އުއްތަމަ ފަނޑިޔާރު

"އަދުލު އިންސާފުގެ މަތީ ފެންވަރުގެ ހިދުމަތް އަވަސްކަމާއެކު ދޭންޖެހޭ"

އަދުލު އިންސާފުގެ މަތީ ފެންވަރުގެ ހިދުމަތް އަވަސް ކަމާއެކު ލިބިދިނުމުގެ ގާބިލިއްޔަތު ކޯޓުތަކުގައި އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމުކޮށްގެން މިއަދު ފެށި "ސްޓްރެންތްނިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން - ސްޓްރީމްލައިނިން ފޯ ހަޔާ ޕާފޯމަންސް" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނިޒާމް (ޕީއެމްއެސް) ގެ ޒަރިއްޔާއިން ކޯޓުތަކުގެ ހިދުމަތުގެ ފެންވަރު މަތި ކުރުމާއި އެކަންކަން ގާއިމުކުރުމަކީ މި ޒަމާނުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނިޒާމްތަކުގައި ވަރަށް ހާއްސަ އަހައްމިއްޔަތެއްދޭ ކަމެއް ކަމަށެވެ.

"މި ނިޒާމްގެ އަސްލު މަގުސަދަކީ ޝަރުއީ ދާއިރާގެ ކޯޓުތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަވަސް ކަމާއެކު މަތީ ފެންވަރުގައި ފަސޭހަކަމާއެކު ކުޑަ ހަރަދެއްގައި އަދުލު އިންސާފު ލިބި ދިނުމުގެ ގާބިލިއްޔަތު ކޯޓުތަކުގައި އިތުރުކުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޝަރުއީ ދާއިރާއިން ހާސިލު ކުރަން ބޭނުންވާ އަދުލް އިންސާފުގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތަށް ފަނޑިޔާރުންގެ އިތުރުން ޝަރުއީ ދާއިރާގެ އިދާރީ އަދި ފަންނީ މުވައްޒަފުންގެ ގާބިލުކަން އިތުރު ކުރުމާއި ކޯޓުތަކުގެ މަސައްކަތުގެ ފެންވަރު މަތިކުރުމާއި ކޯޓުތަކުގެ ގާބިލިއްޔަތު އިތުރު ކުރުމަކީ ވެސް މަގުސަދެއް ކަމަށެވެ.

އެ މަގުސަދު ހާސިލުކުރުމަށް މުވައްޒަފުންގެ ކިބައިގައި އަމިއްލަ ފަރުދީ ގާބިލުކަން އަށަގެންނެވުމުގެ އިތުރަށް، ޖަމާއީ ރޫހުގައި އަދި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހާއި ގާބިލިއްޔަތު އަށަގަންނުވަންޖެހޭ ކަމަށެވެ.

"ރާއްޖޭގެ ޝަރުއީ ނިޒާމުގެ ކުރިއަރުވައި ތަރައްގީ ކުރުމުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޝަރުއީ ދާއިރާގެ އިދާރީ އަދި ފަންނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ޝަރުއީ ދާއިރާގެ މަސައްކަތުގެ ނިޒާމެއްގެ ފެންވަރު މަތިވެރިކުރުމުގެ ނިޒާމެއް ހަރުދަނާކަމާއެކު ގާއިމުކުރުން ހިމެނިފައިވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދު ފެށި ކޮންފަރެންސްގައި ހައި ޕާފޯމަންސްގެ ދާއިރާއިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ރޮނގުރޮނގުން މައުލޫމާތު އެއްކުރާނެ އެވެ. މި ކޮންފަރެންސްގެ ދިރާސާތަކުން ޕާފޯމަންސް މެޝަމަންޓް ސިސްޓަމް ނުވަތަ މަސައްކަތުގެ ފެންވަރު ފެންވަރު ވަޒަންކުރުމުގެ ނިޒާމެއް ހޯދައި ދެނެގަންނާނެ އެވެ.