ރިޕޯޓް

ފުރުސަތެއް ލިބިޖެއްޔާ ވާދަވެރި ނަމަކީ މައުމޫން!

  • ނަޝީދުގެ ސިޔާސީ "ހުދު ދޮގު" ގެ ދުވަސްތައް
  • އާދަޔާހިލާފު އެތައް ކަމެއް ފެންނަމުންދާނެ
  • ރައީސް ޔާމީނަށް ޗެލެންޖެއް ދޭވެނެ ނަމެއް ނުފެނޭ

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގެ ފަހު ދެ އަހަރުގެ ކަލަންޑަރު ގުނަން ފަށާފައިވާއިރު މިހާރު ވެސް އެއް ކަމެއް ވަނީ ޔަގީންވެފަ އެވެ. "އަމާޒު ޔަގީން" ގެ ޝިޔާރުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ވަޑައިގަތުމަށް ކުރައްވަންޖެހޭ މަސައްކަތުގެ މަގު ސާފުކޮށް، އެ މަސައްކަތް ފަށާފައިވާ ކަމެވެ.

އެެހެން ނަމަވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނުވަތަ އިދކޮޅު އެހެން ކޭމްޕްތަކުން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކެންޑިޑޭޓުންގެ ނަން އުމަރު ނަސީރު ފިޔަވައި ސާފެއް ނުވެއެވެ. އެންމެ ބޮޑަށް އެކަމަށް ޝައުގުވެރިވެ ވަޑައިގެން އުޅުއްވަނީ ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރު ދުވަހަށް ޖަލަށް ލާފައިވަނިކޮށް ބޭސް ފަރުވާއަށް ވަޑައިގެންނެވި ގޮތަށް ފިއްލަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ފިއްލެވި ހިސާބުން ފެށިގެން ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ވަނީ ހުއްޓިފަ އެވެ. މާނައަކީ އެނބުރި ވަޑައިގަންނަވާ ހިސާބުން ހުކުމުގެ ބާކީބާ ހިނގަން ފަށާނެ އެވެ.

އަނެއް ކޮޅުން އެ މަނިކުފާނުގެ މައްޗަށް އިތުރު ދައުވާއެއް މިހާރު ވަނީ އުފުލާ އެވެ. އެ ދައުވާގެ ޝަރީއަތް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ހިނގައިގަންނާނެ އެވެ. އެހެން ކަމުން ގާނޫނީ ގޮތުން ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މަގު ވަނީ ބަންދުވެފަ އެވެ.

ރިޔާސީ އިންތިހާބަށް ވަކިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ދުރާލައި އިއުލާންކޮށްފަ އެވެ. ޖުމްހޫރީ ޕާޓީން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ފޭލިވެފައިވާ ވިޔަފާރިވެރި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމަކީ އެ ޕާޓީގެ ރިޔާސީ ނަމެވެ. އެކަމަކު ރާއްޖޭގެ ގާނޫނުއަސާސީ މިހާރު ބުނާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަންނަވަން ވާދަ ކުރައްވާ ބޭފުޅުންގެ އުމުރަކަށް ގާސިމްގެ އުމުރެއް ނުފެތެ އެވެ. ދެން އެ ޕާޓީން ރިޔާސީ އިންތިހާބަށް ނެރެފާނެ ކަމަށް ބެލެވޭ ބޭފުޅެއްގެ ގޮތުގައި ކޮންމެވެސް ވަރަކަށް އިވިފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އޭނާއަކީ ވެސް ޖަލު ހުކުމެއް ތަންފީޒު ކުރާ ބޭފުޅެކެވެ.

