ރިޕޯޓް

ބޮޑު ހިޔާނާތުގެ ރިކަވަރީ ކިހާ ހިސާބެއްގައި؟

  • ރިކަވަރީއަށް ބޭނުންވާ މަސައްކަތް މިހާރު ވެސް ވަނީ ފެށިފައި
  • އޭސީސީގެ ތަހުގީގު އަދިވެސް ނުނިމުމަކީ ރިކަވަރީއަށް ހުރަހެއް
  • ގާނޫނުތަކަށް ބަދަލު ގެނައުމުގައި މަޖިލިސް ފަހަތު ފަޔަށް ބުރަވޭ

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި، ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ހިޔާނާތަކީ އޭސީސީގެ ހަޔާތުގައި ވެސް މިހާތަނަށް އެ އޮފީހުން ތަހުގީގު ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ އެވެ. ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ވައްކަމަކީ އެއީ އެވެ. ރޯމާ ދުވާލު ދައުލަތުގެ އެތައް ބިލިއަން ރުފިޔާއަކަށް ހިޔާނާތް ވެފައިވާ ކަން އެ މައްސަލައިގައި އޮޑިޓާ ޖަނެރަލް އެކުލަވާލެއްވި ރިޕޯޓުން ވެސް އޮތީ ހާމަވާށެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައި ހުރި އެންމެ މަތީ ދަރަޖައިގެ ޖަރީމާތަކުގެ ބޮޑު ކަމުން ގައިން ހީބިހި ނަގައިގެން ގޮސް ފެންކަޅިވެ އެވެ.

ލަދެއް ހަޔާތެއްގެ ކުޑިފުކެއް ވެސް ނެތް މި ޖަރީމާތަކަށް އިންސާފު ހޯދުމުގެ މަސައްކަތް ގޮސް ހުއްޓިފައި އޮތީ، އޭސީސީއާ ހަމައިގަ އެވެ. އެ ކޮމިޝަނުން ހިންގާ އެންމެ ބޮޑު ތަހުގީގު ނިންމައި އަހަރެއްވާ އިރުވެސް އަދި ރިޕޯޓެއް ނެރެވޭ ހިސާބަކަށް ނުދެ އެވެ. އެ ކޮމިޝަނުން ވެސް ބުނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރާ ކަމަށެވެ. އެންމެ ބޮޑު ސުވާލަކީ ދައުލަތަށް ގެއްލުނު ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ނޫނީ އެއަށް ވުރެވެސް ގިނަ ފައިސާ އަނބުރާ ހޯދޭނެ ހެއްޔެވެ؟

އެ ފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވަނީ ދެއްވައިފަ އެވެ. މިހާރު ލިބެން ހުރި ހިސާބުތަކަށް ބުރަވެ، އެމަނިކުފާނު ވިދާޅުވެފައި ވަނީ 60 ރަށް ކުއްޔަށް ދީގެން، ލިބެންޖެހޭ ފައިސާ، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓަށްވާ ފައިސާގެ 20 ޕަސެންޓް ދައުލަތަށް ނަގާފައިވާ ކަމަށެވެ. އަދި އޭސީސީ އާއި އޮޑިޓާ ޖެނެރަލަށް އިތުބާރު ކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވަނީ އެ ފައިސާތައް ދިޔަ ދިމާލެއް ބަލައި ރިކަވާ ކުރެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ތެރެއިން ދޫކުރި 60 ރަށާއި ފަޅުގެ ތެރެއިން ދައުލަތަށް އަދިވެސް ލިބެން ޖެހޭ 80 ޕަސެންޓް ފައިސާ ލިބޭނެ އެވެ.

