ރިޕޯޓް

ވަރުގަދަ މާލީ ހާލަތަކާ އެކު އެސްޓީއޯގެ ފައިދާ މުޅި ގައުމަށް

  • ކުންފުނީގެ ދަރަނި ދެއްކުމުގެ ގާބިލްކަން އިތުރުވަނީ
  • ކުންފުނީގެ ހަރަދުތައް ބޮޑުވަމުން އައިސްފައެއް ނެތް
  • ފައިދާ ދަށްވީ ތެލުގެ އަގަށް އައި ބަދަލުން

ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އާއި އާންމު ރައްޔިތުންގެ 18 ޕަސެންޓް ހިއްސާއާ އެކު 52 އަހަރުގެ އެސްޓީއޯ އަދިވެސް މި އޮތީ ސަރުކާރުގެ އެންމެ ބިޔަ އަދި ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ހިއްސާދާރުގެ ގޮތުގަ އެވެ. ގައުމުގެ ބޮޑު އިސްޓޯރުގެ ގޮތުގައި އެސްޓީއޯ އުފެދިގެން އައީ ވެސް ބާޒާރުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ އަތްފޯރާ ފަށަށް ގެނެސް، ހުޅުވިފައިވާ ބާޒާރުގެ ހަމަތައް ހިފަހައްޓައިދިނުމުގެ ބޮޑު މަގުސަދު ހަވާލުވެފައިވާ ކުންފުނީގެ ގޮތުގަ އެވެ. ފްރީ މާކެޓެއް މިއޮތް ރާއްޖޭގައި އެސްޓީއޯގެ އިންޓަވެންޝަނެއް ނެތި ބާޒާރުގެ ހަމަތައް ހިފެހެއްޓުމަކީ ކުރުމަށް ވުރެ ނުކުރެވޭނެ ކަމެކެވެ. ކުންފުނީގެ އާންމު ހިއްސާދާރުންނެކޭ އެއްގޮތަށް އެސްޓީއޯގެ މާލީ ހާލަތާއި އެ ކުންފުނި ދީލައިލާ މިސްރާބު ކޮންމެހެން ވެސް އެނގުން މުހިންމެވެ. ކުންފުންޏާ ގުޅޭ ގޮތުން އަބަދުހެންމެ ދައްކާ "ސިޔާސީ ވާހަކަތަކަށް" ވުރެ އަސްލު މަންޒަރަށް ފީނާލަމާ ހިނގާށެވެ؟

އެސްޓީއޯގެ މިދިޔަ ފަސް އަހަރު ދުވަހުގެ ހިސާބުތައް ހުޅުވާލާއިރު، ކުންފުނީގެ މާލީ ހާލަތު އެންމެ ރަނގަޅަށް ދައްކުވައިދޭ އެއް މިންގަނޑު ކަމަށްވާ ނަގުދު ފައިސާ އާއި ބޭންކްތަކުގައި ހުރި ކުންފުނީގެ ފައިސާ ވަނީ، 2014 ވަނަ އަހަރާއަޅާބަލާ އިރު 2015 ވަނަ އަހަރު 4.3 ޕަސެންޓް އިތުރުވެ، 689،6 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ، 28.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެސްޓީއޯއިން އެކި ބޭންކްތަކަށް ދަރަންޏަށް ފައިސާ ނެގި އަދަދު، 31.6 ޕަސެންޓް ވަނީ ދަށްކޮށްފަ އެވެ. މީގެ އިތުރަށް، ފަސް އަހަރުގެ ތެރޭގައި އެސްޓީއޯގެ އިންޓަރެސްޓް ކަވަރޭޖް ރޭޝިއޯ، ވަނީ 2.2 އިން 3.6 ޕަސެންޓަށް ރަނގަޅުވެފަ އެވެ. މި ރޭޝިއޯއިން ދައްކުވައިދެނީ ދަރަނި ދެއްކުމުގެ ގާބިލްކަން ކުންފުނީގައި ހުންނަ މިންވަރެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ހުރި ސާފު ފައިދާ 2014 ވަނަ އަހަރަށް ވުރެ 2015 ވަނަ އަހަރު، 520 މިލިއަން ރުފިޔާއަށް ދަށްވި ނަމަވެސް، ހިއްސާއަކަށް ޖެހޭ ނެޓް އެސްޓް ވަނީ 34 ޕަސެންޓް ރަނގަޅުވެފަ އެވެ. ނެޓް އެސެޓް އިތުރުވުމުން ކުންފުނީގެ ހިއްސާދާރުންގެ ވެލިއު އުފުލިގެންދެ އެވެ. ކުންފުންޏަށް ލިބުނު އާމްދަނީ އިން ކިހާވަރެއްގެ ފައިދާއެއް ނެރެވުނުކަން މިންކުރާ މާލީ މިންގަނޑު، ނެޓް ޕްރޮފިޓް މާޖިން 2015 ވަނަ އަހަރު ނިމުނު އިރު ވަނީ ހަ ޕަސެންޓުން ހަތް ޕަސެންޓަށް އިތުރުވެފަ އެވެ. ކޭޕީއެމްޖީ އިން ތައްޔާރު ކޮށްފައިވާ އެސްޓީއޯގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި މީގެން ދަށްކުވައިދެނީ ހިންގުމުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިން ފައިދާ ހޯދިފައިވާ މިންވަރު ރަނގަޅުވެފައިވާ ކަމެވެ.

