މުހައްމަދު އިބްތިހާލް

އިބްތިހާލު މައްސަލާގައި ދައުވާ އުފުލާފައިވާ މީހުން: ކ ން ވ އަށް ރަޝީދު، ސިޔާޒާ، ޝަކީބު، ސުޒާދު އަދި ލިސާން - ފޮޓޯ: އަފްޝީން ނަސީރު
0%
0%
0%

މީގެ ދެ އަހަރު ކުރިން ވ. ރަކީދޫގައި މުހައްމަދު އިބްތިހާލު މަރުވެފައިވަނީ އޭނާއަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކުގައި ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އޮއްވާ ކަމަށް ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ބުނެފި އެވެ. އިބްތިހާލު މަރުވީ ޖެނުއަރީ 28، 2015 ގައެވެ.

އިބްތިހާލުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި، ޖެންޑާ މިނިސްޓްރީގެ ހަތަރު މުވައްޒަފުންނާއި ފުލުހުންގެ ކޮމާންޑަރުގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ. ދައުވާކޮށްފައިވަނީ، މިހާރު ވެސް ޖެންޑާ މިނިސްޓްރީގެ ވަޒީފާގައި ތިބި، ގއ. ދެއްވަދޫ، ނަސްރީނުގެ މުހައްމަދު ރަޝީދު އާއި ފ. ފީއަލީ ގުލްއަލާމާގޭ، މުހައްމަދު ޝަކީބު، އަދި އެ މިނިސްޓްރީގެ ވަޒީފާއިން މިހާރު ވަކިވެފައިވާ، އައިމިނަތު ސިޔާޒާ އާއި އަހުމަދު ސުޒާދުގެ މައްޗަށެވެ.

އަދި، އެ ހާދިސާ ހިނގި އިރު، ވ އަތޮޅުގައި ހުރި ފުލުހުންގެ ނޮދަން އޭރިއާގެ އެކްޓިން ކޮމާންޑަރު، ބ. އޭދަފުށީ މާބަގީޗާގޭ، ލިސާން އަބޫބަކުރުގެ މައްޗަށް ވެސް ދައުވާކޮށްފައި ވެއެވެ.

މިއަދު މި މައްސަލާގައި ޝަކީބާއި ރަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އެއްކޮށެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ޑިސެމްބަރު 29، 2014 ގައި އިބްތިހާލަށް އަނިޔާކުރި ކަމުގެ މައްސަލަ ވ. އަތޮޅު ފެމެލީ އެންޑް ޖެންޑާ ސެންޓަރަށް ހުށަހެޅި ކަމަށެވެ. އޭރު އެފަދަ މައްސަލަ ކުރިއަށްދާ ގޮތް ބެލުމުގެ މަސްއޫލިއްޔަތު އޮތް މަގާމުގައި ތިއްބެވީ ޝަކީބާއި ރަޝީދު ކަމަށެވެ. ނަމަވެސް ދައުވާގައިވާ ގޮތުން އެ މަގާމާ ހަވާލުވެ ތިބެ، އިބްތިހާލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެއް ނުވާ ކަމަށެވެ. އެ ފިޔަވަޅުތައް ނާޅާ އޮއްވައި ޖެހިގެން އައި މަހު އިބްތިހާލަށް ސީރިއަސް އަނިޔާތަކެއް ލިބި މި ދުނިޔެ ދޫކުރި ކަމަށް ދައުވާގައިވެ އެވެ.

ރަޝީދު މިއަދު ކޯޓުން ނިކުންނަނީ: އޭނާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ - ފޮޓޯ: އަފްޝީން ނަސީރު \ އަވަސް

ދައުވާ އިއްވުމުން ރަޝީދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ޖަވާބުދާރީވުމަށް ވަކީލެއް ހޯދުމަށް ހަތް ދުވަހުގެ މުއްދަތަކަށް އެދުނެވެ. އެ މުއްދަތު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ދެއްވި އެވެ. ހަމަ އެ މުއްދަތު ޝަކީބަށް ވެސް ދެއްވި އެވެ. ދެ މީހުން ވެސް ވަނީ މައްސަަލައިގެ ހިމެނޭ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އެދިފަ އެވެ. ރަޝީދާއި ޝަކީބުގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ.

