ރޭ މޯލްޑިވިއަން އައިޑޮލް ސީޒަންގެ ދެއެއްގެ ތިންވަނަ އޮޑިޝަން ދެއްކިއިރު އެންމެ ފާހަގަވެގެން ދިޔައީ އިހުގެ މަޝްހޫރު ލަވަ ކިޔުންތެރިންގެ އަޑުން އެ ފަންނާނުންގެ ލަވަތައް ކިޔާ ބައިވެރިން ފެނިގެން ދިޔުމެވެ. ރޭ ދައްކާފައިވަނީ އައްޑޫ ސިޓީ އަދި ލ. ގަމުގެ އޮޑިޝަނެވެ.
ރޭގެ އެޕިސޯޑުން އެންމެ ނަގާ ކިޔާލެވޭ ނަމަކީ ނިއާމް އިބްރާހިމެވެ. އޭނާއަކީ ކުޑަ ދޮހޮއްކޮބެ ކަމަށް އެ ރަށުން މީހުން ވެސް ބުނެ އެވެ. ކުރީގެ އެންމެ މަގުބޫލު ނައިފަރު ދޮހޮއްކޮގެ ނޭނގޭ ލަވައެއް އޭނާއަށް ނެތެވެ. އުމުރުން ހަގަސް ދޮހޮއްކޮބެގެ ގިނަ ލަވަތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިޔާލައި ޖަޖުންގެ ވެސް ހައިރާންކޮށްލި އެވެ.
"ޓީމް ދޮހޮއްކޮ" ގެ ނަމުގައި މިހާރު ވެސް ނިއާމްގެ ސަޕޯޓަރުންތަކެއް ޖަމާވެފައިވާއިރު އޭނާގެ އަޑުގެ ތަފާތު ކަމުގެ ވާހަކަ މޯލްޑިވިއަން އައިޑޮލްގެ އެންމެ ފޯރިނަގާ ޓްވިޓާގައި ރޭ ދެކެވުނެވެ. ހަމަ ގައިމު ވެސް ނިއާމްއަކީ މިފަހަރުގެ އުއްމީދީ ބައިވެރިއެކެވެ. ތަފާތު އަޑެކެވެ.
އަނެއްކާވެސް ދައްކަން މިޖެހެނީ ތަފާތު އަޑެއްގެ ވާހަކަ އެވެ. އެވަަރުގެ ދެވަނަ އެއް ނެތް އަޑުގެ ވެރިޔާ ހަމްދީގެ އަޑުން ރޭ ލަވަ ކިޔާލައި ޖަޖުންގެ ރޫހު ދިރުވާލި ބަދުރުންނަސީރެވެ. ބަދުރަކީ އައްޑޫ އޮޑިޝަނުގައި ބައިވެރިވި ބައިވެރިއެކެވެ. އޭނާ ރޭ ހަމްދީގެ އަޑުން ލަވަ ހުށަހެޅިއިރު އަސްލު ހަމްދީގެ އަޑާ ވަރަށް ވައްތަރެވެ. އޭގެ ފަހުން އޮލިމްޕިއަންސްގެ ޝަކީބުގެ އަޑުން "ހަކުރު ބައްޔޭ" އެ ލަވަ ވެސް އޭނާ ވަނީ ކިޔާފަ އެވެ.
ތަފާތު އަޑަކުން ލަވަ ކީ ނިއާމް އަދި ބަދުރު ވެސް ވަނީ ގޯލްޑަން ޓިކެޓް ހޯދާފަ އެވެ. ތަފާތު އަޑަކުން ލަވަ ކިޔައިގެން އެހެން ބައިވެރިޔަކު ވެސް ރޭ ގޯލްޑަން ޓިކެޓް ހޯދި އެވެ. އެއީ ގަމު އޮޑިޝަނުން ޓިކެޓް ހޯދި ދެ ބައިވެރިންގެ ތެރެއިން އެކަކެވެ. ހުސެއިން މުބާރަކެވެ. މުބާރަކު ވަނީ ހޮޅުދޫ އަބްދުﷲގެ އަޑުންނާއި ހުޒާމްގެ އަޑުން ރޭ ލަވަ ކިޔާފަ އެވެ. އެއަށްފަހު އަމިއްލަ އަޑުން ލަވަ ކިޔާ އޭނާ ވަނީ ޖަޖުން ހެއްވާލާފަ އެވެ.
އައްޑޫ އޮޑިޝަނުން ގޯލްޑަން ޓިކެޓް ހާސިލުކުރެވުނީ ނުވަ ބައިވެރިންނަށެވެ. އޭގެ ތެެރެއިން އަހުމަދު ފާރަޝް އާއި ފާތިމަތު އޫޝާ އަކީ ރޭ ވަރަށް ރީއްޗަށް ލަވަ ކީ ދެ ބައިވެރިންނެވެ. ލަވަ ކިޔުމުގެ ހުނަރުގެ އިތުރުން ފާރަޝްގެ ނެށުމުގެ ހުނަރު ވެސް ރޭ ފެނުނެވެ. ސްލޯ މޯޝަނުގައި "ޝާދިގާނާ" ލަވަ ކިޔަމުން ފާރަޝް ނަށާލުމުން ގިނަ ބަޔަކަށް އޭނާ ކަމުދިޔަ އެވެ. އޫޝާ ފާހަގަވީ ވަރަށް އަޒުމު ވަރުގަދަ އަންހެން ކުއްޖެއްގެ ގޮތުގަ އެވެ.