އެސްޓީއޯގެ މާލީ ހާލަތު ވަރުގަދަ ކަމަށް މާލީ ހިސާބުތަކުގެ ހުރިހާ ދިމާލަކުން ދެއްކި ނަމަވެސް، 2014 ވަނަ އަހަރާ އަޅާބަލާއިރު އެސްޓީއޯގެ އާމްދަނީ ވަނީ ދަށްވެ، އޭގެ ނޭދެވޭ އަސަރު އެސްޓީއޯގެ ސާފު ފައިދާއަށް ކޮށްފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރާ އަޅާބަލާ އިރު 2015 ވަނަ އަހަރު އެސްޓީއޯގެ ސާފު ފައިދާ ވަނީ، ނުވަ ޕަސެންޓް ދަށްވެފަ އެވެ. އޮޑިޓް ރިޕޯޓްތަކުން ދައްކާ ގޮތުގައި އެސްޓީއޯގެ އާމްދަނީ ދަށަށް ދާން ދިމާވީ، ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލުގެ ސަބަބުން އެސްޓީއޯއަށް ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ ހީނަރުވުމެވެ. އެއީ އެެސްޓީއޯގެ ބާރު ފޯރާ ހިސާބުގައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން އެސްޓީއޯގެ ސާފު ފައިދާ ދަށްވެގެން މި އުޅެނީ އެސްޓީއޯގެ އިހުމާލުތަކެއް އޮވެގެނެއް ނޫނެވެ.

"އެސްޓީއޯ މާލީ ގޮތުން ވަރަށް ރަނގަޅަށް މި ދައްކަނީ. ބެލެންސް ޝީޓުން ވެސް ވަރަށް ރަނގަޅަށް މި ފެންނަނީ ހުރިހާ ދިމާލަކުން ވެސް. އެސްޓީއޯ އަކީ މާލީ ގޮތުން ވަރުގަދަ ކުންފުންޏެކޭ ބުނެވޭނީ. ކޮންމެ ކުންފުންޏަކަށް ވެސް ކުރިމަތިވާ ގޮތަށް އެސްޓީއޯއަށް ވެސް ރިސްކްތައް އެބަހުރި. ޕްރޮފިޓް ދަށްވުން ވެސް މިއީ، އޭގެ ރިސްކް ފެކްޓާއަކުން ދިމާވާ މައްސަލަ،" އެސްޓީއޯގެ ހިސާބުތައް އެނެލައިޒް ކުރެއްވުމަށް ފަހު އޮޑިޓަރަކު ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވި ގޮތުގައި، މިހާރު ވެސް އެސްޓީއޯއިން ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކަމުން އަންނަނީ ވަރަށް ކުޑަ މާޖިންއެއްގައި ކަމަށްވާ އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުޑަވުމުން އެސްޓީއޯއިން ވެސް އެ ބަދަލު އާންމު ރައްޔިތުންނަށް ގެނެސް ދިނީ މި ސަރަހައްދުގެ ގައުމުތަކުގައި ވެސް ތެޔޮ އަގުހެޔޮނުކުރާ މިންވަރަކަށް ރާއްޖޭގައި ކުޑަކޮށްގެންނެވެ. އޭގެ ސަބަބުން އެސްޓީއޯގެ އާމްދަނީ ދަށްވެ، އޭގެ އަސަރު ސާފު ފައިދާ އަށް ކުރި އެވެ. ޝަހީރު ވިދާޅުވި ގޮތުގައި އެސްޓީއޯގެ އެންމެ ބޮޑު މަގުސަދަކީ ވިޔަފާރިކޮށްގެން ބޮޑު ފައިދާއެއް ހޯދުމަށް ވުރެ ރައްޔިތުންނަށް އަސާސީ މުދަލާއި ހިދުމަތް ފޯރުކޮށް ދިނުމެވެ. އެއީ ކުންފުނި ބިނާވެފައިވާ އެންމެ މުހިންމު އަސާސެވެ.

