މި މަހު ހުޅުވާ، ކަނޑިންމަ މޯލްޑިވްސް ރިސޯޓްގައި ހުރި ވަޒީފާތަކަށް މުވައްޒަފުން ހޯދަން މާލޭގައި އޯޕަންޑޭއެއް ބާއްވަން ނިންމައިފި އެވެ. އޯޕަންޑޭ އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
އަންނަ ހޮނިހިރު ދުވަހު މި އޯޕަންޑޭ އޮންނާނީ މަޖީދިއްޔާ ސްކޫލްގަ އެވެ. އޯޕަންޑޭ ކުރިއަށް ދާނީ ހެނދުނު 9:00 ން ހަވީރު 5:00 ށެވެ. އޯޕަންޑޭގައި އެ ރިސޯޓްގައި ހުރި 150 ވަޒީފާގެ ފުރުސަތާ ބެހޭ މައުލޫމާތާއި އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭނެ އެވެ.
އެ ރިސޯޓުގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސް މުހައްމަދު އާތިފް މިއަދު ވިދާޅުވީ އެ އޯޕަންޑޭ ބާއްވަނީ ވީހާވެސް ގިނަ ދިވެހި ޒުވާނުންނަށް އެ ރިސޯޓްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެ ރިސޯޓުން އިސްކަންދޭއިރު އަންހެނުނަށް ވެސް އެ ރިސޯޓުން އިސްކަމެއްދޭ ކަމަށް އާތިފު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒެއް އެއީ، ދިވެހި އަންހެން ކުދިން ހޮސްޕިޓާލިޓީގެ ދާއިރާއަށް ނެގުމަކީ، ބުރުގާ އަޅާ އަންހެން ކުދިންނަށް ވެސް މި ރިސޯޓުން ފުރުސަތު ލިބޭނެ،" އާތިފު ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ، މެނޭޖްމަންޓުގެ ޓާގެޓަކީ ރިސޯޓުގެ 65 ޕަސަންޓު ވަޒީފާ ދިވެހިންނަށް ދިނުން ކަމަށެވެ.
ރިސޯޓުން މިމަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ އާއި ހިތަދޫ އަދި ދ. ކުޑަހުވަދޫގައި ވެސް ކާމިޔާބު ކަމާއެކު އޯޕަންޑޭއެއް ބާއްވާފަ އެވެ.
ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ތަރައްގީ ކޮށްފައިވާ، ކަނޑިންމަ މޯލްޑިވްސްގެ މެނޭޖްމަންޓުން ވަނީ އެ ރިސޯޓުގައި ވަޒީފާ އަދާ ކުރާ މުވައްޒިފުންނަށް ވެސް ގިނަ ހިދުމަތްތަކާ އެކު ގިނަ ފަސޭހަތަކެއް ލިބޭ ގޮތަށް ހަމަޖައްސާފަ އެވެ. އެގޮތުން ސުވިމިން ޕޫލާއި އެއާކޮންޑިޝަން ކޮޓަރި އަދި ކެފާ އާއި ކުޅިވަރުތައް ކުޅެވޭނެ ވަސީލްތައް ހުންނާނެ ކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ.