ވިޔަފާރި

"ގޯލްޑް 100" ގާލާ އިވެންޓް މި މަހު ކުރުނބާގައި

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ އެންމެ ބޮޑެތި ވިޔަފާރިވެރިތަކުގެ އިސް ފަރާތްތައް އެއްތަންކޮށް، ދާއިރާގައި އެންމެ ވާދަކުރާ 100 ކުންފުނި ހޮވުމަށް ބާއްވާ ބޮޑު އިވެންޓް މިމަހުގެ 21 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސް ގައި ބާއްވަން ނިންމައިފި އެވެ.

"ގޯލްޑް 100" ގާލާ އިވެންޓްގެ ނަމުގައި ބާއްވާ މި ހަފްލާގެ ބޭނުމަކީ އެންމެ ވާދަކުރާ ކުންފުނިތައް ތަރުތީބުކޮށް އެފަރާތްތަކަށް އެވޯޑު ދިނުމެވެ. ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާނެ އެވެ. ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ފަހު ކުއާޓާގައި ޕަބްލިޝްކުރާ މި ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ޖަޖްކޮށްފަ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ. 21 ވަނަ ދުވަހުގެރޭ ބާއްވާ ގާލާ އިވެންޓުގައި ވިޔަފާރީގެ ދާއިރާއާއި މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ކުރުމުން ދޭ މި އެވޯޑު، ހައްގުވެރި ފަރާތާ ހަވާލުކުރުން ވެސް އޮންނާނެ އެވެ.

ގޯލްޑް 100 ގާލާ ހަފްލާގެ މައި ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި އެލައިޑް، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އަދި ދިރާގު ހިމެނެ އެވެ. މި ހަފްލާއަކީ މިނިސްޓްރީ އޮފް ފިނޭންސާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ އިތުރަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ ވަރަށް ބޮޑު ބައިވެރިވުމަކާ ވެސް އެކު ބާއްވާ ހަފްލާ އެކެވެ.