"އަޅުގަނޑުމެންނަށް ނޭނގިގެނެއް ނޫން ފައިދާ ދަށަށް މި އޮތީ ގޮސްފައެއް. މިވާ ގޮތް އެބަ އެނގޭ. ހިސާބުތައް ބައްލަވާލެއްވީމާ އޭގެ ސަބަބު އެ ހުރީ ފެންނަން. އެއީ ކުންފުނިން ގޯސްކޮށް ކުރާ ކަމެއްގެ ސަބަބުން ވާކަމެއް ނޫން. މި ކުންފުނީގެ އެންމެ މުހިންމު މަގުސަދަކަށް މިހާރު ވެސް އޮންނަނީ، އަދި އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ފައިދާވާ ޑެޝިޝަންތަކެއްގެ ތެރެއިން ވިޔަފާރި ކުރުން. ކޮންމެ ވިޔަފާރިއަކުން ބޮޑު ފައިދާއެއް މޭކް ކުރުމެއް ނޫން މިި އޮންނަނީ. އެގޮތަށް ކުންފުނީގެ ވިޔަފާރި ބައްޓަންކޮށްފައި މި އޮންނަނީ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ސްޓްރެޓެޖީ އަކީ އެ ކުންފުންޏަށް ފައިދާވާ މިންވަރަކުން ވީހާ ވެސް ގިނަ ރައްޔިތުންނަށް އެ ފައިދާ ބެހިގެން ދާނެ ފަދަ އިންވެސްޓްމަންޓްތަކާ ދިމާލަށް ކުންފުނި ދީލައިލުމެވެ. ހިސާބުތަކުން ދައްކާ ގޮތުން އެސްޓީއޯ އިން ވަނީ މިދިޔަ ފަސް އަހަރެއްހާ ދުވަހު، 500 މިލިއަނެއްހާ ރުފިޔާ އިންވެސްމަންޓްތަކެއް ކޮށްފަ އެވެ. ޝަހީރު ވިދާޅުވި ގޮތުގައި، މުޅި މުޖުތަމައަށް ފައިދާވާ ކަންކަމަށް އެސްޓީއޯ އިން އިންވެސްޓް ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އިސްކަން ދީފަ އެވެ. އެއީ ސާފު ފައިދާއަށް އޭގެ އަސަރު ކުރާ ކަމެއްކަން ފާހަގަ ކުރައްވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯގެ އިންވެސްޓްމަންޓްތައް ފުޅާކޮށްފައި ހުންނާނީ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ހިދުމަތްތަކަށް އިސްކަން ދީގެންނެވެ.

މިސާލަކަށް ޝަހީރު ވިދާޅުވީ، އެސްޓީއޯއިން އަތޮޅުތަކުގެ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމަށް ކުރި އިންވެސްޓްމަންޓްގެ ބޭނުމަކީ ވިޔަފާރީގެ ފައިދާއެއް ނެގުމަށް ވުރެ ބޮޑަށް، އަސާސީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ބޭސް ފިހާރަތައް ގާއިމް ކުރުމުގެ އަސާސަކަށް ބަލާފައި އޮތީ ބޭހުގެ އަގު އަތޮޅުތަކުގައި ކުޑަކުރުމާއި، ކޮންމެހެން ބޭނުންވާ މުހިންމު ބޭސްތައް ހުސްނުވެ އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސުމެވެ. ޝަހީރު ވިދާޅުވި ގޮތުގައި އެ މަގުސަދު ވަރަށް ފުރިހަމަޔަށް ހާސިލްވެ އެވެ. އަތޮޅުތަކުގައި އެސްޓީއޯގެ ފާމަސީތަކުން ބޭސް ވިއްކާނީ ޑަބަލް ހެޔޮ އަގުގައި ކަމަށް ޝަހީރު ފާހަގަ ކުރައްވި އެވެ. މާލޭގައި ވެސް އެސްޓީއޯގެ ފާމަސީގައި ބޭސް މާ ބޮޑުތަން ވެސް އަގުހެޔޮވާނެ ކަމަށް ވިދާޅުވި އެވެ.