މިއަދު ބޭއްވި ދެވަނަ އަޑުއެހުމަކީ ސިޔާޒާ އާއި ސުޒާދުގެ ޝަރީއަތް ހިންގުމަށް ބޭއްވި އަޑުއެހުމެވެ. އެ ދެ މީހުންނަކީ އޭރު ވ. އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންގެ މައްޗަށް އިއްވި ދައުވާގައި ވަނީ ޑިސެމްބަރު 29، 2014 ގައި އިބްތިހާލަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަ ބަލަން ރަކީދޫއަށް ދެ މީހުން ވެސް ދިޔަ ކަމަށެވެ. ނަމަވެސް އިބްތިހާލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ޝަކީބު މިއަދު ކޯޓުން ނިކުންނަނީ: އޭނާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ - ފޮޓޯ: އަފްޝީން ނަސީރު \ އަވަސް

ދައުވާ އިއްވުމުން ސިޔާޒާ ވަނީ ދައުވާއަށް ޖަވާބުދާރީވާނީ ވަކީލަކާއެކު ކަމަށް ބުނެ، 14 ދުވަހުގެ ފުރުސަތަކަށް އެދިފަ އެވެ. އެ ފުރުސަތު ސިޔާޒާއަށް ގާޒީ ދެއްވި އެވެ.

ސުޒާދު މިއަދު ކޯޓަށް ހާޒިރުވެފައިވަނީ ވަކީލަކާއެކު އެވެ. އޭނާގެ ވަކީލް މިއަދު ވަނީ ދައުވާއަށް ޖަވާބުދާރީވެފަ އެވެ. ސުޒާދު ވަކީލް ވިދާޅުވީ، އެ ހާދިސާ ހިނގިއިރު ސުޒާދަކީ ޕްރޮބޭޝަންގައި ހުރި މުވައްޒަފެއް ކަމަށާއި އޭނާ މަސައްކަތް ކުރަމުން ދިޔައީ ސިޔާޒާ އެންގި ގޮތަކަށް އޭނާ ބުނި ކަމެއް ކުރަމުން ކަމަށެވެ. އެގޮތުން އިބްތިހާލު މައްސަލާގައި ވެސް އެ ރަށަށް ގޮސް ސުޒާދު އަމަލު ކުރީ ސިޔާޒާ އެންގި ގޮތަކަށް ކަމަށެވެ. އިބްތިހާލުގެ ހާލު ބަލަން އެރަށަށް ސުޒާދު ދިޔައިރު ގާނޫނީ އެއްވެސް ޒިންމާއެއް އޭނާގެ ނެތް ކަމަށެވެ. ޕްރޮބޭޝަންގައި ހުރުމުން އޭނާގެ މަސްއޫލިއްޔަތުތައް އޭރު ކަނޑައެޅިފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ސިޔާޒާ މިއަދު ކޯޓުން ނިކުންނަނީ: އޭނާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ - ފޮޓޯ: އަފްޝީން ނަސީރު \ އަވަސް

ވަކީލް ވިދާޅުވީ، އިބްތިހާލުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކުރީ ސުޒާދުގެ ހާޒިރުގައި ކަމަށާއި ފަހުން އެ މައްސަލަ ބަލަމުން ދިޔައީ ފުލުހުން ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވަނީ މަންމަ ކަމެއް އޭރު ޔަގީން ނުވާތީ ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅެއް ވެސް އޭރު ނޭނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންކަމުން މި ދައުވާއިން ސުޒާދު ބަރީއަތްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ސުޒާދުގެ ވަކީލްގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވަނީ ކަންބޮޑުވެ ވާހަކަ ދައްކަވާފަ އެވެ. ދައުލަތުގެ ފަރާތުން ހާޒިރުވި ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު ވިދާޅުވީ، ސުޒާދުގެ ވަކީލް ވާހަކަ ދައްކަވަނީ އެކަން ވަރަށް ކުޑަ ކަމަކަށް ހަދައިގެން ކަމަށެވެ. ނަމަވެސް މި މައްސަލައަކީ ތުއްތު ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބި އޭނާ މަރުވި ހާދިސާއަކަށްވާއިރު ސުޒާދުގެ ޒިންމާއެއް ވެސް އެކަމުގައިވާ ކަމަށެވެ. އޭނާ އެ ރަށަށް ދިޔައީ އަދި ގޮސް މަސައްކަތް ކުރީ ވެސް ސިޔާޒާ ބުނިހާ ގޮތަކަށް ކަމަށް ވަކީލް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. ސުޒާދު ވަނީ އެ މައްސަލައިގެ މައުލޫމާތު މާލެއަށް ސުޒާދު ފޮނުވި ކަމަށާއި އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އެސިސްޓެންޓް ކައުންސިލަރެއްގެ ގޮތުގައި ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ސުޒާދު ކޯޓުން ނިކުންނަނީ: އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށް - ފޮޓޯ: އަފްޝީން ނަސީރު \ އަވަސް

