ރިޕޯޓް

ދިވެހި ތާރީހު ހިމާޔަތް ކުރުން އާ މިސްރާބަކަށް!

ތާރީހު ރައްކާތެރިކޮށް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ އެ ގައުމެއްގައި އެ އިރެއްގައި އޮންނަ ޖީލަކުން ގައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި އެއް ހިދުމަތެވެ. ތާރީހު މުހިއްމުވަނީ އެއީ ގައުމުގެ އަމިއްލަވަންތަކަމާއި އާދަކާދަ އާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމުގައި މުހިއްމު މަސްދަރަކަށް ވާތީއެވެ. އެއީ ގައުމެއްގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަވަންތަކަން ދަސްވެ، ގައުމާ މެދު ފަހުރުވެރިވާން ލިބޭ ސަބަބަކަށް ވާތީވެސްމެ އެވެ. މި ސަބަބުތަކަށްޓަކައި ތާރީހު ދިރާސާކުރުމާއި ތާރީހު ލިޔެ ރައްކާތެރިކުރުމުގެ މަސައްކަތް އިންސާނުންގެ ތެރޭގައި ފެށިގެން އައި ޒަމާނެއް ބުނެދޭކަށް ނޭނގެ އެވެ.

ދިވެހިންނަކީ ވެސް މުއްސަނދި، ދިގު ތާރީހެއް އޮތް ބައެއްކަން ފެންނަން ހުރި ހެކިތަކުން ސާބިތުވެ އެވެ. އެހެން ނަމަވެސް ތާރީހުގެ ތެރޭން މިއަދާ ހަމައަށް ފޫދިގެން އައިސްފައިވަނީ އޭގެ ވަރަށް ކުޑަ މިންވަރެކެވެ. ރާއްޖޭގައި ތާރީހުގެ މަސައްކަތެއް ފުރަތަމަ ކުރެވިފައިވާކަން އެނގެނީ ލޯމާފާނު ލިޔުނު ދުވަސްވަރުން ފެށިގެންނެވެ. މިހާރު ފެންނަން ހުރި ލޯމާފާނުތަކުގެ ތެރެއިންވެސް އެންމެ ކުރީގެ ލޯމާފާނަކަށް އޮތީ މީލާދީން 12 ވަނަ ގަރުނުގެ ފަހުކޮޅު ލިޔެފައިވާ ލޯމާފާނެކެވެ. ނަމަވެސް މިއީ އޭގެ ކުރިން އެފަދަ ލިޔުންތައް ދިވެހިން ނުގެންގުޅޭކަމަށް ބުނެ ދެއްކެން އޮތް ހުއްޖަތެއްް ނޫނެވެ.

ރާއްޖޭގައި ރަސްމީ ގޮތެއްގައި ތާރީހު ދިރާސާ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ބެލެވެނީ މީލާދީން 1958 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ތާރީހު ލިޔާ ކޮމިޓީއެއް އުފެދުނު ހިސާބުންނެވެ. ނަމަވެސް އޭގެ އަށް އަހަރު ފަހުން، 1966 ވަނަ އަހަރު އެ ކޮމިޓީ އުވާލުމަށްފަހު ތާރީހާބެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ވަކި މަޖިލީހެއް އުފެއްދީ 1979 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ތަފާތު ނަން ނަމުގައި ތަފާތު ކޮމިޓީތަކާއި އިދާރާތަކުން ތާރީހީ ލިޔެކިޔުންތަކާއި ތަކެތި ހިމާޔަތްކުރުމުގެ މަސައްކަތް އެކި ރައީސުންގެ ވެރިކަމުގައި ވަނީ ކުރަމުން އައިސްފަ އެވެ. ހާއްސަކޮށް ކުރީގެ ރައީސް މައުމޫން ދައުރުގަ އެވެ.


ނެޝަނަލް އާކައިވްސް، ނުވަތަ ރާއްޖޭގެ ގައުމީ އަރުޝީފުން މިހާރު މަސައްކަތް ފަށާފައި ވަނީ ރާއްޖޭގެ ހުރިހާ ތާރީހީ އަދި ސަގާފީ ލިޔެކިޔުމެއްގެ އިތުރަށް ސަރުކާރުގެ މުއައްސަސާތަކުގެ ހުރިހާ ލިޔެކިޔުންތަކެއް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިމާޔަތްކޮށް ދެމެހެއްޓުމަށެވެ. އެ މަޝްރޫއުގެ 60 ޕަސެންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ސަރުކާރުގެ މުއައްސަސާ އިދާރާތަކުގައި ރައްކާ ކޮށްފައިވާ ލިޔެކިޔުންތައް ހޯދުން ހިމެނޭއިރު، އަނެއް 40 ޕަސެންޓަކީ ރާއްޖޭގެ ތާރީހީ އަދި ސަގާފީ ލިޔެކިޔުންތައް ހޯދައި ނަކަލުކޮށް ރައްކާ ކުރުމެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ޖީލުތަކަށް ރާއްޖޭގެ މައުލޫމާތު ސައްހަ ކަމާއެކު ފުރިހަމަކޮށް ފޯރު ކޮށްދިނުމެވެ.

މިގޮތަށް އާކައިވް ކުރާ ލިޔުންތަކުގެ ތެރޭގައި ޝަރުއީ ދާއިރާ ނުހިމެނެ އެވެ. މި ޕްރޮޖެކްޓާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ޒަމާނީ މެޝިނަރީއާއެކު މިހާރު ފަށާފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓަށްވެސް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.

"އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދާ މަޝްރޫއަކީ ހިޔާލަށްވެސް ސިފަ ނުކޮށްލެވޭހާ ބޮޑު މަޝްރޫއެއް. މި ކުރާ މަސައްކަތަކީ ހަމަ އެކަނި ދައުލަތުގެ ލިޔެކިޔުންތަކާއި ދައުލަތަށް މިލްކުވާ ލިޔެކިޔުންތައް ހިމާޔަތް ކުރުމެއް ނޫން. މި އާކައިވް ކުރެވެނީ ކުރު ގޮތަކަށް ބުނާނަމަ ގައުމު. މި މަސައްކަތުގެ ސަބަބުން ސަރުކާރުގެ ބައެއް އޮފީސްތަކުގައި މި ލިޔެލިޔުންތައް ރައްކާކުރަން ބޭނުން ކުރާ ޖާގަ އޮފީހުގެ ކަންކަމަށް ހުސް ކުރެވޭނެ. މިއާއެކު ދައުލަތުގެ ރިކަރަންޓް ހަރަދު އެތައް ގުނަ ދަށްވެގެން ދާނެ. ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ޝާތިރު ވިދާޅުވި އެވެ.

ދައުލަތުގެ ފިކުރީ މުދަލުގެ ގޮތުގައި ހިމެނޭ އޯޑިއޯ އާއި ވީޑިއޯގެ އާކައިވް ހެދުމަކީ ވެސް ގާނޫނުން ގައުމީ އަރުޝީފަށް މަތިކޮށްފައިވާ ޒިންމާއެކެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ދައުލަތުގެ މުއައްސަސާތަކުގައި ރައްކާކޮށްފައިވާ އޯޑިއޯ އާއި ވީޑިއޯގެ ކޮޕީރައިޓްސް ވެސް އޮންނާނީ ގައުމީ އަރުޝީފަށެވެ.

"މި ރައިޓްސް ހޯދުން އަޅުގަނޑުމެންނަށް ލާޒިމު އެބަ ކުރޭ. އެހެންވީމާ ދައުލަތުގެ އިންޓަލެކްޗުއަލް ޕްރޮޕަޓީސްތަކުގެ ކޮޕީރައިޓްސް ލިބުމާއެކު އާއެކު އެހެން އެއްވެސް ފަރާތަކަށް މިފަދަ ތަކެތީގެ ކޮޕީއެއް ނުޖެހޭނެ. ދައުލަތަށް މިލްކުވާ ތަކެތި، މިސާލަކަށް އެނގިވަޑައިގަންނަވާނެ ގައުމީ މަރުކަޒުން ނެރުނު ވަރަށް ގިނަ ފޮތްތަކެއް ވެސް އެކި ފަރާތްތަކުން އެބަ ނެރޭ. އެކަމަކު އެއީި އެގޮތަކަށް ކުރެވޭނެ ކަމެއް ނޫން،" ޝާތިރު ވިދާޅުވި އެވެ.

ނެޝަނަލް އާކައިވްސް އިން ލިޔެކިޔުންތައް ވާޗުއަލް ނިޒާމެއްގައި އާކައިވް ކުރާއިރު އޭގެ ތެރެއިން ތާރީހަށްޓަކައި ރައްކާ ކުރަން ހަމަޖައްސާ ލިޔެލިޔުންތަކުގެ ހާޑް ކޮޕީ ވެސް އެ އިދާރާގެ ފައިލިން ރެކުތަކުގައި ރައްކާކުރެވޭނެ އެވެ. އެކަމަށްޓަކައި އާކައިވްސް އިން ވަނީީ ޒަމާނީ ފައިލިން ސިސްޓަމްތަކެއް ވެސް ގާއިމްކޮށްފަ އެވެ. އަދި މި މަސައްކަތަށް ރައްޔިތުންނާ މުއައްސަސާތައް ހޭކުންތެރިކުރުން ވެސް މިހާރު ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފަ އެވެ.

މި ހުރިހާ މަސައްކަތަކާއެކުވެސް ދިވެހި ތާރީހު ހިމާޔަތްކުރަން ކުރާ މަސައްކަތުގައި ފަހަތުފަޔަށް ބަރުވާ އެއް މައްސަލަ އެބަ އޮތެވެ. އެއީ އިންސާނީ ވަސީލަތް މަދުވުމެވެ. ރާއްޖޭގައި އެކަށިގެންވާ ވަރާއި ގާތަށް ވެސް މިފަދަ މަސައްކަތަކާއި ގުޅުން ހުރި ދާއިރާއަކުން މީހުން ބިނާވެފައި ނެތުމަކީ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިއީ މި މަސައްކަތްތަކުގައި އުޅުއްވާ ފަރާތްތަކުން ވެސް ފާހަގަކުރާ މައްސަލަ އެކެވެ.

"މީގައި ދިމާވާ މައްސަލައަކީ ރާއްޖޭގައި ހިސްޓްރީ މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުން ކިޔަވައިދޭ. އެހެން ނަމަވެސް ކޮންޓެންޓް ބޮޑަށް ބިނާވެފައި މި އޮންނަނީ ރާއްޖޭގެ ތާރީހާ އެހެމެ ގުޅޭ ގޮތަކަށް ނޫން. ވުމާއެކު މި މާއްދާ ވެފައިވަނީ ދަރިވަރުން ހަމައެކަނި ސްކޫލުގައި ކިޔަވާ މާއްދާއަކަށް. ތާރީހާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް ހަދާފައިވާ މަދު މީހަކު ނޫނީ ނެތް،" ނެޝަނަލް އާކައިވްސް ގެ ކޯޑިނޭޓާ އަހުމަދު އަޖުވަދު ވިދާޅުވި އެވެ.

ވުމާއެކު ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ގައުމުތަކުގައި ތާރީހު ރައްކާތެރިކޮށް ހިމާޔަތްކުރަން ބޭނުންކުރާ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ކަންކަން ކުރުމަށް ރާއްޖެއިން އަދި ތައްޔާރުވާންޖެހެ އެވެ. އެންމެ ޒަމާނީ މެޝިނަރީއާ ވަސީލަތްތަކުން ހަމައެކަނި މިކަންކަން އެންމެ ފުރިހަމަކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ކޮންމެއަކަސް މިއީ އާ ފެށުމެއް ކަމަށް ގަބޫލުކުރެވިދާނެ އެވެ. މިއަދު ރައްކާކުރާ މައުލޫމާތަކީ ތާރީހަށް ނުވި ކަމުގައި ވިޔަސް އެއީ މާދަމާގެ ތާރީހަށް ނޫނީ ޔަގީނަށް ވެސް ނުވާނެ އެވެ. މި ފަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރެވޭނީ ފާއިތުވާ ޒަމާނާއި އަހަރުތަކާ އެކު އެވެ.