"މި އިންވެސްޓްމަންޓުން އެބަ އާދޭ މުޅި މުޖުތަމައަށް ފައިދާ ބެހިގެން. އެސްޓީއޯގެ މަގުސަދަކީ އަސާސީ މުދަލާއި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި އޮތުން. މި އިންވެސްޓްމަންޓްތައް ވެސް މި ކުރަނީ އެގޮތަށް ބަލައިގެން. އެސްޓީއޯއިން އެބަ ބަލަން މުޖުތަމައަށް އިންވެސްޓް ކުރުމަށް،" ޝަހީރު ވިދާޅުވި އެވެ. "ދިގު މުއްދަތުގައި މި އިންވެސްޓްމަންޓްތަކުން ރައްޔިތުންނަށް ފައިދާ ކުރާނެ އިންވެސްޓްމަންޓްތަކެއް ހުންނާނީ. ދެން ކުންފުނީގެ ވިޔަފާރި ޑައިވާސިފައިކުރުމަށް ވާނީ ނިންމާފައި،"

އެސްޓީއޯއިން މިފަހުން ފަށާފައިވާ ބައެއް އިންވެސްޓްމަންޓްތަކަށް ބަލާއިރު، އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް ފުނަދޫގެ ތެލުގެ ސްޓޯރޭޖް މިހާރަށް ވުރެ އިތުރުކުރުމާއި އެސްޓީއޯގެ އަމިއްލަ ތެޔޮ ޓޭންކަރެއް ގަތުންހިމެނެ އެވެ. މި އިންވެސްޓްމަންޓްގެ ސަބަބުން ތެޔޮ އެތެރެ ކުރުމަށް އެސްޓީއޯއިން އެހެން ބޯޓުތައް ކުއްޔަށް ހިފުމަށް ކުރަން ޖެހޭ ހަރަދުތަކަށް ނިމުމެއް އަންނާނެ އެވެ. އަދި މާކެޓްގައި ތެލުގެ އަގު ރަނގަޅު ދުވަސްވަރު ގިނަ އަދަދަކަށް ތެޔޮ ރައްކާ ކޮށްފައި ހުރުމުގެ ގާބިލްކަން ވެސް ކުންފުންޏަށް އިތުރު ކުރެވޭނެ އެވެ. އެސްޓީއޯ އިން ލަފާކޮށްފައި ވަނީ މި މަޝްރޫއުގެ ސަބަބުން ތެލުގެ އަގަށް ހެޔޮ ބަދަލަށް ގެނެވޭނެ ކަމަށެވެ.

މީގެ އިތުރަށް އެސްޓީއޯއިން ރިއަލްއެސްޓޭޓްގެ ދާއިރާއަށް ފޯކަސްކޮށް އިންވެސްޓްކޮށް ހަދާފައިވާ 10 ބުރީގެ އުމަރު ޝޮޕިން އާކޭޑް ނިމި ވަނީ ހުޅުވަން ތައްޔާރުވެފަ އެވެ. އެތަނަށް ވެސް މިދިޔަ އަހަރު އިންވެސްޓްކުރި އިރު ކުރިއަށް އޮތީ އެތަނުން އެސްޓީއޯއަށް ފައިދާތަކެއް ނެރެވޭނެ އަހަރެކެވެ. އެތަން ބޭރުގެ ފްރެންޗައިސް ބްރޭންޑްތަކަށް ކުއްޔަށް ދޭ އިރު، އޭގެ ތެރެއިން އެސްޓީއޯއަށް ރަނގަޅު ކޭޝްފްލޯއެއް އަންނާނެ އެވެ.

ޓޫރިޒަމް ދާއިރާގައި އެސްޓީއޯއިން މާ ކާމިޔާބު ކުންފުންޏަކަށް ނުވި ނަމަވެސް، ރިސޯޓެއް ތަރައްގީ ކުރުމަށް މިދިޔަ ޖެނުއަރީ މަހު ނ. އެކުޅިވަރު ރިސޯޓް އެސްޓީއޯ އިން ވަނީ ނަގައިފަ އެވެ. އެސްޓީއޯއިން 2019 ވަނަ އަހަރަށް އެ ރަށް ހަދާ ނިންމަން އަމާޒުކޮށްފައިވާ އިރު ކުރިއަށް މި އޮތް އަހަރަކީ އެ ރަށަށް އެސްޓީއޯ އިން އިންވެސްޓްމަންޓްތަކެއް ކުރާނެ އަހަރެކެވެ. އެ އިންވެސްޓްމަންޓާ ދިމާލަށް ވެސް އެސްޓީއޯ ދަނީ ކުންފުނީގެ އާމްދަނީ ރަނގަޅުކޮށް ބޭރު ފައިސާ ލިބުމަށް އޮތް ތާށިކަން ހައްލު ކުރުމަށް އަމާޒުކޮށްގެންނެވެ. މި އިންވެސްޓްމަންޓް ކާމިޔާބު ވެއްޖެ ނަމަ، އެސްޓީއޯގެ މާލީ ހާލަތު ވަރުގަދަވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ހާބަރު ފުޑްކޯޓްތަކުގެ މަޝްރޫއު ވެސް ކުރިއަށް އެބަ އޮތެވެ.

