ރިޕޯޓް

ދައުލަތުގެ މުސާރަތައް: ވަރަށް ބޭއިންސާފު!

Feb 5, 2017
26

ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގެ ޝަކުވާ އަބަދުވެސް ބޮޑެވެ. ޓީޗަރުން ޑޮކްޓަރުން، ފަނޑިޔާރުން އަދި ކީއްކުރަން ބޮޑު މުސާރައެއް ލިބޭ މިނިވަން މުއައްސަސާތަކުން އަަބަދު "ހަޅޭއް" ލަވަނީ އެ މީހުންގެ މުސާރަ މާ ކުޑަވެގެންނެވެ. އާ އަހަރަކާއެކު އެންމެ ބޮޑު މައްސަލައަކަށް ވެފައި މި އޮތީވެސް ފުލުހުންގެ މުސާރައިގެ މައްސަލަ އެވެ. އެލަވަންސްތަކަށް ގެނައި ބަދަލާއެކު ފުލުހުންގެ މުސާރައަށް ރަނގަޅު ކުރިއެރުމެއް އަންނާނެ ކަމަށް ބަލައިގެން ތިއްބާ، ފިނޭންސުން ނިންމީ އެ ބަދަލު ރަނގަޅަށް ރިވިއުކޮށްފައި ނޫނީ ބޮޑުކުރި މުސާރަ ދޫކޮށްނުލާށެވެ. މައްސަލައަކަށްވީ، އެހެން ހަދައިފި ނަމަ އެހެން މުވައްޒަފުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެ، މުސާރަތައް ބޮޑު ކުރުމުގެ ނުބައި ސަގާފަތެއް އުފެދި ފިނޭންސަށް މުޅި މައްސަލައިގެ ކޮންޓްރޯލް ގެއްލިދާނެތީ އެވެ. އެހެން ވީމާ، އެއްވެސް މުއައްސަސާއަކުން މުސާރަތައް ބޮޑު ކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ މުޅި އޮނިގަނޑު އަލުން ބަލުން މުރާޖައާ ކުރުމެވެ. ހަމައެކަނި ވާހަކަތަކެއް ދެއްކުމަށްވުރެ ބޮޑަށް ދޯހަޅިކޮށް މި އޮތް މުސާރައިގެ އޮނިގަނޑު މުޅިން ބަދަލު ކުރުމުގެ މަސައްކަތް އޮތީ ސުމަކުން ފަށަން ޖެހިފަ އެވެ.

އޮނިގަނޑުގައި ކޮން މައްސަލައެއް؟

ތަންކޮޅެއް ފުންކޮށް ވިސްނާލާ އިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަކީ މިއީ ހަމަ ބޮޑު ޖޯކެކެވެ. މައްސަލައިގެ އެންމެ ފުނަށް ދާއިރު، މުސާރަ ބޮޑު ކުރަން އަންނަ ޝަކުވާތަކަށް ހައްލު ހޯދަން ވެގެން އެކި ޒަމާންތަކުގައި މުސާރަތަކަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ވަނީ ހަމައިން ނެއްޓިފަ އެވެ. މުސާރަތަކުގައި އިންސާފުވެރި ހަމަހަމަކަން ވަނީ ނެތިފަ އެވެ. ފަހަރެއްގައި ގަބޫލު ކުރަން ވެސް އުނދަގޫވެދާނެ އެވެ. އެކަމަކު ތިރީގައި މި އަންނަ ހިސާބުތަކަށް ރަނގަޅަށް ބަލައިލާށެވެ.

* އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޑެޕިޔުޓީ ޑިރެކްޓަރު ޖެނެރަލް، އިންވެސްޓިގޭޝަންގެ ޖުމްލަ އުޖޫރަ މަހަކު 26،700ރ. އެ މަގާމާ އެއްވަރު ސިވިލް ސާވިސް މުވައްޒަފަކަށް 14،400ރ. އެވެ. ދެ މީހުންނަށް ލިބޭ އުޖޫރާގައި 12،300ރ. ގެ ބޮޑު ފަރަގެއް އެބަހުއްޓެވެ.

* ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރެއްގެ އުޖޫރައަކީ މަހަކު ގާތްގަނޑަކަށް 17،652.50ރ. އެ މަގާމާ އެއްވަރުގެ ސިވިލް ސާވިސް މުވައްޒަފެއްގެ މުސާރަ ގާތްގަނޑަކަށް 10،835ރ. ފަރަގަކީ 6،871.50ރ. އެވެ.

* ސިވިލް ސާވިސްގެ މަސައްކަތު މީހަކަށް ގާތްގަނޑަކަށް 4،100ރ. ލިބޭއިރު، ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ މަސައްކަތު މީހަކަށް 5،819ރ. އަށް ވުރެ މަތި. މިއީ ގާތްގަނޑަކަށް 2،000ރ. ގެ ފަރަގެއް ވެއެވެ.

މިއީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ އެއް ފެންވަރުގެ މަގާމެއް އަދާކުރާ މުވައްޒަފުންނަށް އެ ހުރެވޭ ތަނެއްގެ ގޮތުން މާ މުސާރަ ކުޑަވުމަކީ ދުޅަހެޔޮ ގޮތެއް ނޫނެވެ. ސިވިލް ސާވިސްގެ މުސާރަތަކަށް ކަޅިއެއް އެއްލާއިރު، ސިވިލްސާވިސްގެ ގިނަ މުވައްޒަފުން، 56.1 ޕަސެންޓް މުވައްޒަފުންނަށް ލިބެނީ 5،000ރ. އަށް ވުރެ ކުޑަ މުސާރައެކެވެ. އަދި 43.7 ޕަސެންޓް މުވައްޒަފުންނަށް ލިބެނީ 10،000 ރުފިޔާއަށް ވުރެ ކުޑަ މުސާރައެކެވެ. ސިވިލްސާވިސް މުވައްޒަފުންގެ ތެރެއިން 15،000ރ. ވެސް ލިބެނީ، 27 ޕަސެންޓަށެވެ. މި މުސާރަތައް މިހެން ހުއްޓާ ރާއްޖޭގެ އިންފްލޭޝަން ވެސް އެތައް ތަނަކުން މައްޗަށް ގޮސް ދިރިއުޅުމުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފަ އެވެ.

އެހެން ވީމާ، މުސާރަތައް ބޮޑު ކުރުމުގެ ވާހަކައިގެ ކުރިން މިއީ މާ އަވަހަށް ވެސް ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ.

"މިފަދަ ބޮޑު ފަރަގެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގައި އޮތުމަކީ މިއީ ފިނޭންސް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގަބޫލު ކުރެވޭ ކަމެއް ނޫން. މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަލާއިރު މުވައްޒަފުންގެ މުސާރައަށް ވަރަށް ބޮޑު އަދަދެއް ހޭދަކުރަން އެބަ ޖެހޭ،" މިނިވަން މުއައްސަސާތަކުގެ ބަޖެޓް ކުޑަވެގެން މިފަހަރު ބަޖެޓް ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

މައްސަލައިގެ ފެށުން މިއޮތީ

ރާއްޖެއަށް އައި ޑިމޮކްރަސީގެ ކުއްލި އޮއިވަރާއެކު ނުކަތާ ވަރުގެ މިނިވަން މުއައްސަސާތަކެއް އުފެދި، އެ މީހުންގެ ނަޒާހަތްތެރިކަމުގެ ނަމުގައި ހިތުހުރި އަދަދަކަށް މުސާރަތައް ބަހާލާ އުސޫލުން ކަންކަން ކުރުމަކީ މި މައްސަލައިގެ ފެށުމެވެ. ރާއްޖޭގެ މާލީ ހާލަތަށް ނުކަތާ ވަރުގެ ސިވިލްސާވިސް އަކާއި މުއައްސަސާތަކެއް އުފެދުމަކީ ހަގީގަތުގައި މައްސަލައިގެ ފެށުމެވެ. ދައުލަތަށް ލިބޭ އާމްދަނީއާ އެކަށީގެންވާ މުސާރައިގެ އޮނިގަނޑެއް ބޭއްވުން މުހިންމެވެ.

ދައުލަތުން މިހާރު މުސާރަތަކަށް ކުރާ ހަރަދަށް ބަލާއިރު އަހަރެއްގެ މައްޗަށް ސިޔާސީ މަގާމުތަކުގައި ތިބި 553 މީހުންނަށް 169.1 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ސިވިލް ސާވިސްގެ 24،005 މުވައްޒަފުންނަށް 2.6 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭއިރު ޔުނީފޯމް މަގާމުތަކުގައި ތިބި 7108 މީހުންނަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުރަންޖެހެ އެވެ. އިންތިހާބީ މަގާމުތަކުގައި ތިބި 1419 މީހުންނަށް 360.7 މިލިއަން ރުފިޔާ ހޭދަވާ އިރު މިނިވަން މުއައްސަސާތަކުގެ 3832 މުވައްޒަފުންނަށް 424.10 މިލިއަން ރުފިޔާ އަހަރަކު ހަރަދުކުރަން ޖެހެ އެވެ.

މިހާ ބޮޑެތި ހަރަދުތަކެއް ދައުލަތުން ކުރާ އިރު، އޭގެ ސަބަބުން ނިކުންނަ ވަކި ރަނގަޅު ނަތީޖާއެއް އޮތްހެނެއް ހިއެއް ނުވެ އެވެ.

ހައްލަކީ ކޮބާ؟

މުއައްސަސާތަކަށް މަސައްކަތް ނުކުރެވުމާ ސްޕީޑް ލަސްވުމަކީ ހަމަ އަދިވެސް އޮތް ޝަކުވާ އެވެ. ކޮންމެ އަހަރަކު ބަޖެޓް އެކުލަވާލާ އިރު، ބަޖެޓް ކޮމިޓީގެ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރާނީ ނަތީޖާ ނުދެއްކޭ މައްސަލައިގަ އެވެ. ރާއްޖޭގެ ތަޖުރިބާގައި މުސާރައެއް ވަކި ބޮޑު ކުރުމަކުން މަސައްކަތަކުން ނަތީޖާއެއް އަދި ނުފެންނިދާނެ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބަޖެޓް ކޮމިޓީގައި ވިދާޅުވި ގޮތުގައި، މުސާރަ ބޮޑު ކުރުމަށްވުރެ މުވައްޒަފުންގެ އެފިޝަންސީ ރަނގަޅު ކުރުން މާ މުހިންމެވެ. ޓެކްނޮލޮޖީ މަސައްކަތުގެ ތެރެއަށް ވައްދައި ސިވިލްސާވިސްގެ ސައިޒް ކުޑަކޮށްގެން މެރިޓަށް ބަލައިގެން މުސާރަތައް ވެސް ރަނގަޅު ކުރުމަކީ ފިނޭންސް މިނިސްޓަރު ގެންގުޅުއްވާ ވިޝަންއެކެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއް މުވައްޒަފަކަށް ފަސޭހަ އިން ކުރެވެން އޮންނަ ކަމެއް ވެސް އެތައް މަރުހަލާތަކެއްގެ ތެރެއިން ކުރަން ޖެހުމުންކަން ދައުލަތުގެ ފައިސާ އިސްރާފުވެ އެވެ. އެބައި ކުޑަކޮށް މުސާރަތަކަށް ވެސް ކުރިއެރުން ގެނެވޭނެ އެވެ.

"އަޅުގަނޑު ވަރަށް ނަގާ މިސާލެއް މިއީ، އޮސްޓްރޭލިއާގައި އަޅުގަނޑު ޕާސްޕޯޓެއް ހޯދަން ދިޔައީމައި ލައިނުގައި ފަސް މިނިޓު. ސަބަބަކީ ޕާސްޕޯޓު ހޯދަން ދިއުމުގެ ކުރިން އަޅުގަނޑު ހުންނަނީ ހުރިހާ ޑޮކިއުމެންޓުތަކެއް އެ ތަނަށް ފޮނުވާފައި. އަޅުގަނޑު އެ ތަނުގައި ފަސް މިނިޓު ލައިނުގައި ހުންނަން ޖެހެނީ ބަރާބަރު އަޅުގަނޑު އަތަށް ލިބެން ނަގާ ވަގުތު،" ސިވިލްސާވިސް ރިސްޓްރަކްޗާ ކުރުމަށް މިނިސްޓަރުގެ ވިޝަން ހާމަކުރައްވަމުން އޭރު ވިދާޅުވި އެވެ.

އެކަމަށް ފުރަތަމަ ފިޔަވަޅު އެޅުމުގެ ގޮތުން މިއަހަރުގެ ބަޖެޓްގައި އޮފީސް ހިންގުމުގެ ހަރަދުން 117.6 މިލިއަން ރުފިޔާ ވަނީ ސަލާމަތްކޮށްފަ އެވެ. އެކަމަކު މިވަރަކުން އަދި ނުފެނެ އެވެ.

މުސާރަތައް ހަމަޔަކަށް އެޅުވުމުގެ ވާހަކަ ދައްކައި ދައްކާ ތިބޭތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. އެކަމަށް ޕޭ ކޮިޝަނެއް ވެސް އެކުލަވާލާފައި އެބަ އޮތެވެ. ކޮމިޝަން އެކުލަވާލި ފަހުން ތިންމަސް ވެއްޖެ އެވެ. އެކަމަކު އެތަން އަދިވެސް ފެންނަނީ "ޑެޑް ބޮޑީ" އެއްގެ ގޮތުގަ އެވެ. އެތަނުން ކުރި މަސައްކަތްތަކެއް އަދިއެއް އެނގޭކަށް ނެތެވެ. އެވާހަކަ ބުނެދޭނެ މީހަކު ވެސް ނެތެވެ. ރިވިއުކޮށް މިހާތަނަށް އެޅުނު ފިޔަވަޅެއް އަދި މަޖިލީހަށް ލަފައެއް ދިން ވާހަކައެއް އަޑެއް ނީވެއެވެ.