އެ ފައިސާތައް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ދަށުން، އެ ފައިސާއަށް ހިޔާނާތް ތެރިވުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި، އެސްއޯއެފް ކުންފުނި ގޮވައިގެން އެމްއެމްޕީއާރުސީ އިން މިހާރު ވެސް ވަނީ ކޯޓަށް ގޮސްފަ އެވެ. ބޭނުމަކީ، އެމްއެމްޕީއާރުސީއަށް ޑޮލަރު ހޯދުމުގެ ނަމުގައި ހެދި އެގްރިމަންޓެއްގެ ތެރެއިން އެ ކުންފުންޏަށް ދީ އެކި ފަރާތްތަކަށް ބަހާފައިވާ 160 މިލިއަނަށް ވުރެ ރުފިޔާ އަނބުރާ ރިކަވާ ކުރުމެވެ. އެމްއެމްޕީއާރުސީ އިން ބުނެފައިވާ ގޮތުގައި އެގްރިމަންޓާ އެއްގޮތަށް އެ ކުންފުންޏަށް ޑޮލަރު ގަންނަން ދޫކުރި ފައިސާ އެސްއޯއެފް އިން އެގްރިމަންޓާ އެއްގޮތަށް ދައްކާފައެއް ނުވެ އެވެ. އެހެން ވީމާ އެ ފައިސާ އަކީ އެސްއޯއެފްގެ އަތުން އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ އެވެ. އެކަމަކު ބޮޑު ސުވާލަކީ އެ ފައިސާ ކިހާ ކާމިޔާބު ކަމާ އެކު ހޯދިދާނެ ހެއްޔެވެ؟

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެހެން ތަހުގީގުތައް ވެސް އޭސީީސީއިން ކުރިއަށް ގެންދާ އިރު، އޭސީސީ އިން ދާދިފަހުން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާއަށް ހަރަދުކޮށްގެން އޭނާގެ ކޮއްކޮއެއްގެ ނަމުގައި ހުޅުމާލެއިން ގަނެފައިވާ ގެއެއް އަނބުރާ ދައުލަތަށް ނެގުމަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފަ އެވެ. އޭސީސީގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ޒިޔަތު އެނގެ ގަނެފައިވަނީ މަތިވެރި ފިނޮޅު ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 300،000 ޑޮލަރުގެ ޗެކާ އޭނާ ހަވާލުވުމަށް ފަހު އެމްއެމްޕީއާރުސީގެ އެކައުންޓަށް އެފައިދާ ޖަމާނުކޮށް އޭނާގެ ދެބެންގެ ދެދަރި މީހެއްގެ އެކައުންޓަށް ޖަމާކޮށްގެން ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ދެފަޅެއް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ޒިޔަތާއި އަދީބުގެ ބޮޑު ބޭބެ، ހާމިދު އިސްމާއިލްގެ މައްޗަށް ސާބިތުވެ އެބޭފުޅުން ގެންދަވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުންނެވެ. މި ހުރިހާ ކަމަކުން ވެސް އެ ފައިސާ އަށް އެހެދި ގޮތެއް ހެދުމުގައި މި ބޭފުޅުންގެ ފުރިހަމަ ބައިވރިވުން އޮތް ކަމާއި އޭގެ ފައިސާތަކެއްގައި މިބޭފުޅުން ޖެހުނު ކަން މި އޮތީ ހާމަވާށެވެ. އެ ހާލަތުގައި އެބޭފުޅުންގެ އެސްޓްތައް ދައުލަތަށް ނެގުމަށް ފުރުސަތު މި ވަނީ ހުޅުވިފަ އެވެ. މީގެ ކުރިން ވެސް މިފަދަ ހިޔާނާތްތަކުގައި ތުހުމަތުވި މީހުންގެ އެސެޓްތައް ދައުލަތަށް ނަގައި އެ ފައިސާ ވަނީ ރިކަވާ ކޮށްފަ އެވެ. މިފަހަރު ވެސް އެކަން އެގޮތަށް ހިނގަން ޖެހެ އެވެ. ކުރީފަހަރުތަކަށް ވުރެ މާބޮޑަށް އެބަ މަސައްކަތް ކުރެވެން ޖެހެ އެވެ.

އެހެން ވީމާ އެމްއެމްޕީއާރުސީ އިން ވަގަށް ނެގި ފައިސާތައް ހޯދުމުގެ ރިކަވަރީގެ މަސައްކަތްތަކެއް ވެސް އެބަ ހިނގަ އެވެ. އެކަމަށް އަޅަން ޖެހޭ ފިޔަވަޅު މި ވަނީ އެޅިފަ އެވެ. އަދި އެ ވައްކަން ހިންގާފައި ވަނީ އެމްއެމްޕީއާރުސީ އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ލިބޭ ފައިސާ ބެލެހެއްޓުމުގެ ދޯދިޔާކަމުގެ ސަބަބުންކަން ހާމަވެފައިވާ އިރު ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ ތަނެއްގެ ފައިސާގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ޓޫރިޒަމަށް ވަންނަން ޖެހޭ ހުރިހާ ފައިސާއެއް ދައުލަތުގެ ޓެކްސް އިދާރާ މީރާ މަދުވެރިކޮށް ބަލައިގަންނަ ގޮތަށް ވެސް ހަމަޖައްސައި އެކަން ދަނީ އެގޮތަށް ހިނގަމުންނެވެ. އޭގެ މާނައަކީ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޭ ފައިސާގެ ޖެހުމުގެ ފުރުސަތު އެތަނުގެ ވެރިންނަށް އެކީ ބަންދުވުމެވެ.

