ހޮޓެލް ޖެން

ލުއި ލަންޗެއް ބޭނުންނަމަ ހޮޓެލް ޖެންގެ ބާގާ ބާސްކެޓް

"އޯ ސަމް ސިކްސް ބާގާ" ގެ ނަމުގައި ހޮޓެލް ޖެންގެ ކިޗަން އޮން ދަ ގޯ އިން ހާއްސަ ބަގާ ބާސްކެޓެއް ތައާރަފްކޮށްފި އެވެ. މި ބާސްކެޓްގައި ޖުމްލަ ހަ ބާގާ ހިމެނެ އެވެ.

މި ބާގާ ތައާރަފްކުރުމަށް މިއަދު ހޮޓެލް ޖެންގައި ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިރޭ ވަނީ ލައިވް މިޔުޒިކާއެކު ބާގާގެ ރަހަ ބަލާލުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ހޮޓެލް ޖެންގެ އެފްއެންބީ މެނޭޖަރު މުހައްމަދު މައުރީފު މިރޭ ވިދާޅުވީ، ހަ ބާގާ ހިމެނޭ ބާގާ ބާސްކެޓާއެކު ކޯކު ފުޅިއެއް ހިލޭ ލިބިގެންދާނެ ކަމަށެވެ. މި ބާގާ ބާސްކެޓް ބޮޑަށް އަމާޒުކުރަނީ ހަވީރު ޕިކްނިކްތައް ދާ ފަރާތްތަކަށާއި އޮފީސްތަކުގައި މެންދުރު ގަޑީގައި ލުއި ލަންޗެއް ނަގާލަން ބޭނުންވާ މީހުންނަށް ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑުމެން މި ފޯކަސްކޮށްލަނީ ޕިކްނިކް ދާ ފަރާތްތަކަށް މިސާލަކަށް އާޓިފިޝަލް ބީޗަށްދާ ފަރާތްތަކަށާއި އޮފީސްތަކުގައި ތިބޭ ފަރާތްތަކަށް ވަރަށް ލުއި ލަންޗު ބޮކްސްއެއް ތައާރަފްކުރުމުގެ ގޮތުން މި ބާގާ ބާސްކެޓް މި ތައާރަފްކުރީ،" މައުރީފު ވިދާޅުވި އެވެ.

މައުރީފު ވިދާޅުވީ، މި ބާސްކެޓަށް ފޯނުން ގުޅައިގެން އަދި ކިޗަން އޮން ދަ ގޯއަށް ގޮސްގެން ވެސް އޯޑާކޮށްލެވޭނެ ކަމަށެވެ. އޮޑާ ދިނުމުން ވަރަށް އަވަހަށް ތައްޔާރުކޮށްދޭނެ ކަމަށް މައުރީފު ވިދާޅުވި އެވެ.

ހަ ބާގާ ހިމެނޭ މި ބާގާ ބާސްކެޓްގެ އަގަކީ 586 ރުފިޔާ އެވެ.

"ބޭނުންވާ ވައްތަރެއްގެ ބާގާއެއް ބާސްކެޓްގައި ހިމަނާލެވޭނެ، އެގޮތުން ބީފް، ޗިކަން އަދި ވެޖިޓަބަލް ބާގާ ބޭނުންކޮށްގެން މިކްސްކޮށް ވެސް ބާގާ ބާސްކެޓް ތައްޔާރުކޮށްލެވިދާނެ،" މައުރީފު ވިދާޅުވި އެވެ.

ހަ ބާގާ ހިމެނޭ ބާސްކެޓް މިއަދު ތައާރަފްކޮށްފައިވާއިރު މިއަދު ލިބުނު ބައެއް ފީޑްބެކަށް ބަލާފައިވާ ދެ ބާގާ ހިމެނޭ ބާސްކެޓެއް ވެސް ތައާރަފްކުރުމަށް ވަނީ ނިންމާފަ އެވެ. މައުރީފު ވިދާޅުވި ގޮތުގައި އެ ބާސްކެޓް ވެސް މާދަމާއިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ.