ޓްރިޕް އެޑްވައިޒާ އިން ކޮންމެ އަހަރަކު ދޭ ޓްރެވެލާސް ޗޮއިސް އެވޯޑާއި، ބުކިން ޑޮޓް ކޮމް އިން ދޭ ގެސްޓް ރިވިއު އެވޯޑް ސަން ޝިޔާމް ރިސޯޓްސް އިން ސްރީލަންކާގައި ހިންގާ ސަން އަކުއާ ޕަސިކުޑަ އަށް ލިބިއްޖެ އެވެ.
ޓްރެވެލާސް ޗޮއިސް އެވޯޑަކީ ޓްރިޕް އެޑްވައިޒާ އިން ފަތުރުވެރި މަންޒިލްތަކަށް ދޭ އެންމެ މަތީ އެވޯޑެވެ. މި އެވޯޑު ދެނީ ޓްރިޕް އެޑްވައިޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިން އެމީހުންގެ ޗުއްޓީ ތަޖުރިބާ ހިއްސާ ކުރުމަށް ކޮންމެ އަހަރަކު ލިޔާ ރިވިއުތަކަށް ބަލައިގެންނެވެ. ސަން އަކުއާ ޕަސިކުޑަ ވަނީ ސްރީލަންކާގެ އެންމެ ލަގްޒަރީ 25 ރިސޯޓުގެ ލިސްޓުގައި 10 ވަނާގައި ވެސް ހިމެނިފަ އެވެ.
އެވޯޑާ ގުޅިގެން ސަން އަކުއާ ޕަސިކުޑައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަހުރުވެރި ދެ އެވޯޑެއް ރިސޯޓަށް ލިބުމަކީ ރިސޯޓުން ފޯރުކޮށްދޭ ހިދުމަތްތައްކުގެ ފެންވަރު މަތި ކުރުމަށް މުވައްޒަފުން ކުރާ މަސައްކަތުގެ ބުރަކަމާއި އެ މަސައްކަތްތަކަށް ކަސްޓަމަރުން ހިތްހަމަޖެހިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި ސްރީލަންކާގެ އެންމެ ލަގްޒަރީ 10 ރިސޯޓްގެ ތެރޭގައި އެ ރިސޯޓް ހިމެނިގެން ދިއުމަކީ ވެސް ހޯދުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށް އެ ސްޓޭޓްމަންޓްގައި ވަނީ ބުނެފަ އެވެ.
ޓްރެވެލާސް ޗޮއިސް އެވޯޑާއެކު އެ ރިސޯޓަށް ލިބުނު ބުކިން ޑޮޓްކޮމްގެ އެވޯޑަކީވެސް ދުނިޔޭގެ އެތަކެއް ހާސް ރިސޯޓްތަކަކާ ވާދަ ކުރުމަށްފަހު އެ ރިސޯޓުން ކާމިޔާބު ކުރި އެވޯޑެކެވެ.