ދައުލަތުގެ ބަންޑާރަ ނައިބު، އަހުމަދު އަނިލް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ރިކަވަރީއާ ހިސާބަށް މި ސަރުކާރުން ވާސިލްވާނެ އެވެ. އެކަމަކު އަނިލް ވެސް ފާހަގަ ކުރައްވާފައިވާ ގޮތުގައި އެ މަސައްކަތުގެ . ބޮޑު ބައި ފަށައިގަނެވޭނީ އޭސީސީގެ ރިޕޯޓް ލިބުމުންނެވެ. އަދި ފުލުހުން ކޮށްފައިވާ ތަހުގީގު ވެސް ނިމިފައިވާ އިރު ރިކަވަރީ މަސައްކަތުގެ ބޮޑު ބައި، ގޮސް ހުއްޓެނީ އޭސީސީއާ ހިސާބުގަ އެވެ. ގަރުނުގެ އެންމެ ބޮޑު ހިޔާނާތުން ދައުލަތަށް ވަންނަން ޖެހޭ ފައިސާތައް ދިޔަ ދިމާތައް ހޯދައިގަނެ، އެ މީހުންގެ އަތުގައި ހިފެން އޮތީ އޭސީސީ ރިޕޯޓް ލިބިގެން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ވެސް މި ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. ބޮޑު ސުވާލަކީ އޭސީސީގެ ތަހުގީގު ރިޕޯޓް ކޮބައިހެއްޔެވެ؟

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވާ ގޮތުގައި، ރިޕޯޓް އެކުލަވާލުމަށް ފަހު ނެރުން ލަސްވަމުން އަންނަނީ، އެ ހިޔާނާތާ ގުޅުވައިގެން އަލްޖަޒީރާ އިން ތައްޔާރުކުރި ސްޓީލިން ޕެރަޑައިޒްގައި ހިމެނޭ ކަންތައްތަކެއް އިތުރަށް ތަހުގީގު ކުރަން ޖެހުމުންނެވެ. އެ ކޮމިޝަނުން ވަނީ ޖަލުގައި ހުންނެވި އަދީބާ ވެސް އިތުރަށް އެ މައްސަލައިގައި ސުވާލުކޮށްފަ އެވެ. މުއައްވިޒު އޭރު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ކުރަނީ ވަރަށް ފުރިހަމަ ތަހުގީގެކެވެ. އަދި ގިނަބަޔަކާ ސުވާލު ކުރަން ވެސް ޖެހެ އެވެ. އޭރު ވެސް ތަހުގީގު ފުރިހަމަ ނުކުރެވިގެން އުޅުނީ، އެ މައްސަލައިގައި ތަހުގީގުގައި ސުވާލު ކުރަން ޖެހޭ ބަޔަކާ ސުވާލު ނުކުރެވިގެންކަން މުއައްވިޒު ފާހަގަ ކުރައްވާފައިވެ އެވެ.

ރޯމާ ދުވާލު ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އޭގެ ތެރެއިން ގެއްލުނު ފައިސާ ހޯދަން އޭސީސީ އިން ކުރާ ތަހުގީގު ވެސް އަދި ނިމޭނެ ދުވަހެއް ނޭނގެ އެވެ. އެ ކޮމިޝަންގެ އެންމެ ގާބިލް އިންވެސްޓިގޭޓަރުން އެކު އެކީގައި މަސައްކަތް ކުރިއަށް ކުރަން ޖެހޭތަހުގީގު ބޮޑެވެ. ރަށްތައް ކުއްޔަށް ނެގި އެތައް ބަޔަކާ އިންޓަވިއުތައް ވެސް ދަނީ ކުރިއަށެވެ. ބޭންކް ޓްރާންސެކްޝަންތައް އެ ފުށް މި ފުށަށް ޖަހަން ޖެހެ އެވެ. އެކަމަކު އޭގެ ގިނަ މުއާމަލާތްތައް ކުރީ ނަގުދު ފައިސާއިންނެވެ. އެ ހިސާބުން އަދި ތަހުގީގުގައި ފީނަށް ޖެހޭ ހިސާބު މާފުންވާނެ އެެވެ. އެކަމަކު އެ ރިޕޯޓް ނެރުން އަވަސް ކޮށްގެން ނޫނީ "ރިކަވަރީ"ގެ މަސައްކަތް ފުރިހަމަ ގިޔަރުގައި ފަށައިގަންނަން ވަރަށް ވެސް އުނދަގޫވާނެ އެވެ.

