ޝަރުއީ ދާއިރާގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން ގިނަ އެޕްލިކޭޝަންތަކެއް ނެރެން ނިންމައި އެ އެޕްލިކޭޝަންތައް މި އަހަރުގެ ތެރޭގައި ތައާރަފްކުރަން ހަމަޖައްސައިފި އެވެ.
މި އަހަރު ޝަރުއީ ދާއިރާއިން ކުރަން ރާވާފައިވާ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އެންޑް މީޑިއާ ސެކްޝަންގެ ހެޑް މަރިޔަމް ފާތިން މިއަދު ވިދާޅުވީ، ޖުޑިޝަރީގެ ވެބްސައިޓްގެ އެޕް މި އަހަރުގެ ތެރޭގައި ތައާރަފް ކުރާނެ ކަމަށެވެ.
އަދި ވިދާޅުވީ ވަކީލުންނަށް ހާއްސަ އެޕްލިކޭޝަނެއް ވެސް މި އަހަރު ތައާރަފްކުރާނެ ކަމަށާއި އެ އެޕްލިކޭޝަނަކީ ވަކީލުން ކޯޓަތަކަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ ގޮތުން ވަގުތުން ވަގުތަށް މައުލޫމާތު ލިބޭނެ އެޕްލިކޭޝަނެއް ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރުންނަށް ވެސް އެފަދަ އެޕްލިކޭޝަނެއް ތައާރަފްކުރާއިރު ފަނޑިޔާރުންގެ މަޖިލީހުގެ ތެރޭގައި ގެންގުޅޭނެ ހާއްސަ އެޕްލިކޭޝަނެއް ވެސް ތައާރަފްކުރާނެ އެވެ.
ފާތިން ވިދާޅުވީ، ހުރިހާ ކޯޓުތަކެއްގެ ޝެޑިއުލް އެއް ތަނަކުން ފެންނާނެ އެޕްލިކޭޝަނެއް ވެސް މި އަހަރުގެ ތެރޭގައި ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެއިތުރުން ޝަރުއީ ދާއިރާގެ އާކައިވްގެ މައި ޑޭޓާ ބޭހާއި ދަރަނީގެ މައި ޑޭޓާ ބޭސް ވެސް މި އަހަރުގެ ތެރޭގައި އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޯޓުތަކަށް ދައްކަން ޖެހޭ ފައިސާތައް އޮންލައިންކޮށް ދެއްކޭނެ ގޮތް ހެދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.