ހަބަރު

އުރީދޫ ސަޕޯޓް ސެންޓަރެއް ހުޅުމާލޭގައި ގާއިމްކޮށްފި

އުރީދޫ ބިޒްނަސް ކަސްޓަމަރުންނާއި ޓެކްނިކަލް މީހުން ގުޅުވައިދޭ އެންޓަޕްރައިސް ސަޕޯޓް ސެންޓަރެއް ގާއިމްކޮށް އެ ސެންޓަރުގެ ހިދުމަތް އުރީދޫ އިން މިއަދު ތައާރަފްކޮށްފި އެވެ. އެ ސެންޓަރުގައި މިހާރު ވަނީ 24 ގަޑިއިރު ހިދުމަތްދޭ ސަޕޯޓް ހޮޓްލައިނެއް ގާއިމްކޮށްފަ އެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ އޮފީހުގައި ގާއިމްކޮށްފައިވާ އެ ސަޕޯޓް ސެންޓަރުން އުރީދޫ ބިޒްނަސްގެ ކަންކަން ބަލަހައްޓައިދީ، ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަރޯސާވާ ވިޔަފާރިތަކަށް ބޭނުންވާ އެހީ ފޯރުކޮށްދޭނެ އެވެ.

ކަސްޓަމަރުންގެ އިންޓަނެޓް ސްޕީޑަށް އަންނަ ބަދަލުތަކާއި، ރާއްޖެއާއި ރާއްޖޭން ނެޓްވޯކް ޓްރެފިކަށް އަންނަ ބަދަލުތަކުގެ ޑޭޓާ ވަގުތުން ވަގުތަށް އަޕްޑޭޓްކުރާ ސްކްރީންތަކެއް އެ ސެންޓަރުގައި ވަނީ ގާއިމްކޮށްފަ އެވެ. އެ ސިސްޓަމްތަކުގެ އެހީގައި އެކި ހިސާބުތަކުގެ ނެޓްވޯކަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ އެވެ. އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކޮށްދޭން އުރީދޫގެ ޓީމުތަކުން ހަރަކާތްތެރިވާނެ އެވެ.

އުރީދޫން މިއަދު ތައާރަފްކުރި އެންޓަޕްރައިޒް ސަޕޯޓް ސެންޓަރުގެ ހިދުމަތްތަކާ ގުޅޭގޮތުން ހެޑް އޮފް ސޭލް ހުސެއިން ނިޔާޒު ވިދާޅުވީ، ވިޔަފާރިތައް ހިންގުމުގައި އުރީދޫ ބިޒްނަސްގެ ހިދުމަތް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންކަމުން އެހީތެރިކަން ބޭނުންވާ ކޮންމެ ގަޑިއެއްގައި ވެސް ކަސްޓަމަރުންނަށް ވަގުތުން ހިދުމަތް ފޯރުކޮށްދެވޭނެ ޓެކްނިކަލް އިންޖިނޭރުންނާއި ކަސްޓަމާ ސާވިސްގެ މީހުން ބޭތިއްބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ރިސޯޓް ފަދަ ތަންތަން ހިންގާ ކުންފުނިތަކާވެސް އަޅުގަނޑުމެން މަޝްވަރާކުރިން. މިއީ ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފީޑްބެކް އައީ. އުރީދޫގެ ހިދުމަތަށް ބަލާއިރު، އަޅުގަނޑުމެން މިހާރު މިވަނީ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް ވެސް ރާއްޖޭގައި އަޅާފަ. އެހެންވީމަ ސަޕޯޓް ނެޓްވޯކް ތަރައްގީކޮށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭތޯ ބަލަންޖެހޭ،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ ސަޕޯޓް ސެންޓަރުން އިންޖިނޭރުންނާއި ކަސްޓަމާ ސަޕޯޓްގެ އެހީގައި ފޯނުންނާއި ރިމޯޓްކޮށް ހިދުމަތް ދޭނެ އެވެ. އަދި ސައިޓަށް ގޮސްގެން ހައްލުކުރަންޖެހޭ މައްސަލަތަކަށްވެސް ވީހާވެސް އަވަސް ވަގުތެއްގެ ތެރޭގައި ހިދުމަތްދިނުމަށް މުވައްޒަފުން ހާއްސަކޮށްފައިވެ އެވެ.