މޯލްޑިވިއަން އައިޑޮލް

އައިމަން އެނބުރި އައިިއިރު މާރިޔޯ މިފަހަރު ވެސް ކެޓީ!

ރޭ ވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ އެންމެ ފަހު އޮޑިޝަންތައް ދައްކާފަ އެވެ. އެއީ ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގައި ބޭއްވި އޮޑިޝަންތަކެވެ. އޭދަފުށި އޮޑިޝަނުން ގޯލްޑަން ޓިކެޓް ގެންދިޔައީ ފަސް ބައިވެރިންނެވެ. ކުޅުދުއްފުށިން ހަތަރު ބައިވެރިންނެވެ.

ރޭގެ އޮޑިޝަންތަކުން ވެސް ރީއްޗަށް ލަވަކީ ބައިވެރިންތަކެއް ފެނިގެން ދިޔަ އެވެ. ނަމަވެސް އެންމެ ރީތީ ނުވަތަ އެއީ ތިމަންނަގެ އައިޑޮލްއޭ ބުނެ ނަގާނެ ބައިވެރިއެއް ބުނަން ރޭގައި ވަރަށް އުދަނގޫވި އެވެ.

ރޭގެ އެޕިސޯޑްގައި މީގެ ކުރީ ސީޒަންގެ ފެނުނު ބައެއް މޫނުތައް ފެނިގެން ދިޔަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަވާ މޫނަކީ މުހައްމަދު އާދަމް (މާރިޔޯ) ގެ މޫނެވެ. މިދިޔަ ސީޒަންގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައި ނަމަވެސް ޝޯގައި ކުރިއަށް ނުދެވުނު ބައިވެރިޔަކަށް މާރިޔޯވި އެވެ. މިފަހަރު ވެސް އޭނާ ވަނީ އޮޑިޝަންގައި ބައިވެރިވިއިރު ކުރިއަށްވުރެ ވަކި ތަފާތެއް ނެތެވެ.

އޭނާގެ ދިގު ވަރުގަދަ އިސްތަށިގަނޑާއެކު ރީއްޗަށް ލަވަ ކިޔާލައި ޖަޖުން އުފާކޮށް މިފަހަރު ވެސް މާރިޔޯއަށް ނުދެވުނެވެ. އޭނާ ދާން ޖެހުނީ ހުސްއަތާ އެވެ.

ކުޅުދުއްފުށިން އޮޑިޝަނުން ގޯލްޑަން ޓިކެޓް ހޯދި ކުޅުދުއްފުއްޓަށް އުފަން އަހުމަދު އައިމަނަކީ ވެސް ފާހަގަކޮށްލެވޭ މޫނެކެވެ. އެ މޫނަކީ ވެސް އައިޑޮލަށް އާ މޫނެއް ނޫނެވެ. ފުރަތަމަ ސީޒަންގައި އޭނާގެ ދައްތައާއެކު ތިއޭޓާ ރައުންޑަށް އައިމަން ދިޔަ އެވެ. އެ ރައުންޑުން އެ ފަހަރު އޭނާއަށް ޖެހުނީ ވަކިވާށެވެ. އާ ހިތްވަރަކާއެކު އެނބުރި އައިސް އޭނާ ވަނީ ހިތްގައިމު ލަވައެއް ރޭ ހުށަހަޅައިދީފަ އެވެ. ޖަޖުންނަށް އޭނާގެ ހުށަހެޅުމަށްވުރެ ވެސް ބޮޑަށް ކަމުދިޔައީ އޭނާގެ ތަފާތު އަޑެވެ. ގޯލްޑަން ޓިކެޓް ލިބުނީ އޭނާގެ އަޑަށެވެ.

ރޭ ފާހަގަކޮށްލެވުނު އަނެއް މޫނަކީ ކުޅުދުއްފުށި އޮޑިޝަނުން ފެނިގެން ދިޔަ، ށ. ކޮމަންޑޫއަށް އުފަން އިބްރާހިމް ވަހީދު އުސްމާނެވެ. އޭނާއަކީ ގިޓާ ކުޅުމުގެ ހުނަރު ވަރަށް ފުރިހަމައަށް ލިބިފައިވާ ބައިވެރިއެކެވެ. ގިޓާ ބޯމަތީ ބާއްވައިގެން ގިޓާ ކުޅެލުމުން ޖަޖުން ވެސް ތިބީ ހައިރާންވެފަ އެވެ.

ވަހީދު އައިޑޮލްގައި ބައިވެރިވީ އޭނާގެ ގިނަ ދުވަސްވީ ލޯބިވެރިޔާ ވަކިވެ އެކަމުގެ ނުތަނަވަސްކަމުގެ ވެސް ތެރޭގަ އެވެ. އޭނާގެ އަޑުގައި އެ އަސަރު ހުއްޓެވެ. ޖަޖުންނަށް އޭނާގެ އަޑު އިވި ވަރަށް ފަސޭހައިން ހިތްކިޔެ އެވެ. ގޯލްޑަން ޓިކެޓް ވަހީދަށް ދީ އޭނާ ސަޕްރައިޒްކޮށްލި އެވެ. ވަހީދު، ގޯލްޑަން ޓިކެޓާއެކު ނިކުތްއިރު އޭނާގެ އަޑު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

ގުރޭޑް 10 ގައި ތައުލީމް ހާސިލުކުރަމުންދާ ހުސެއިން އައުޝަމްއަކީ ވެސް ރޭ ފާހަގަވި މޫނެވެ. އޭނާއަކީ އޭދަފުށި އޮޑިޝަނުގައި ބައިވެރިވި ކުއްޖެކެވެ. އަލީ ރަމީޒުގެ މަޝްހޫރު ލަވަ، "އައިޝާ" ކިޔައިގެން އޭނާ ވެސް ޖަޖުންގެ ހިތްތައް އަތުލާފަ އެވެ. އައުޝަމްއަކީ ވަރަށް އުއްމީދީ ބައިވެރިއެއް ކަމަށް ބެލެވެ އެވެ.

