އުމުރުން އެންމެ އަހަރެއް ނުވަނީސް މަންމަ އާއި ބައްޕަ ވަކިވެ ދިރިއުޅެން ޖެހުނީ މާމައާއެކު އެވެ. މަންމަ އާއި ބައްޕަގެ ލޯތްބާއި އަޅާލުމުން ޅަ އުމުރުގައި އޭނާ މަހުރޫމްވި އެވެ. މަންމަ އާއި ބައްޕަގެ ލޯއްބާއި އަޅާލުމުން މަހުރޫމްވިއިރު އަހުމަދު ފާއިޒަކީ އެހެން މަތިވެރި ނިއުމަތަކުން ވެސް މަހުރޫމްވެފައިވާ މީހެކެވެ.
އުމުރުން ތިރީހުގެ އަހަރުތައް މިހާރު ގުނަމުން ދިޔަ ނަމަވެސް އޭނާއަށް އެ ތަކުލީފާ ކުރިމަތިލާން ޖެހުނުއިރު ދެ އަހަރު ވެސް ނުވެ އެވެ. ދުވަހަކީ ވަރަށް މާލެއަށް ވަރަށް ވިއްސާރަކުރި ރެއެކެވެ. މަގުތަކުގައި ހެދުނު ޗަކަ ފެންގަނޑުވީ އެ ދުވަހު ފާއިޒު ކުޅެން އެރުނު ފެންގަނޑަށެވެ. އެ ފެންގަނޑުން ކުޅުމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ހުން އައިސް، އެ ހުން ރަނގަޅުނުވެ ޕޯލިއޯ ޖެހުނެވެ. ހިނގުމުން އޭނާ މަހުރޫމްވި އެވެ. އޭރުގެ މީހުންގެ އެހާ ހޭލުންތެރިކަމެއް ނެތުމުން ފާއިޒަށް ޕޯލިއޯގެ އެއްވެސް ވެކްސިނެއް ދީފައެއް ނުވެ އެވެ.
މާމައަށް ނޭނގިވެވިފައިވާ އެ އިހުމާލުގެ ސަބަބުން ފާއިޒަށް ހިނގުމުގެ ނަސީބު ނުލިބުނު ނަމަވެސް ޅައުމުރުގައި ލިބުނު ލޯތްބަކީ އެ މާމަގެ ލޯތްބެވެ. މަންމަ އާއި ބައްޕަ ވެސް އެހެން މީހުން ކައިވެނިކޮށް ގިނަ ދަރިންތަކެއް ލިބުމުން ފާއިޒަށް އަޅާލަންޖެހޭ މިންވަރާ ގާތަށް ވެސް އަޅާލެވިފައެއް ނުވެ އެވެ.
ވަރަށް ލަދުން އަބަދުވެސް ގޭތެރޭގައި އުޅުނު ފާއިޒު ތައުލީމް ހާސިލުކޮށްފައިވަނީ ގުރޭޑް ނުވައަކާ ހަމައަށް މަޖީދިއްޔާ ސްކޫލުންނެވެ. އޭނާ ސްކޫލަށް ދިޔުން ހުއްޓާލީ، މީހުން ބަލާތީ ލަދު ގަންނަލެތް ބޮޑުކަމުންނެވެ. އޭގެފަހުން އޭނާ ވަނީ ޔޫތް މިނިސްޓްރީގެ ވަޒީފާއެއް އަދާކޮށްފަ އެވެ. އޭރުވެސް އޭނާއަށް ބޭރަށް ނިކުމެ އުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
ދެން ފާއިޒުގެ ހަޔާތަށް އައީ އިންގިލާބީ ބަދަލެކެވެ. އޭނާގެ އަނބިމީހާ އެވެ. ފާއިޒުގެ އަތުގައި އޭނާގެ އަންހެނުން ހިފީ 2003 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާގެ ދިރިއުޅުން ބަދަލުވާން ފެށި އެވެ. އާ ވަޒީފާއެއް ވެސް ލިބުނީ އެވެ. އެ ވަޒީފާ ހަމަޖެހުނީ ސުނާމީއަށްފަހު ރާއްޖެއަށް އައި ހެންޑިކެފް އިންޓަނޭޝަނަލް ޖަމިއްޔާއިންނެވެ. އެއީ ވެސް އޭނާގެ ހަޔާތަށް އައީ ބޮޑު ބަދަލެކެވެ. ކުރިން އާދައިގެ ފުރޮޅުލީ ގޮނޑިއެއްގައި އުޅެމުންދަނީ ތަންކޮޅެއް ފަސޭހަ ގޮނޑިއެއް ދިނީ އެ ޖަމިއްޔާއިންނެވެ. އެ ގޮނޑި އޭނާއަށް ދިނީ ޝަރުތެއްގެ މަތިންނެވެ. އަމިއްލައަށް ގޮނޑި ދުއްވާފައި އޮފީހަށް އަންނަ މަތިންނެވެ. އޭރު ވެސް އަމިއްލައަށް ފުރޮޅު އަނބުރާފައި ގޮނޑި ދުއްވަން އެނގުނު ނަމަވެސް ލަދު ގަންނާތީ އޭނާ އެކަމެއް ނުކުރެ އެވެ. އޮފީހުން އެކަން މަޖުބޫރުކުރި ހިސާބުން އޭނާ ގޮނޑި ދުއްވަނީ އަމިއްލައަށެވެ. އެ ލަދު ފިލީ އެހާ ހިސާބުންނެވެ.
އެތަނުން ލިބުނު ތަޖުރިބާއާއެކު އިތުރު ދެ ފިހާރައެއްގައި ވެސް ފާއިޒު މަަސައްކަތް ކުރި އެވެ. މިހާރު އޭނާ ހުރީ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާގަ އެވެ. މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިން އޭނާ ވަނީ ފެނަކައިން ވަޒީފާ ހަމަޖެހިފަ އެވެ. އެހެން މުވައްޒަފުންނާ އެއްވެސް ތަފާތެއް ނުކުރާ ވަޒީފާއެކެވެ. މުސާރައިގައި ތަފާތު ކަމެއް ނެތްއިރު މަސައްކަތުގެ މާހައުލުގައި ވެސް އެއީ ނުކުޅެދޭ މީހެއްގެ ކަމުގެ އިހުސާސްއެއް ނުކުރުވަ އެވެ. ފެނަކަ ކޯޕަރޭޝަން ހުންނަނީ ވެސް އޭނާގެ ގެއާ ވަރަށް ކައިރީގަ އެވެ.
ސަރުކާރުގެ އިތުރު ސިޔާސަތެއްގެ ދަށުން ފާއިޒުގެ ގޭގެ ދޮރުމަތީ މިހާރު ވަނީ އޭނާއަށް ހާއްސަ ޖާގައެއް ވެސް ފާހަގަކުރެވިފަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހެދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވެހިކަލްތަކަށް ހާއްސަ ޕާކިން ޒޯނަކީ ފާއިޒުގެ ސައިކަލަށް ހެދި ޕާކިން ޒޯނެކެވެ. އެ ޝަރަފާއި ފަސޭހަކަން އޭނާއަށް ލިބިފައިވާއިރު އެއީ އޭނާގެ ދިރިއުޅުން އިތުރަށް ލުއިފަސޭހަވެގެން ދިޔަ ކަމެކެވެ.
އޭނާ ހަތަރު ފުރޮޅުލީ ސައިކަލް ދުއްވާތާ މިހާރު ވަނީ ދެ އަހަރުވެފަ އެވެ. މީގެކުރިން އޭނާއަށް ސައިކަލް ޕާކްކުރުންވެފައި އޮންނަނީ ވަރަށް ބޮޑު އުނދަގުލަކަށެވެ. ސައިކަލް ވެއްދޭނެ ޖާގައެއް ނެތްނަމަ އޭނާއަށް ޖެހެނީ ބުރު ޖަހަލަ ޖަހަލަ، ޖާގައެއް ލިބޭތޯ ހުންނާށެވެ. އެހެން ނޫނީ ރައްޓެއްސަކަށް ފެނިގެން ސައިކަލްތައް ދުރުކޮށް ޖާގައެއް ހަދައިދޭދެން ހުންނާށެވެ. މިހާރު އޭނާއަށް ހާއްސަ ޖާގަ އެވަނީ ހުދު ރޮނގު ދަމައި، ނިޝާން ބޯޑު ޖަހާ ފާހަގަކޮށްފަ އެވެ.
ފާއިޒުގެ ސައިކަލަކީ ކުރީގެ ނައިބު ރައީސް ވަހީދުއްދީން ދެއްވި ޑޮނޭޝަނެއްގައި ގަނެފައިވާ ސައިކަލެކެވެ. އެ ސައިކަލް އިންޑިއާއިން އެއާފްލައިޓްކޮށްގެން ރާއްޖެ ގެނައިރު، އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހުނެވެ. އެ ހަރަދުކުރާނެ މާލީ ތަނަވަސްކަން ނެތުމުން އެކަމުގައި ޑިސްއޭބިލިޓީ އެމްބެސެޑާ އަހުމަދު ހިޝާންގެ އެހީއަށް އޭނާ އެދުނެވެ. ހިޝާން ވަނީ އެކަމުގައި އޭނާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ ޔުނިވާސަލްގެ އެހީގައި އެ އަގު ދައްކާފަ އެވެ. އޭގެފަހުން ހިޝާންއަކީ ފާއިޒުގެ ގާތް އެކުވެރިއެކެވެ.
ސައިކަލަށް ދައްކަން ޖެހުނު ޑިއުޓީ މާފުކޮށްދީފައިވަނީ ސަރުކާރުންނެވެ. ސަރުކާރަށް އެކަމުގައި ދެންނެވުމުގައި ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.
ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ފާއިޒަށް މިހާރު އޭނާއަކީ ނުކުޅެދޭ މީހެއް ކަމުގެ އިހުސާސެއް ނުވެ އެވެ. ލޯބިވާ އަންބަކާއި އުމުރުން 11 އަހަރުގެ އަންހެން ދަރިއަކާއި އުމުރުން އަށް އަހަރުގެ ފިރިހެން ދަރިއެއް އެބަ ތިއްބެވެ. ވަރަށް ހެޔޮލަފާ އެކުވެރިންތަކެއް އެބަ ތިއްބެވެ. ރަނގަޅު ވަޒީފާއެއް އެބަ އޮތެވެ. ހާއްސަ ހިދުމަތްތަކެއް ދަނީ ލިބެމުންނެވެ.
ފާއިޒު ބުނާ ގޮތުގައި އޭނާގެ ދިރިއުޅުމަށް ފަހުން އައި ބޮޑު ބަދަލުގައި މި ސަރުކާރުގެ ހިއްސާ ވަރަށް ބޮޑެވެ. އޭނާގެ ވަޒީފާ ހަމަޖައްސައި، އެކަން ކުރިއަށް ދިޔަ ގޮތް ރައީސް އަބްދުﷲ ޔާމީނާއި މެޑަމް ފާތުމަތު އިބްރާހިމް ވަރަށް ގާތުން ބެއްލެވި ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ފާއިޒު ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ފާއިޒުގެ ދިރިއުޅުން މިހާރު ވަރަށް އުފާވެރި އެވެ. ވަަރަށް ފަސޭހަ އެވެ. އެހާ ހިތްހަަމަ ވެސް ޖެހެ އެވެ. ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެފަދަ ކޮންމެ މީހަކަށް ވެސް ހައްގުވާ ދިރިއުޅުމަކީ މިއީ އެވެ.