ގާސިމަކީ ރައީސް ޔާމީނަށް ޗެލެންޖެއް ދެވޭވަރުގެ ސިޔާސީ ވެއިޓް ހުރި ބޭފުޅެއް ކަމަކަށް މިހާރު ނުފެނެ އެވެ. އެފަދަ ބޭފުޅެއްނަމަ އެއް ދުވަހު ރައީސް ޔާމީން ގައިގައި "ބަނދެވިގެން" އަނެއް ދުވަހު "މޮހެވިގެން" އަދި ޖެހިގެން އަންނަ ދުވަހު "އެއް ސްޓޭޖް" ގައި ނުހުންނަވާނެ އެވެ. ސިޔާސީ ގޮތުން ގާސިމަކީ ދެބުރަށް ފެއިލް ވެފައިވާ ބޭފުޅެކެވެ. ނާޒިމަކީ ސޔާސީ މަސް ފަލަ ބޭފުޅަކަށް ނުވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރު ހިންގާ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ސަރުކާރަށް ކުރާ ތާއީދު ގެންދަވައި ސަރުކާރާ ދެކޮޅު ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ވެސް ވެރިކަމަށް ކުރިމަތި ލެއްވޭ އުމުރު، ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާ ބޭފުޅަކަށް ނޫނެވެ. އެހެން ނަމަވެސް ސިޔާސީ ކަންކަމުގައި އަންނަ "ގައުމީ މަސްލަހަތު" ގެ ތެރެއިން ލާފައި ގާނޫނު އަސާސީއަށް އަންނަ ބަދަލަކުން މައުމޫނަށް ކުރިމަތިލެވޭ ގޮތްވެ އެ މަނިކުފާނު ވާދަ ކުރައްވައިފިނަމަ އަދިވެސް ރައީސް ޔާމީނަށް ޗެލެންޖެއް ދެވޭވަރުގެ ބޭފުޅަކަށް ވާނީ މައުމޫނެވެ. ރައީސް ޔާމީނާ ވާދަކޮށްލެވޭނެ ސިޔާސީ ބުރަދަން ހުރި އެހެން އެއްވެސް ބޭފުޅަކު އެ ނޫނީ ނުފެނެ އެވެ. އެފަދަ ފުރުސަތެއް ލިބި ވަޑައިގެންފިނަމަ ވޯޓް ހޯދައިލެވޭ ބޭފުޅަކަށްވާނީ މައުމޫނެވެ. ނަޝީދަކަށް އެފަދަ ފުރުސަތެއް ނެތެވެ.

އުމަރު ނަސީރާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ މަޖިލިސް މެންބަރު އަބްދުﷲ ޝާހިދު އެބަތިއްބެވި އެވެ. މީގެ ތެރެއިން އުމަރު ނަސީރަކީ ރައީސް ޔާމީނަށް ޗެލެންޖެއް ދެވޭވަރުގެ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ފައްކާވެފައިވާ ބޭފުޅަކަށް ނުވާއިރު ޖަމީލަކީ އުމަރު ނަސީރަށްވުރެ ވެސް އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ ބޭފުޅެކެވެ.

އަބްދުﷲ ޝާހިދަކީ ސިޔާސީ ތަޖުރިބާ އާއި ރޭވުންތެރިންތެރިކަން ލިބި ވަޑައިގެން ހުންނެވި ބޭފުޅަކަށްވި ނަމަވެސް ރައީސް ނަޝީދުގެ ގޮތް ދޫނުކުރާ ސިޔާސަތުގެ ތެރެއިން ޝާހިދަށް އެމްޑީޕީގެ ތެރެއިން ފުރުސަތެއް ލިބިވަޑައިގަތުމަކީ ނާދިރު ކަމެކެވެ. އަމިއްލަފުޅަށް ނޫނީ އެހެން ގޮތަކުން ނުކުމެ ވަޑައިގެންނެވި ނަމަވެސް ޝާހިދަކީ އެހާ ފުދޭ ނަމަކަށް ނުވާނެ އެވެ.

މި ބޭފުޅުންގެ ތެރެއިން ނަޝީދާއި ގާސިމާއި މައުމޫނަށް ފުރުސަތެއް ލިބޭނަމަ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން "ލެޖިސްލޭޓިވް ފުރޮޅުމެއް" އަންނަން ޖެހޭނެ އެވެ. އެއީ ވުމަށްވުރެ ނުވުން ކައިރި ނުވަތަ އެއްގޮތަކަށް ވެސް ނުވާނެ ކަމެކެވެ. މަސްލަހަތަށްޓަކައި ގާނޫނު އަސާސީގައިވާ އުމުރުގެ މާއްދާއަށް ކޮންމެވެސް ބަދަލެއް ގެނެސްގެން މައުމޫނަށާއި ގާސިމަށް ވިންޑޯއެއް ހުޅުވުނަސް ނަޝީދުގެ މައްސަލައިގެ ހާލަތު ފުރޮޅުމަކަށް ދިއުމަކީ ވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ރާއްޖެ، ރިޔާސީ އިންތިހާބާ ގާތަށް ޖެހެމުން ދާވަރަކަށް ރާއްޖޭގެ ސިޔާސީ މައިދާން ކިލަނބުވެ ހިޔާލަށް ނުގެނެވޭ އާ ކަންކަން މިއަހަރުން ފެށިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެންނަމުން ދާނެ އެވެ. އެމްޑީޕީ އާއި ރައީސް ނަޝީދުގެ ކިބައިން މިހާރު އެ ފެންނަނީ އެކަމެވެ. އެންމެ ކަންކަން ގިނަވެފައި ހައިރާން ކުރުވާނީ ވެސް އެދިމާ އެވެ.

