ވިޔަފާރި

"އެޗްއާރް މޯލްޑިވްސް އެވޯޑް" ލޯންޗުކޮށްފި

ހިއުމަން ރިސޯސް، އެޗްއާރްގެ ދާއިރާއަށް ހާއްސަކޮށްގެން އެވޯޑެއް ލޯންޗުކޮށްފި އެވެ. "އެޗްއާރް މޯލްޑިވްސް"ގެ ނަމުގައި މި އެވޯޑް ލޯންޗުކޮށްފައިވަނީ އެޗްއާރް މޯލްޑިވްސްގެ ފަރާތުންނެވެ.

ތިން ފަންތިއެއްގެ އެވޯޑް ދޭ ގޮތަށް ނިންމާފައިވާ މި އެވޯޑްގެ ގޯލްޑް ލީޑާ އެވޯޑްސް ދިނުމަށް ނިންމާފައިވަނީ 10 ފަރާތަކަށެވެ. އެއީ އަހަރުގެ ޖެނަރަލް މެނޭޖަރަށާއި ރެސިޑެންޓް މެނޭޖަރަށެވެ. އަދި އިންޖިނިއަރިން އާއި ފިނޭންސް އާއި ފުޑް އެންޑް ބެވަރޭޖާއި ފްރޮންޓް އޮފީހާއި ހައުސިން ކީޕިން އާއި ހިއުމަން ރިސޯސް އާއި ރެކްރިއޭޝަން އެންޑް ވެލްނެސް އަދި ސޭލްސް އެންޑް މާކެޓިން ދާއިރާއިން ވެސް އެވޯޑް ދޭން ވަނީ ނިންމައިފަ އެވެ.

ސިލްވާ އެވޯޑް ވެސް އަށް ދާއިރާއަކުން ދިނުމަށް ނިންމާފައިވެ އެވެ. އޮގަނައިޒޭޝަނަލް އެވޯޑް ދެނީ 16 ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި އަހަރުގެ އެޗްއާރް ޓީމްގެ އެވޯޑާއި އެންޕްލޯއިމެންޓް އެޖެންސީގެ އެވޯޑާއި އެންމެ ރަނގަޅު ވޯކް ޕްލޭސް ކަލްޗާގެ އެވޯޑް އަދި އެންމެ މޮޅު އެންޕްލޯޔާ ބްރޭންޑިންގެ އެވޯޑް ހިމެނެ އެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެޗްއާރް މޯލްޑިވްސް އެވޯޑްސްގެ ގޯލްޑް ލީޑާ އެވޯޑް ލޯންޗުކޮށްދެއްވީ، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރެވެ. ސިލްވާ އެވޯޑް އަދި އޮގަނައިޒޭޝަނަލް އެވޯޑް ލޯންޗުކޮށްދެއްވީ، މަޓީގެ ސެކްރެޓްރީ ޖެނަރަލް އަހުމަދު ނަޒީރު އެވެ.

ޑެޕިއުޓީ މިނިސްޓަރު ލިރާރު ވިދާޅުވީ، މިފަދަ އެވޯޑެއް ތައާރަފްކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ރާއްޖެއަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ އެވޯޑްތައް ލިބެމުންދާއިރު އޭގެ ފަހަތުގައި ތިއްބެވީ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ އަގު ވަޒަންކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ކުރާ މަސައްކަތުގެ އަގުވަޒަންކޮށް މަސައްކަތް ފާހަގަކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް، ރަނގަޅު ލޭބާ ފޯސްއެއް ނެތި އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީ މިއޮތް ހިސާބަށް ނާދެވުނީސް، އެހެންވީމަ ޓޫރިޒަމް މިނިސްޓްރީން އަދި ސަރުކާރުން ދެކޭ ގޮތުގައި މިއީ ވަރަށް އެވޯޑެއް، ސަރުކާރާއި މިނިސްޓްރީގެ ސަޕޯޓް މި އެވޯޑަށް ލިބޭނެ،" ލިރާރު ވިދާޅުވި އެވެ.

މެނޭޖްމެންޓް ލެވެލްގައި މަތީ މަގާމުގައި މިހާރު ބިދޭސީން ގިނަ ނަމަވެސް މިނިސްޓްރީގެ އުއްމީދަކީ އެ މަގާމުތަކަށް ވީހާވެސް ގިނަ ދިވެހިން ދިޔުން ކަމަށް ލިރާރު ވިދާޅުވި އެވެ. އެފަދަ ގާބިލް ޒުވާނުން ރާއްޖޭގައި އެބަތިބި ކަމަށާއި ޒުވާނުން ޓޫރިޒަމް އިންޑަސްޓްރީއަށް ހިތް ޖެއްސުމަށް މިފަދަ އެވޯޑްތަކަކީ މުހިންމު އެވޯޑްތަކެއް ކަމަށް ވެސް ލިރާރު ވިދާޅުވި އެވެ.

މި އެވޯޑް ހަފުލާ އޮންނަނީ މި އަހަރުގެ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހު އެވެ. ކޮންމެ އަހަރަކު އެއް ފަހަރު މި އެވޯޑް ހަފުލާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.