މިއީ ވެސް ސީރިއަސް މައްސަލައެއް

ލިބޭ އުޖޫރައާ މެދު ހިތްހަމަނުޖެހޭ ނަމަ ވަޒީފާ އަދާކުރުމުގެ 100 ޕަސެންޓް ހިތްހަމަޖެހުމެއް ނޯންނާނެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ ވަޒީފާތަކަށް ނިކުންނަން ތިބި ޒުވާނުންނަށް މާޔޫސްކަން ކުރިމަތިވުމެވެ. ދެން ނުކުންނަ އިގްތިސާދީ ބޮޑު މައްސަލައަކީ ޒުވާނުން ވަޒީފާތަކާ ދުރަށް ދިޔުމެވެ. އެއްވެސް މެރިޓަކަށް ބެލުމެއް ނެތި އެކަށައަޅާފައި އޮންނަ މުސާރައިގެ މިންގަނޑުގެ ސަބަބުން ޕިޔޯނަށް ލިބޭ މުސާރަ، ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށް ލިބިފައި އެބަ ހުއްޓެވެ. މިއީ ތައުލީމީ ޒުވާނުން ވަޒީފާތަކާ ދުރަށް ދުވާނެ މައްސަލައެކެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމަށް މިއީ ސަރުކާރުގެ ކުރިމަތީގައި އޮތް ބޮޑު ޗެލެންޖެއް ކަމަށް ފެނެ އެވެ. މުސާރަތައް ކަނޑައެޅުމުގައި ތައުލީމީ ފެންވަރާއި ނަގަން ޖެހޭ ޒިންމާ އަށް ވެސް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާކަން މިއީ ގަބޫލު ކުރަން ހަގީގަތެކެވެ.

"އުޖޫރާގައި ތަފާތެއް ހުރިއްޔާ މަސައްކަތް ކުރުމުގެ ޖޯޝް ދަށްވާނެ. އެ ތަފާތު ހުރިއްޔާ ގަޔާވެގެން އެ މަސައްކަތް ކުރަން ޖެހޭ ގޮތަކަށް ނުކުރެވޭ. މީގެ ސަބަބުން އެކަށޭނަ ސިވިލްސާވިސްއެއް އެކުލަވާލަން އެބަ އުނދަގޫވޭ. މީގައި ހަރުދަނާ ސިޔާސަތުތަކެއް ވަރަށް މުހިންމު. މުސާރަތައް ބޮޑު ކުރުމަށް ވުރެން ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ކަންކަން ހަމަޔަކަށް އެޅުވުން މުހިންމު،" ކުރިން ވެސް ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ. ""މި ބަލި މިއީ ވަރަށް ކުރީ ޒަމާނުއްސުރެ އުފެދިގެން އައި ކަމެއް. އެކަން ފެށުނީ ސަރުކާރުގެ ކުންފުނިތަކުގެ ސަބަބުން. އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން އެހެން ކުންފުނިތައް ބޮޑުކުރަން ފެށީ. މިކަން ވަބާއަކަށް ވެގެންދިޔައީ،"

ސިވިލް ސާވެންޓުންނާއި މިނިވަން މުއައްސާތަކުގެ މުސާރައިގެ ފަރަގަކީ އިގްތިސާދުގެ ހަމަހަމަކަން ގެއްލުމަށް ކުރިމަތިވާ ސަބަބެއް ކަމަށް ބައެއް އިގްތިސާދީ ބޭފުޅުން ގަބޫލުކުރައްވަ އެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެއީ އިގްތިސާދެއްގައި އުޅޭ ފަގީރުންނާއި މުއްސަނދިންނާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް ކުރިމަތިވާ ބޮޑު ހުރެހެކެވެ. ދައުލަތުގެ ވަޒީފާތަކުން ކެނޑިގެން ދާ މީހުންގެ ނިސްބަތް ވެސް ގިނަ އިރު، މިއީ މުސާރައިގެ މިންގަނޑުގެ މައްސަލައަކަށް ވެސް ވެދާނެ އެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަ ކަމާއި މިހިރަ މައްސަލަތަކަށް މުޅި ސިސްޓަމް މި ވަނީ އޯވަހޯލް ކުރަން ޖެހިފަ އެވެ. މިކަމަށް ވަރުގަދަ ދިރާސާއެއް މި ވަނީ ހަދަން ޖެހިފަ އެވެ. ދައުލަތުގެ މުސާރައިގެ މިންގަނޑުގައި ހަމަހަމަކަމެއް ނެތުމުގެ ސަބަބުން ނުކުންނަ މައްސަލަތައް ފުނިޖެހިފައި ހުރި އިރު އެ މައްސަލަތަކުގެ ފުނަށް ޕޭކޮމިޝަނުން އެބަ ފީނަން ޖެހެ އެވެ.