ރައީސް ނަޝީދަކީ އޭނާ ނޫން ބޭފުޅަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން ބޭނުންފުޅުވާނެ ބޭފުޅެއް ނޫނެވެ. ނަޝީދު އެމެރިކާއަށް ވަޑައިގެން "ރާއްޖެ ސަލާމަތް ކުރަން ރާއްޖެ ދާން އެބެޖެހޭ" ކަމަށް ވިދާޅުވެ އިންޓަވިއު ދެއްވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރަން ދަތުރު ހެއްދެވުމުގެ ބޭނުންފުޅުގަ އެވެ.

ނަޝީދު އެމެރިކާގައި ހުންނަވައިގެން އެ މޭރުމުން އިންޓަވިއު ދެއްވުމުން ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އަދި ނަޝީދުގެ ޕޮލިޓިކަލް ފިލޯސަފީން ބުނެދޭން ބޭނުންވަނީ ނަޝީދު ރާއްޖެ ފޮނުވައިދީ ސިޔާސީ ހަރަކާތުގެ ތެރެއަށް ވައްދަން އެމެރިކާއިން ބާރު އަޅައިދެއޭ އެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އޭނާއަށް އޮތް ހުރަސް ނައްތާލާން އެމެރިކާއިން "ބުލްޑޯލްޒު" ކޮށްދޭނެ އޭ އެވެ.

މިހާރު ނަޝީދު ސްރީލަންކާއަށް ވަޑައިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާއި ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ގައުމީ ހިންގާ ކޮމެޓީ އާއި ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް އެވަނީ މަޝްވަރާތައްކޮށްފަ އެވެ. ބޭނުމަކީ ސިޔާސީ ގޮތުން އެއްވެސް އަސްލެއް ނެތް މުޅިން އާ ވާހަކަތަކެއް ފަތުރާއިލުމެވެ. އެމްޑީޕގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ލަންކާގައި ދެއްކަވާފައިވާ ވާހަކަތަކާއި ނޫސްތަކަށް ދެއްވާފައިވާ އިންޓަވިއުތަކުން މިކަން އެނގޭނެ އެވެ. އެފަދަ އެތައް ވާހަކަތަކެއް ކުރިޔަށް ހައެއްކަ ދުވަހު އަދި ނުކުންނާނެ އެވެ. އަދި ކުރިޔަށް އޮތް ދުވަސްކޮޅުގެ ޔޫރަޕްގެ ބައެއް އެހެން ގައުމުތަކަށާއި އިންޑިއާ އަށް ވެސް ނަޝީދު ވަޑައިގަންނަވާނެ އެވެ.

"މިހުރިހާ ކަމެއް ކުރައްވާނީ ދެތިން ކަމަކަށްޓަކައި އެކަމަކީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރައްވާނެކަން އެމްޑީޕީގެ ސަޕޯޓަރުންނަށް ވިސްނައި ދިނުމާއެކު އެމްޑީޕީގެ ތެރެއިން ކުރިޔަށްޖެހޭ ލީޑަރުން ހުއްޓުވާލުން. ދެން ބައިނަލްއަގުވާމީ ޕްރެޝަރެއް ރާއްޖެއަށް ގެނެސް ރިޔާސީ އިންތިހާބުގައި އޭނާއަށް ވާދަކުރެވޭނެ ގޮތް ހަދައިދޭން މަސައްކަތް ކުރުވުން،" ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

