މޯލްޑިވިއަން އައިޑޮލް

އައިޑޮލްގެ "ޗައިވާލާ" އާއި ރީހާންގެ ވަރުގަދަ އަޑު!

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއެއްގެ ދެވަނަ އެޕިސޯޑް ނިމިގެން ދިޔައިރު މި ހަފުތާއަށް އައިޑޮލް މިވަނީ އަލްވަދާއު ކިޔާފަ އެވެ. ނިމުނު އެޕިސޯޑަކީ ވަރަށް ރީތި، އަދާޔާ ހިލާފު ގިނަ އަޑުތަކެއް އަހާލަން ލިބުނު އެ ޕިސޯޑެކެވެ. ރޭ އެންމެ ފާހަގަވި ކަމަކީ ވެސް ތަފާތު އަޑުތަކެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް އަޑަކީ މުހައްމަދު ރީހާންގެ އަޑެވެ. އެންމެ 18 އަހަރުގެ ރީހާންގެ އަޑު އިވި ތިން ޖަޖުން ވެސް އާޝޯހުވިއިރު އިއްބެ ބުނި ގޮތުގައި ރީހާންގެ އަޑުގައި 150 ކިލޯގެ ބަރުދަން އެބަހުއްޓެވެ. ހިތްގައިމު ރީތި ލަވައެއް ކިޔައި، އެ އަަޑުގެ ޖާދޫގައި ޖެއްސުމަށްފަހު ރީހާން ވަނީ ރޭ ގޯލްޑަން ޓިކެޓް ގެންގޮސްފަ އެވެ.

ދެން އެންމެ ތަފާތު އަޑަކަށް ފެނިގެންދިޔައީ، އައިމިނަތު ހުނެއިދާގެ އަޑެވެ. ހުނައިދާގެ އަޑުން އިހު ޒަމާނުގެ ތެރެއަށް ގަންބުވާލިއިރު އެ އަޑަކީ ޖޭމް ދޮންކަމަނަ މެން ފަދަ ލެޖެންޑުންގެ އަޑު ފަދަ ވަރުގަދަ ރީތި އަޑެކެވެ.

ވަރަށް މަދުން ނޫނީ ނުފެންނަ އަޑުގެ ވެރި ހުނައިދާއަކީ ތެލެސީމިއާ ކުއްޖެއް ނަމަވެސް ހިތްވަރުގަދަ ކެރޭ ކުއްޖެކެވެ. ސިވިލް ޕޮލިސްގައި ވަޒީފާ އަދާކުރަމުންދާ ހުނައިދާގެ ފޭން ޓީމެއް މިހާރު ވެސް ވަނީ "ޓީމް ކޮއްކޮ" ގެ ނަމުގައި އުފެދިފަ އެވެ. އެންމެން ލޯބިން ހުނައިދާއަށް ކިޔައި އުޅެނީ ކޮއްކޮ އެވެ.

"ޓީމް ކޮއްކޮ" އަށްފަހު ދެން މިއޮތީ "ޓީމް ބޮބް" އެވެ. އެ ޓީމްގެ އައިޑޮލްއަކީ މުހައްމަދު ތަސްނީމެވެ. ވަނަމުން ނަމަ ބޮބެވެ. ބޮބަކީ ވެސް ތަފާތު އަޑެއްގެ ބައިވެރިއެކެވެ. މާފުއްޓަށް އުފަން ބޮބް ވެސް ވަނީ އޭނާގެ އަޑުގެ ޖާދޫ ދައްކާލައި ރޭ ގޯލްޑަން ޓިކެޓް ގެންގޮސްފަ އެވެ.

މިދިޔަ ސީޒަންގައި ގޯލްޑަން ޓިކެޓް ހޯދުމަށްފަހު އަމިއްލަ ސަބަބުތަކާހުރެ ޝޯ ދޫކޮށްލި އަހުމަދު ނަބީލް ވެސް ރޭގެ އެޕިސޯޑުން ފެނުނެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ ޒޫނާގެ ދަރިފުޅު ނަބީލްގެ ލަވަ އަޑު އަހާފައި ޖަޖުންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ވަގުތުން ޓިކެޓް ދިނެވެ. ނަބީލަކީ ވަރަށް އުއްމީދީ ބައިވެރި އެކެވެ. ނަބީލެކޭ އެއްފަދައިން ރޭ ގޯލްޑަން ޓިކެޓް ހޯދި އަމިނަތު އަލްޔާއަކީ ވެސް ވަރަށް އުއްމީދީ ބައިވެރިއެކެވެ.

ރޭ ޖަޖުން ހައިރާންކޮށްލައި، ގޯލްޑަން ޓިކެޓް ހޯދި އެހެން ބައިވެރިންނަށް ބަލާލާއިރު އައިޝަތު ޖައިޝާ، މުހައްމަދު އިބްރާހިމް، އަހުމަދު މާއިޝް، ހަމްދޫދު އަހުމަދު، އަހުމަދު ސައްޔާހް، ނާއިލް ޝަރީފް އަދި ނިޝްފާ މުސްތަފާ ފާހަގަކޮށްލެވެ އެވެ.

ރޭ ދެން އެންމެ ފާހަގަވީ މޯލްޑިވިއަން އައިޑޮލްގެ "ޗައިވާލާ" އެވެ. އުނޫޝާ ވަނީ "ޓީމް ޗައިވާލާ" އުފެދިގެންދާނެ ކަމަށް ރޭ ބުނެފަ އެވެ. ކަންވީ ވެސް އެހެނެވެ. އެ ޓީމު އުފެދިއްޖެ އެވެ. އަހުމަދު ޝަމީލްގެ ސަޕޯޓަރުންތަކެއް މިހާރު އުފެދިއްޖެ އެވެ. ރޭ ޝަމީލް ވެސް ވަނީ އޭނާގެ ހުށަހަލައިދިނުމުން ޖަޖުން އުފާކޮށްލައި، ގޯލްޑަން ޓިކެޓް ގެންގޮސްފަ އެވެ.

ބައްޕަގެ ބަލިހާލަތާމެދު ކުރަމުންދާ ހިތާމަ އާއި އާއިލާގެ އެންމެ ޅަ ދަރިފުޅަށްވުމުން ލިބޭ އުފަލާއެކު އައިޑޮލްގެ އޮޑިޝަންގައި ބައިވެރިވި ޝަމީލް ގޯލްޑަން ޓިކެޓް ގެންދިޔައިރު ވަރަށް ޖޯޝުގައި އޮޑިޝަނަށް ވަތް ބައިވެރިންނަށް ދާން ޖެހުނީ ހުސްއަތާ އެވެ. އެގޮތުން އުނާޝާއަށް ބެލީ ޑާންސްގެ ކްލާހެއް ނަގައިދިން މުހައްމަދު ހަމްދާން އާއި އުނޫޝާ ހިންގުން ކޮޕީކުރަން އުޅުނު އާދަމް ޝިޔާޒަށް ގޯލްޑަން ޓިކެޓް ނުލިބުނެވެ.