އެއްވެސް ހަރަކާތެއް ނުކޮށް ހުރެ ލަވަ ކިޔައިގެން ވިޔަސް ރޭ އޭނާގެ އަޑުގެ ބާރުގައި ގޯލްޑަން ޓިކެޓް ހޯދީ މުހައްމަދު ހަމްދާން އެވެ. އޭނާއަކީ ޖަޖު އައްފާނުގެ ވަރަށް ބޮޑު ފޭނެކެވެ. ކީ ވެސް އައްފާނުގެ ލަވަ އެވެ. އައްފާނުގެ އިތުރުން ދެން ތިބި ދެ ޖަޖުން ވެސް އޭނާ ވަނީ އުފާކޮށްދީފަ އެވެ.

ހދ. ހިރިމަރަދޫގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާތާ ތިން އަހަރުވެފައިވާ މުހައްމަދު އަރުޒަމް ވެސް ރޭ ގޯލްޑަން ޓިކެޓް ގެންދިޔަ އެވެ. ނަމަވެސް އޭނާއށް ގޯލްޑަން ޓިކެޓް ލިބުނީ ހަމަ ކިރިޔާ އެވެ. އިއްބެގެ "ނޯ"އާއެކު އަނެއް ދެ ޖަޖުންގެ އާ ބަހާއެކު އަރުޒަމް ވެސް ދިޔައީ އުފަލުންނެވެ.

ދެން ރޭ ގޯލްޑަން ޓިކެޓް ހޯދި އެހެން ބައިވެރިންނަކީ މާދު އަދުނާނާއި ސަމާހު އާއި ޝައިބަން އާއި ނަޝްފާން އެވެ.

ކުޅުދުއްފުށީގެ އެއްމާބަނޑު ދެބެއިން ކަމަށްވާ އަހުމަދު އަމީޒް އާއި މުހައްމަދު އަނީޒް ރޭ ދިޔައީ ހުސްއަތާ އެވެ. ދިވެހި ބަހަށް ވަރަށް ލޯބިކުރާ ހަސަން މާޖިދަށް ވެސް ގޯލްޑަން ޓިކެޓެއް ނުލިބުނެވެ.

ރޭ ވަރަށް ކާ އެއްޗެހި ވެސް ޝޯއިން ފެނިގެން ދިޔަ އެވެ. އެގޮތުން ބިސްގަނޑާއި ޕިއްޒާއިން ޖަޖުންގެ ބަނޑު ފުރާލި އެވެ. ބިސްގަނޑެއް ހިފައިގެން އައިސް ޖަޖުން ވަރަށް ހެއްވާލި އަލީ އަންވަރަށް ވެސް ލަވަ ކިޔައިގެން ޖަޖުން ހެއްވައެއް ނުލެވުނެވެ. ޕިއްޒާ ގެނެސްދީގެން ވެސް ގޯލްޑަން ޓިކެޓް ލިބޭ ގޮތް އަހުމަދު ތަސްނީފަކަށް ވެސް ނުވި އެވެ.

ނެށުމުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލި ދެ ބައިވެރިޔަކު ވެސް ރޭ ފެނުނެވެ. އެއީ ޓެކްސީ ޑްރައިވަރު މުހައްމަދު ފަވާޒާއި މުހައްމަދު ނީޝަމް އެވެ. ނެށިޔަސް ލަވައެއް ދެ ބައިވެރިންނަށް ވެސް ނުކިޔުނެވެ.

ރޭ އެންމެން ހެއްވާލީ ކުޅުދުއްފުށީގެ މަރިޔަމް އަލީ އެވެ. އޭނާގެ ހިނގިނަޑު ކިތަންމެ ސަޅިޔަސް ލަވަ ކިޔުން ކަމަކު ނުދިޔަ އެވެ. ހަމައެހެން މާ ހެދުމަށް މާބޮޑު ޝައުގެއް ގެންގުޅޭ އަރީފް އަދްނާން ވެސް ދިޔައީ ހުސްއަތާ އެވެ. ރޭ އެންމެ ރޮއްވާލި މޫނެއް ވެސް ފެނުނެވެ. އަސަރުގަދަ ވާހަކައަކާ އެވެ. ހިތުގައި ލޯވަޅެއް ހުރި ކުޑަ ދަރިފުޅު މަރުވެގެން ދިޔުމުގެ ހިތާމާގައި ހުރި މަންމައެކެވެ. ޝިފާޒާ އަބްދުލް ރަހީމް އެވެ. ފިރިމީހާގެ އެދުމަށް އައިޑޮލްގައި ބައިވެރިވި ޝިފާޒާއަށް ވެސް ގޯލްޑަން ޓިކެޓް ލިބޭ ވަރަށް ލަވައެއް ނުކިޔުނެވެ. ނަމަވެސް ގިނަ ބަޔަކަށް ހިތްވަރަކަށް ޝިފާޒާ ވެގެން ދިޔަ އެވެ.

ރޭގެ އެޕިސޯޑާއެކު އޮޑިޝަންތައް ނިމުނީ އެވެ. ދެން އޮންނާނީ ތިއޭޓާ ރައުންޑެވެ. މަތިވެރީގެ ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި 43 ބައިވެރިން ގްރޫޕް ލަވަތަކެއް ހުށަހަޅައިދިންއިރު މި ބައިން 19 ކުދިން މުބާރާތާއި ވަކިވެގެން ދާނެ އެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައި ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިޔައިރު 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާއި ވަކިވެގެން ދާނެ އެވެ.