މަންމައަކީ ލަވަ ކިޔުންތެރިއެކެވެ. ބައްޕައަކީ ބޭންޑެއްގައި ޑްރަމް ޖެހި މީހެކެވެ. ދަރިފުޅު ވަނީ މިޔުޒިކީ ކުއްޖަކަށް ކަން ވަނީ ޔަގީނެވެ. ވީވެސް އެހެނެވެ. ރޭ އައްޑޫ އޮޑިޝަނުން ދެން އެންމެ ފާހަގަވި މޫނަކީ މުހައްމަދު އަކްރަމް ސައީދެވެ. ރީތި އަޑެއްގެ ބައިވެރިއެކެވެ. ޖަޖުންނަށް ވެސް އެންމެ ކަމުދިޔައީ އޭނާގެ އަޑެވެ.
ރޭގެ އައްޑޫ އޮޑިޝަނުން ދެން ގޯލްޑަން ޓިކެޓް ގެންގޮސްފައިވަނީ ޝައްފާން ޝަފީގާއި މޫސާ މައުސޫފް އަދި ހުސެއިން ސައީދެވެ. ގަމުގެ އޮޑިޝަނުން ޓިކެޓް ހޯދި ދެވަނަ ބައިވެރިއަކީ މުހައްމަދު ޔާމިން (ޔާނު) އެވެ. ޔާނުގެ ހުށަހަޅައިދިނުން ވަރަށް ރީއްޗެވެ. އުނޫޝާ ބުނަނީ "ޔާނު މައި ޖާނު" ކަމަށެވެ.
ރޭ ޓިކެޓް ނުލިބި ހިތް ކުދިކުދިވި ބައިވެރިންގެ ތެރޭގައި، ރެޕް ކޮށްގެން ޖަޖުން އުފާކޮށް ނުދެވުނު ނަޒްފާ އަބްދުﷲ ފާހަގަކޮށްލެވެ އެވެ. އޭގެއިތުރަށް ވަރަށް މީރުކޮށް ކައްކާ އެކަމަކު ރީއްޗަށް ލަވަ ނުކިޔުނު އައިޝަތު މީސަމް ވެސް ފާހަގަކޮށްލެވެ އެވެ. ޖަޖުންގެ މެދުގައި ދެބަސްވުމަށް ވެސް ރޭ ވަނީ ގޮސްފަ އެވެ. އެއީ ޝާޔާ ރޮއްވާލައިގެންނެވެ. ޝާޔާއަށް ވެސް ޓިކެޓް ނުލިބުނުއިރު ޝާޔާ ރުއި ގަޑީ އިއްބެ އާއި އައްފާން އަމަލުކުރި ގޮތުން އުނޫޝާ ވަނީ ހިތްހަމަ ނުޖެހިފަ އެވެ.
ރޭ ވަރަށް މަޖާ ނެގި މުހައްމަދު ޝިމްހާން އަދި ހައްސާން އަބްދުލް ގަފޫރަށް ވެސް ދާން ޖެހުނީ ހުސްއަތާ އެވެ. ކުރީގެ ލޯބިވެރިޔާ ހޯދުމަށް އައިޑޮލް ކާމިޔާބު ކުރުމުގެ އަޒުމުގައި ދިޔަ ހުސެއިން މުސްރިގު ވެސް ފައި ކައްސާލީ އެވެ. ހަމަ އެހެން ބަށި ބޯޅަ ކުޅުމާއި މޭކަޕް ކުރުމުގެ ހުނަރާއެކު ޖަޖަސް ރޫމަށް ވަތް މުހައްމަދު މުޖާހިދު ވެސް ދިޔައީ ހުސްއަތާ އެވެ. އެކަމަކު އައްފާންގެ މޫނު އެއްކޮށް ހުދުކޮށްލާފަ އެވެ.
އަގު ބޮޑު އައިނެއް އަޅައިގެން ދެ ފަހަރު ދެ ގޮތަށް އައިނުގެ އަގު ބުނި، ޔާމިން އަންވަރަށް ވެސް ލަވަ ކިޔައިގެން ޖަޖުން ހެއްވައެއް ނުލެވުނެވެ. ވަރަށް "ކޫލް" ޔާމިން އަންވަރު ވެސް ދިޔައީ ގޯލްޑަން ޓިކެޓާ ނުލަ އެވެ.
ތަފާތު އަޑުތަކަކާއެކު އައްޑޫ އަދި ލ. އަތޮޅުގެ އޮޑިޝަން ނިމިފައިވާއިރު މާދަމާ ދައްކާނީ އޮޑިޝަންގެ އެންމެ ފަހު އެޕިސޯޑެވެ. އެ އެޕިސޯޑްގައި ދައްކާނީ، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގެ މަންޒަރުތަކެވެ.