ދެން ސުވާލަކީ އެ ފައިސާ ރިކަވާ ކުރަން ދެން ކުރެވޭނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ބައިވަރެވެ. މިކަހަލަ ހިޔާނާތުގެ ފައިސާ ދައުވާތަކެއްގެ ތެރެއިން ވެސް އަނބުރާ ސަރުކާރަށް ހޯދޭނެ މެކޭނިޒަމް ގާނޫނުތަކުގައި ކިހާވަރަކަށް ހުޅުވިފައި އެބަ އޮތްހެއްޔެވެ؟


އޭސީސީގެ ރައީސް ހަސަން ލުތުފީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕާއާރުސީގެ ތެރެއިން ގެއްލުނު ފައިސާތަކާއި އެނޫން ވެސް މިފަދަ ހިޔާނާތްތަކުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދަން މިހާރު ގާނޫނުތައް ހުރި ގޮތުން ފުރުސަތު އެހާ ފުޅަލެއް ނޫނެވެ. އަދި އެފަދަ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އެޅޭނެ މާ ބޮޑެތި ހަރުކަށި ފިޔަވަޅުތަކެއް ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ނެތް ކަމަށް ލުތުފީ ފާހަގަ ކުރައްވާފައިވެ އެވެ.

ސަބަބުތަކުގެ ގޮތުގައި ލުތުފީ ވިދާޅުވެފައިވާ ގޮތުގައި މިހާރު ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ކުޑައެއް ނޫނެވެ. ޒަމާނާ އެއްގޮތަށް އެފަދަ މައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އެހެން ނަމަވެސް ގާނޫނުތައް ހެދިފައި ހުރީ ކޮރަޕްޝަންގެ ބޮޑެތި ކުށްތައް އެންމެ ރަނގަޅަށް ތަހުގީގު ކުރުމަށް ފުރުސަތު ލިބޭ ގޮތަކަށް ނޫން ކަމަށް ވެސް ލުތުފީ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަނަކީ ކޮބައިކަން ގާނޫނުގައި ލިޔެފައި ނެތުމުން، އެއީ ތަހުގީގުތަކަށް އޮތް ބޮޑު ހުރަހެކެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ވެސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ، ކޮރަޕްޝަންގެ ތެރެއިން ގެއްލުނު ފައިސާ ރިކަވާ ކުރުމަށް ގާނޫނުތަކުގެ ތެރެއިން އެޅޭނެ ފިޔަވަޅު ހަނިވުމެވެ. އެ ފުރުސަތު އެހާ ފުޅާކޮށް ގާނޫނުތަކުގައި ދެވިފައި ނެތީ އެވެ.

"އެހެން ކަމުން މިހާރެ ދައުލަތުން އެތަށް މިލިއަން ރުފިޔާ ތަކެއް ގެއްލިގެން އުޅޭ އިރުވެސް އެ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ނިޒާމެއްގެ ތެރެއިން އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ކުރެވެން ހުރި މަސައްކަތްތަށް ވަރަށް ކުޑަ،" މިދިޔަ އަހަރުގެ އެންޓި ކޮރަޕްޝަން ދުވަހުގައި ލުތުފީ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގެ ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ފައިސާތައް ރިކަވާ ކުރެވޭނެ އުސޫލެއް ރާއްޖެއަށް ބޭނުންވެ އެވެ. ލުތުފީ ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ފައިސާތައް ވެސް އަދި ކޮރަޕްޝަންގެ ސަބަބުން ގެއްލޭ އެހެން ފައިސާ ވެސް ކޮންމެވެސް ބަޔަކު ބޭނުން ކުރާނެ އެވެ. އަދި އެ ހޭދަކުރި ގޮތްތައް ވެސް ބެލެން ޖެހޭނެ އެވެ. އެ އަމަލު ހިންގި މީހާ ޖަލުގައި އޮތަސް އެ ފައިސާ އިން ކޮންމެވެސް ބަޔަކު ހަރަދުތައް ކުރަމުން ދާނެ ކަމަށް ދެކެވަޑައިގަންނަވަ އެވެ.

"ކަންތަށް މިކަހަލަ ގޮތަކަށް ހުންނާތީ އަޅުގަނޑު މިހާރުން މިހާރަށް މިއެދެނީ ގާނޫނީ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ފައިސާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުވަތަ އެހެނިހެން ކޮރޮޕްޝަންގެ އަމަލެއްގެ ތެރެއިން ދިޔަ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދޭނެ މަގެއް ގާނޫނީ ނިޒާމުގެ ތެރެއިން އަންނަން ޖެހޭ،" ލުތުފީ ވިދާޅުވެފައިވެ އެވެ. "އެކަން ކުރާ މީހާ ޖަލުގައި އޮތަސް އެ ފައިސާ ކޮންމެވެސް ބަޔަކު ބޭނުން ކުރާނެ. އެ ފައިސާ ހަރަދުކުރި ގޮތް ވެސް ދިޔަ ތަންތަން ވެސް ހުންނާނެ. އެ ފައިސާ ނުލިބި ހުންނަހާ ދުވަހަކު އެއީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް،"

އެމްއެމްޕީއާރުސީގެ މައްސަލައިގައި ވެސް އަދި ދެން ހުރި ކޮރަޕްޝަންގެ މައްސަލަތަކުގައި ވެސް ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ފައިސާތައް ހޯދައި ރަނގަޅު ތަހުގީގުތަކެއް ހިންގުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަވަސްކުރަން އެބަ ޖެހެ އެވެ. ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބޮޑު ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް އޭސީސީ އިން މީގެ ކުރިން ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް މަޖިލިސް މިދިޔަ އަހަރު ޗުއްޓީއަށް ދިޔުމާ ހަމަޔަށް ވެސް އެ އިސްލާހުތަކުގެ ކަންތައްތަކުގައި މަޖިލީހުން އެއްވެސް ވަރަކަށް މަސައްކަތްތަކެއް ކުރެވިފައި ނެތެވެ. މި އިސްލާހުތައް މުހިންމުވެފައިވާ އިރު މިއީ ދޫކޮށްލައިގެން ތިބެވޭ ވަރުގެ ކަމެއް ނޫނެވެ. އަދި ސަރުކާރުން ރިކަވަރީއަށް ހަމަޔަށް ދާން ބޭނުންވާ އިރު މިކަމުގައި މަޖިލީހުން ފަހަތު ފަޔަށް ބުރަވެވޭކަށް ނެތެވެ.

"މި އިސްލާހުތަކެއް ނުގެނެސް އަޅުގަނޑުމެންނަށް މިކަހަލަ ބޮޑެތި މައްސަލަތައް ތަހުގީގު ކުރަން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭ. މީގެން ގެއްލޭ ފައިސާ ހޯދުން މިއީ އުނދަގޫ ބަޔަކީ. އެކަމަކު އެކަން ވެސް އަޅުގަނޑުމެންނަކަށް ކުރެވޭ ކަށް ނޯވޭ. ކޮރަޕްޝަންގެ މައްސަލަތައް މި އަންނަނީ އެންމެ ފުރަތަމަ ގާނޫނު ހެދި އިރާ ތަފާތުވަމުން. އެއާ އެއްވަރަކަށް އެބަ ޖެހޭ މި ގާނޫނަށް ވެސް ބަދަލުތައް އަންނަން،" ލުތުފީ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކިތަންމެ ބުރަ މަސައްކަތެއް ކުރަން ޖެހުނަސް، ގަރުނުގެ މި ބޮޑު ހިޔާނާތަށް އިންސާފު ލިބެންޖެހެ އެވެ. ގެއްލުނު ފައިސާތައް ކޮންމެ ގޮތަކުން ވެސް ހޯދަން ޖެހެ އެވެ. ނޫން ނަމަ، ދެން ހިންގާނީ މިޔަށް ވުރެވެސް އަދި މާ ބޮޑު ހިޔާނާތެކެވެ. އިންސާފެއް ނުހޯދިއްޖެ ނަމަ، މިހިރަ ބޮޑެތި ހިޔާނާތް ހިންގުމަށް ފަސް ޖެހި ބިރު ގަންނާނެ މީހަކު ދެން ހުންނާނެ ހެނެއް ހިޔެއް ނުވެ އެވެ.