މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވިޔަފާރި ބަނދަރުގައި ބޯޓެއް ހުސްކުރަން ނުޖެހި ހުސްކޮށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ވިޔަފާރި ބަނދަރުގެ ހިދުމަތުގެ ސްޕީޑް އަވަސްވެ، ބޯޓެއް ހުސްކުރަން ނުޖެހި 35 ގަޑިއިރުވެއްޖެ އެވެ. މީގެ ކުރިން މާލޭ ވިޔަފާރި ބަނދަރަކީ ތޮއްޖެހުން ބޮޑު، ހިދުމަތުގެ ސްޕީޑް ވަރަށް ލަސް ބަނދަރެކެވެ. މީގެ ކުރިން މި ބަނދަރު މިހާ ގިނަ ހުސްކޮށް ނޯވެ އެވެ. ބަނދަރުގެ ހިދުމަތުގެ ސްޕީޑް އަވަސްވެފައިވަނީ އެ ކުންފުންޏަށް އަލަށް ގެނައި އުޅަނދުތަކުގެ ސަބަބުންނެވެ.

ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޕީއެލްއިން ވަނީ ހަ ރިޗް ސްޓިކާ އާއި ދެ ފޯކް ލިފްޓާއި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ ގެނެސް، ހިދުމަތް ދޭން ފަށާފަ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ބޯޓުތައް ހުސްކުރުން ލަސްވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. ވޭތުވެދިޔަ 35 ގަޑިއިރު ތެރޭގައި ބަނދަރުގައި ހުސްކުރާނެ ބޯޓެއް ނެތުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. ދެން އެންމެ އަވަހަށް އެ ބަނދަރުގައި ބޯޓެއް ބަނދަރުކުރަން ޝެޑިއުލުކޮށްފައިވަނީ މިއަދު ހަވީރަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މީގެކުރިން ބޯޓެއް ހުސްކުރަން ހަފުތާއެއް ނޫނީ 16 ވަރަކަށް ދުވަސް ހޭދަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އަލަށް ގެނައި އުޅަނދުތަކާއެކު މިހާރު ބޯޓެއް ހުސްކުރަން ނަގަނީ 18 ވަރަކަށް ގަޑިއިރު ކަމަށް ވިދާޅުވި އެވެ.

ކުރިން އެ ބަނދަރުގައި އޮންނަނީ ދެ ރީސްޓިކާ އެވެ. އެއިން އެއްޗެއް މަރާމާތުކުރަން ޖެހުނުސް މަސައްކަތަށް އޭރު ބޮޑު ލަސްކަމެއް އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.