މިކަން މިހެން ހިނގާއިރު ފެންނާނެ އެއް ކަމެއް އިއްޔެ ނަޝީދު ކުރައްވައިފި އެވެ. އެއީ އެމްޑީޕީން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހޮވަން ނަޝީދު ހިމެނޭ ގޮތަށް ޕްރައިމަރީއެއް ބާއްވާ ވާހަކަ އަމިއްލަ ފުޅަށް އިއުލާން ކުރެއްވުމެވެ. ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ބޭފުޅަކު ހިމެނޭ ގޮތަށް ޕްރައިމަރީއެއް ބާއްވަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ބޭނުމަކީ އެ ޕްރައިމަރީގައި އެ މަނިކުފާނު ނޫން ބޭފުޅަކަށް ވޯޓް ނުލިބޭނެ ގޮތް ހެދުމެވެ. އެ މެކޭނިޒަމް އެމްޑީޕީގައި އެބައޮތެވެ. އެ ނޫން މީހަކަށް އެމްޑީޕީގެ އެ ޓިކެޓް ދެވެން ނެތްކަން މިހާރު ވެސް ކަށަވަރު ކޮށްދިނީ އެވެ.

އެކަމަށް މަގު ފަހި ކުރުމަށްޓަކައި އެހެން ބައެއް ކަންކަން އައުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ އެއް ކަމަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސް ކުރާނެ އެވެ. އެއީ އެއް ކެންޑިޑޭޓަކު ނެރަން އިގްރާރުވާ ގަރާރަކަށް ވުން ވަރަށް ގާތެވެ.

އެއާއެކު ކުރީގެ ރައީސް މައުމޫނާއި ގާސިމް އބްރާހިމްގެ ތާއީދު ނަޝީދަށް އޮތްކަން ދައްކުވައިދޭން އާ ވާހަކަތަކެއް ފެންމަތި ކުރުމާއެކު އުމަރު ނަސީރާއި ޖަމީލް އަދި ޝާހިދުގެ "ބޮކި ނިވާލާނެ" އެވެ. އެ ދެ ބޭފުޅުންގެ ތާއީދު އޮތް ކަމަށް ދެއްކުމުގެ ވާހަކަތަކުގައި އިދިކޮޅުން ނެރޭ ކެންޑިޑޭޓަކީ ރައީސް ނަޝީދުގެ ނަން ކަމަށް ހެދުމާއި ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ނުނެރެވޭ ކަމަށް ވަންޏާ އެމްޑީޕީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމުގެ ވާހަކަ ވެސް އުފަންވާނެ އެވެ.

އަދި އެމްޑީޕީން ޕްރައިމަރީއެއް ބޭއްވައިގެން އެހެން ބޭފުޅަކު ކާމިޔާބު ކުރެއްވިޔަސް އަދި އިދިކޮޅުން އެއް ކެންޑިޑޭޓެއްގެ ގޮތުގައި އެހެން ބޭފުޅެއްގެ ނަން އަޔަސް އެމްޑީޕީގެ ތާއީދު ބޭރު ފުށަށް ދެއްކުމަށް ފަހު ޕާޓީ ހިމޭންވާނެ އެވެ.

ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި ކުރީގެ ޑިޕްލޮމޭޓަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބެއްގައި އިދިކޮޅުން ނެރެން ބޭނުންވާ ކެންޑިޑޭޓަކަށް ޖާގަ ނުދޭ ކަމަށް ދައްކައި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ސަމާލުކަމަށް އެކަން ގެންދިއުމަކީ ނަޝީދު އެންމެ ބޮޑަށް މިވަގުތަށް ބޭނުންވާނެ ކަންތަކެވެ. އަދި މިހާރު ފެންނަ ކަންކަމަކީ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް ޔާމީންގެ ނަމާއެކު ނަޝީދުގެ ނަން ހިމެނުމަށް ކުޅެވޭ "ޕޮލިޓިކަލް މައިންޑް ސްޓެރެޓަޖީ" އެކެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އެކަމަށް ބޭނުންވާނެ "ސިޔާސީ ހުދު ދޮގު" ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ގިނަވާނެ އެވެ.

"ރައީސް ނަޝީދަކީ ވެރިކަން ކުރެއްވޭ ސްޓޭޓަސްއެއްގައި ހުންނެވި ބޭފުޅެއް ނޫން ދެއްތޯ؟ އަދި ގާސިމާއި މައުމޫނު ވެސް... ނޫންތޯ؟" އެ ޑިޕްލޮމޭޓް ސުވާލު ކުރެއްވި އެވެ. "އަނެއްކޮޅުން އެ ބޭފުޅުން ނޫނަސް ރާއްޖޭގައި ވެރިކަން ކުރައްވަން ރައީސް ޔާމީނާ ވާދަ ކޮށްލެވޭވަރުގެ ބޭފުޅުން ތިއްބަވަން ޖެހޭނެ... އަދި އިދިކޮޅު ކެންޑިޑޭޓުން ހިޔާރު ކުރުމުގެ ބާރު އޮންނާން ވާނީ ނަޝީދާއި ގާސިމާއި މައުމޫނާއި ޖަމީލާއި އަދާލަތަށް އެކަންޏެއް ވެސް ނޫން، ސިޔާސީ އެހެން ފެކްޓާސްތައް ވެސް އެބަހުރި،"

ވިލާގަނޑުގައި އެންމެ އާދަޔާހިލާފު އެލެމެންޓަކަށް އަބްދުﷲ ޝާހިދާއި މައުމޫން ވުމަކީ ވެދާނެ ގޮތެކެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީގެ ތެރެއިން ވަކިވެފައިވާ ފެކްޝަނެއްގެ ގޮތުގައި އަބްދުﷲ ޝާހިދު މިހާރު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވަނީ، އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ނަޝީދަށް އެއް ވެސް ފުރުސަތެއް ނެތް. ގާނޫނުއަސާސީއަށް ބަދަލެއް ގެނެސްގެންވެސް ފުރުސަތެއް ލިބެންޏާ ލިބިގެން މައުމޫނަށް ކިރިޔާވެސް ޔާމީނާ ވާދަކޮށްލެވޭނީ، އެކަމަކު އެއީ އަތުވެދާނެ ހާލަތެއްތަ؟"

ވާހަކަތައް އިވޭ ގޮތުން އެމްޑީޕީ މަޑުމަޑުން ޖެހެމުން ދަނީ އެމްޑީީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލާ ދިމާއަށް ކަމަށެވެ. ބައެއް މީހުން އެހެން ބުނެ އެވެ. އެއީ ހަގީގަތް ކަމަށް ވަންޏާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކުރިން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެންނެވުމަކީ ރައީސް ނަޝީދު ކަށަވަރު ކުރައްވަން ވަރަށް ބޮޑަށް ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމެކެވެ. ސަބަބަކީ އެމްޑީޕީގެ ތެރޭގައި އިންސާފުވެރި ޑިމޮކްރެޓިކް އިންތިހާބެއް ބާވައިގެން ކަންކަންގެން ގޮސްފިނަމަ ނަޝީދަށް އޮތް ފުރުސަތު ގެއްލިގެން ހިނގައިދާނެތީ އެވެ.

ޝާހިދު ނުކުންނަވާނެ ހާލަތެއް އައި ނަމަވެސް ނަޝީދު ނުވަތަ އެމްޑީޕީގެ ބެކިން ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އޭގެ އިތުރަށް ސިޔާސީ ގޮތުން ޝާހިދާ ދޮކޮޅަށް ހުޅުވާނެ ފައިލްތައް ހުންނާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންނަވައިގެން ޝާހިދު ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަކާލާތު ކުރި ކަންކަން ނުވުމުގައި ދައުރެއް އަދާ ކުރެއްވީ ޝާހިދު ކަމަށް "އަސްލު އެމްޑީޕީ" ގަބޫލު ކުރެ އެވެ.

އަނެއް ކަމަކީ އެމްޑީޕީގެ ސަރުކާރު ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރި އިރު ބޭނުންވި ކަންކަން ޝާހިދު ރައްޔިތުންގެ މަޖިލީހުގައި އިންނަވައި މަޖިލީހުގެ ތެރެއިން އެކަންކަން ވޭނެ ގޮތް އޮތީ ތަނަވަސް ނުވެއެވެ. މިހާރުގެ ސަރުކާރު ބާރަށް ކުރިޔަށް ގެންދިއުމަށް މަޖިލީހުން ހަދައި ދެމުންދާ ގާނޫނުތައް އެމްޑީޕގެ ސަރުކާރަށް ހަދައި ނުދިނުމުގެ ތުހުމަތު އޮތީ ޝާހިދުގެ ބޮލަށް ކެނޑިފަ އެވެ. "ޒަހަމްވެފައިވާ ސިންގާ" އެއް ފަދައިން ނަޝީދުގެ ހިތުގައި ވެސް އެމްޑީޕީގެ ރޫހުގައި ވެސް އެ ޒަހަމް ވޭން އަޅަ އަޅައި އޮންނާނެ އެވެ.