މައްސަލާގައި ސިޔާޒާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށާއި ސުޒާދު އިތުރަށް ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށް އަދި ހެކި ހުށަހެޅުމަށް އަންނަ މަހުގެ 14 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

މިއަދު ބޭއްވި ފަހު އަޑުއެހުމަކީ ވ. އަތޮޅުގެ އޭރުގެ ކޮމާންޑަރު ލިސާން އަބޫބަކުރަށް ޝަރީއަތް ހިންގުމަށް ބޭއްވި އަޑުއެހުމެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނަނީ، 29 ޑިސެމްބަރުގައި އިބްތިހާލަށް އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ލިސާން ކޮށްފައިނުވާ ކަމަށެވެ. އަދި، އިބްތިހާލުގެ މަސްލަހަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށެވެ.

ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ ވަކީލަކާއެކު ކަމަށް ލިސާން ބުންޏެވެ. އޭނާ ވަކީލަކު ހޯދަން 15 ދުވަހުގެ ފުރުސަތަކަށް އެދުމުން ގާޒީ އެ މުއްދަތު ދެއްވި އެވެ. އޭނާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.

ލިސާން މިއަދު ކޯޓުން ނިކުންނަނީ: އޭނާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ - ފޮޓޯ: އަފްޝީން ނަސީރު \ އަވަސް

މި މައްސަލާގައި ފަސް މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. ލިސާންގެ މައްޗަށް ދައުވާ ކުރަނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަދި ފުލުހުންގެ ގާނޫނަށް ރިއާޔަތްކޮށް، ގާނޫނުލް އުގޫބާތުގެ ޗެޕްޓަރު ތިނެއްގެ 88 ވަނަ މާއްދާގެ ރ ގެ ދަށުންނެވެ. ދެން ތިބި މީހުންނަށް ދައުވާ ކުރަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އަދި ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ.ގެ ދަށުންނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކެރެޓްބެ

އުމުރަށް ޖަލަށް ލާން ގޮވާލަން

ގަހާ

ސަރުކާރުގެ ހުރިހާ މިނިސްޓްރީ ތަކުގައި ވެސް ނުބައި ހަދަނީ ޑައުން ދަ ލައިންގައި ތިބޭ ސާރވެންޓުން ނެވެ. އެމެންނަށް ކަޓް ނުލިބޭ ކަމެއް ގައި އެމެން ގުޑާނީ އެމެންގެ ރަށްޓެއްސެއްގެ ކަމެއްގައެވެ. އެމެން އެނޫނިއްޔާ ބަލާނީ އެބައި ނެތް މީހަކަށް ޖެއްސުން ކޮށް އެފަދަ މީހަކު މިނިސްޓްރީ ގެ ޚިދްމަތަށް ނާންނަ ވަރު ކުރާށެވެ. މަމެންނަށް އިނގޭތީވެ މަމެންގެ ނޭކަޑް އައި އިން ފެނިފައި މިހުރީ މަމެންނާއި އެކު ބަޔެއް މީހުން ރަށްފުށުން އައިސް އެމެން ސަރުކާރުގެ އޮފީސް ތަކަށް ދިއުމުން އެފަކީރުން ނަށް އެމެން ދޭ ރޫޑް ޖަވާބާއި އަދި އެމެންނަށް ޖައްސާ ހާލު. ދެން މިފަދަ މީހުންނަށް ދައުވާ ކުރަން ކޯޓަށް ފޮނުވުމުން ޓްވިޓަރޭ މެން ރޫރޫ އަޅައިގެން އެމެން ރަށްފުށުގެ އީގޯ ސްޓޭންޑަރޑް މީގައި ބޭނުން ކުރަނީ ދޯ. ސަމްވަން އިޒް ހައިޑިންގް ދަ ޓްރުތް. ހޫއިޒް އިޓް އޯރ ހޫއާރ ދޭ. ދޭ އާރ ކްރިޓިކްސް އީގޯ ޓްވިޓަރޭސް. ކަން ކަން ހައްލު ކުރެވޭނީ ނުބައި ކޮށް ކަންކަން ކުރާ މީހުން އެކުރަނީ ނުބައިކޮށް ކަން އެބައިމީހުންނަށް ތަކުރާރު ކޮށް ހަދާން ކޮށް ދީގެންނެވެ. މީ އާރޓްސް އެން ސައެންސްގެ އިލްމު ބުނާ ގޮތަކީ.

ސސ

އެންމެ ބޮޑު އިހުމާލުވީ ބޮޑުމީހާވެސް ހޯދަންވާނެ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345