިކަން ނުނިމެ އެވެ.