އަހުމަދު ތަސްމީން އަލީ މެޖޯރިޓީލީޑަރަކަށް ހުންނަވައި ޝާހިދަކީ މަޖިލީހުގެ ރައީސަކަށް އިންނަވައި ގާސިމުގެ ބައިވެރިވުމާއެކު އޭރު ވަނީ އެމްޑީޕގެ ސަރުކާރަށް ޖާގަ ނުދީ ބައެއް ބާރުތައް ދަމާހާލާ މަޖިލީހުގެ ތެރެއަށް ވައްދާފަ އެވެ. އެ ހުރިހާ ކަމެއްގެ ސަބަބުން އެމްޑީގެ މެންބަރުން ހިތް ޝާހިދާ މެދު ސާފުވާނެތޯ ސުވާލު އޮތް އިރު ފެބުރުއަރީ 7 ގައި ރައްތިތުންގެ މަޖިލީހުން ޝާހިދު ކަންކަން ކުރެއްވި ގޮތާމެދު އެމްޑީޕީން އަދިވެސް ސުވާލު އުފައްދަ އެވެ.

މި ވަގުތުން ކޮންމެ ޓައީއެއް އެޅުއްވި ނަމަވެސް އަދި ޝާހިދުގެ ފުދޭ ދުލުން ކިތަންމެ ގޮތްތަކަށް ޕޮލިޓްކްސް ސްޕިން ކޮށް ދެއްވިޔަސް ޝާހިދަކީ "ސްކޫލް އޮފް މައުނޫން" ނޫން އެއްޗަކަށް ވާނެ ހެއްޔެވެ؟ މިއީ އެންމެ އާދައިގެ މީހާއަށް ވެސް އެނގޭ ކަމެކެވެ.

އެހެން ކަމުން ޝާހިދު ކުރިމަތިލައްވައފި ނަމަ އޭނާ ޕޯޑިއަމްގައި ބަހައްޓައިގެން ރައީސް ޔާމީންގެ ކެމްޕޭނުގެ ތެރެއިންނާއި އެމްޑީޕީގެ ތެރެއިން މި ފައިލްތައް ރަނގަޅަށް ހުޅުވާލާނެ އެވެ. ނަޝީދުގެ ބެކިންއެއް ނޯންނާނެ އެވެ. ސިޔާސީ އުދުހުމެއްގައި ޝާހިދަށްޖެހި ވަޑައިގަންނަވާނެ ހާލަކީ "ކެޔޮ ބޯއްޓަށް ޖެއްސި ވާލަށް ޖެހުނު ހާލެ" ވެ. މި ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހި ޝާހިދަށް ލިބިވަޑައިގެންފިނަމަ 2023 އަށް ނަޝީދު ކުރައްވާ އުންމީދަށް ވެސް ހިޔަނި އެޅޭނެތީ ޝާހިދަކީ ޕޮޓެންޝިއަލް ކެންޑިޑޭޓަކަށް ވިޔަ ނުދޭން ބުރަ މަސައްކަތް ކުރައްވާނީ ނަޝީދެވެ.

ދެން ހުންނެވީ ޖަމީލެވެ. އޭނާއަކީ އެމްޑީޕީގެ ތެރޭގައި ނޫނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ދިރުވިދާނެ "ސިޔާސީ މަހެއް" ނޫނެވެ، އޭގެ އެއް ހެއްކަކީ އޭނާ ލީޑަރަކަށް ލައިގެން ހެދި އެމްޔޫއޯ ދިރޭ ގޮތްނުވެ ނޭވާ ހޮޅިއަށް އެޅުމެވެ. ޖަމީލާއި ރައީސް ނަޝީދު ވެކިވެވަޑައިގެންފައިވާކަން މުޅީން ޔަގީނެވެ. އެހެން ނޫންނަމަ އުމަރު ނަސީރު ޖަމީލާ ބައްދަލު ކުރައްވަން އިނގިރޭސި ވިލާތަށްވަޑައެއް ނުގަންނަވާނެ އެވެ. އަދި ނަޝީދު ސްރީލަންކާއަށް ވަޑައިގެން އެކުރައްވާ ކަންކަމެއް ނުހިނގާނެ އެވެ. މިހާތަނަށް ނަޝީދުގެ ފަރާތްޕުޅުން އިއުލާންވެގެން އައި ކަންކަން އެގޮތަކަށް ނުވެސް އަންނާނެ އެވެ.

އުމަރާއި ނަޝީދު އެއްގަލަށް އެރުމަކީ ވާނެ ކަމެއް ކަމަކަށް އަދިއެއް ނުބެލެވެއެވެ. އަނެއްކޮޅުން ޖަމީލަކީ ޕްރެޒިޑެންޝަލް މެޓީރިއަލްގެ ކެންޑިޑޭޓެއް ނޫނެވެ. ތާއީދު ނެތުމުގެ އިތުރުން ތުހުމަތުތަކާއެކު ފޭލިވެފައިވާ ކަމަށް މީހުން ގަބޫލު ކުރާ ބޭފުޅެކެވެ. ސިޔާސީ ޕްރެޝަރަށް ކުރިމަތިލައްވަން ކެރިވަޑައި ނުގެން އަމިއްލަފުޅަށް އަރުވާލެއްވުން އެއީ ހެއްކެކެވެ.

އިންޓަނޭޝަނަލް ބެކިން ރައީސް ނަޝީދަށް ލިބުމާމެދު ވެސް ޝައްކެވެ. އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހާއި އެމރިކާގެ ސިޔާސީ މަސްރަހާއި އިންޑިޔާގެ ސިޔާސީ މަސްރަހު އެނބުރިފައިވާ ގޮތް މިހާރު ވަރަށް ތަފާތެވެ. ކުދި ގައުމުތަކުގެ ފުލުހަކަށް ވެގެން އެމެރިކާ އަށް ދުވޭ ވަރަށްވުރެ ގައުމު ކޮށި އަރާފައިވާލެއް ބޮޑު ކަމުން އެހެން ކަމަކާ ވިސްނަން އެމެރިކާއަކަށް ވަގުތު ނެތް އިރު އެއީ ނުކުރާނެ ކަމެއް ކަމަށް އެމެރިކާގެ އާ ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިންޑީޔާ އާއި ރާއްޖޭއާ ދެމެދު ވިޔަފާރީގެ ރަނގަޅެވެ. ސިޔާސީ އެއްވެސް ބަޔަކަށް ވިސްނާލަން ވެސް ނޭނގޭ ހަގީގަތެއް އިންޑިއާ އާއި ރާއްޖެއާ ދެމެދު މިވަގުތު ފައްކާވެފައި އެބައޮތެވެ. އޭގެ ސަބަބުން އިންޑިޔާއިން ރާއްޖެއާ މެދު މިހާރު ދެކެމުން އަންނަނީ ކުރިން ދެކެމުންއައި ގޮތަކަށް ނޫނެވެ.

އިންޑިއާގެ ސިއްރު ފަރާތްތައް ބޭނުން ކޮށްގެން ދާދި ފަހުން ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކޮށްފައި ވެއެވެ. އޭގެ ނަތީޖާ ތައްޔާރުކުރި އިރު ކުރިން ރާއްޖެއާމެދު ދެކެމުން އައި ވަރަށް ގިނަ ކަންކަމަށް ބަދަލު ގެންނަން ޖެހުނެވެ. އަނެއް ކޮޅުން ޗައިނާ އާއި ސައުދީ ރާއްޖެއާއާއެކު އޮއްވާ އެމެރިކާ އިންރާޖެ ފަހާ ދުވާކަށް ބޭނުމެއް ނުވާނެ އެވެ.

"ރައީސް ނަޝީދު ދައްކާ ދަޅައިން އިންޓަނޭޝަނަލް އެއްވެސް ޕްރެޝަަރެއް ރައީސް ޔާމީނަކަށް ދިވެހި ދައުލަތަަށް އަންނާކަށް މިވަގުތަކަށް ނެތް. ރައީސް ނަޝީދަށްވެރިކަން ހޯދައިދޭންޖެހޭ ޕްރެޝަރެއް ނާންނާނެ. އެހެނެއް ނޫން ފިނި ބަޔާންތަކެއް ނެރެފާނެ އެއީ ޕޮލިޓިކަލް ޑިޕޮލޮމަސީގައި އޮންނަ ކަމެއް،"