ޝަހީރު ވިދާޅުވީ މީގެ ކޮންމެ އިންވެސްޓްމަންޓަކީ ވެސް ބަލަން ޖެހޭ ކަންކަމަށް ބެލިގެން ކުރެވޭނެ ކަންކަމެވެ. އަދި މި އިންވެސްޓްމަންޓްތަކުގެ ސަބަބުން އެސްޓީއޯއަށް ފައިދާވުމުގެ އިތުރަށް، މުޅި އާންމު ރައްޔިތުންނަށް ލިބޭ ފައިދާ ވަރަށް ބޮޑުވާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ. މީގެ ތެރޭގައި އެއްވެސް ވަރަކަށް ތާކުންތާކު ނުޖެހޭ ކުންފުނި ބޮޑު މާލީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓޭނެ ފަދަ އިންވެސްޓްމަންޓެއް ނުހުންނާނެ ކަމުގެ ޔަގީންކަން ވެސް ކުންފުނިންދެ އެވެ.

އެސްޓީއޯއިން މިފަހުން ކުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން، ގޯސްކޮށް ހުރި އެއް އިންވެސްޓްމަންޓް ކަމަށްވާ، ހުޅުމާލޭގައި ހަދަން ފަށާފައި ހުރި ރެޑިސަން ބްލޫ ހޮޓާ ވެސް ވިއްކާލަން ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން ކުންފުންޏަށް މިހާތަނަށް އެ މަޝްރޫއުން ލިބުނު ގެއްލުންތަކުން އަރައިގަންނަން ކުންފުނި ވަނީ އަމާޒުހިފައިފަ އެވެ. އެތަން ވިއްކާލެއްވިއްޖެ ނަމަ، ކުންފުނީގެ ކޭޝްފްލޯ މިއަހަރު އެތައް ތަނަކުން ރަނގަޅު ކުރެވޭނެ އެވެ. އެ އިންވެސްޓްމަންޓަޑް ކުރި ހަރަދު އަލުން ރިކަވާ ކުރެވޭނެ އެވެ.

އެތައް ގޮތަކުން އެންމެންގެ ހާޔާތާ ގުޅިފައިވާ ކުންފުންޏަކަށް އެސްޓީއޯ ވާއިރު އެކުންފުނީގެ ވިޔަފާރިތަކާ ނުލައި ބާޒާރުގެ އަގުތައް މިހާރު މިހުރި ވަރަށް ވެސް ނުހުންނާނެ އެވެ. އިންފްލޭޝަން އެއް ހަމައެއްގައި ހިފެހެއްޓެނީ ވެސް އެ ކުންފުނީގެ ވަރަށް ބޮޑު މަސައްކަތަކުންނެވެ. އޭގެ އެންމެ ރަނގަޅު މިސާލަކީ ތަކެތީގެ ޑިމާންޑް އެންމެ ބޮޑުވާ ރޯދަމަހު އެސްޓީއޯއިން ތަކެތީގެ އަގުތައް ބެލެންސް ކުރުމުގައި ކުޅޭ މުހިންމު ރޯލެވެ. އެކަމަކު އެސްޓީއޯއަށް އެކަން ކުރެވެނީ ބޮޑު ފައިދާއަށް ނުބަލާ ހިދުމަތަށް ވިސްނުމުގެ ސްޓްރެޓެޖީއެއްގެ ތެރެއިންނެވެ. ހަރަދު ކުރުމުގައި ވެސް ހިފެހެއްޓުންތަކެއް ގެންގުޅެގެންނެވެ.

ކުރިން ބުނިހެން އެސްޓީއޯގެ މާލީ އޮޑިޓްގައި، ނެޓް ޕްރޮފިޓް މާޖިން ރަނގަޅުވެފައި ވަނީ ހަރަދުތައް ހިފެހެއްޓުމުގައި ރަނގަޅު ޓްރެންޑެއް ކުންފުނިން ގެންގުޅެފައިވާތީ އެވެ. އެގޮތުން، ބަލާއިރު އެސްޓީއޯގެ މުވައްޒަފުންގެ އަދަދު ވަނީ 2020 އަށް މަދުކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް ދާއިރާތަކުން ކޮންމެވެސް ވަރަކަށް ހަރަދުތައް އިތުރުވެފައި ވެސް އެބަ ހުއްޓެވެ. އެހެން ނަމަވެސް އާދަޔާ ހިލާފަށް އެސްޓީއޯގެ ހަރަދު އެއްގޮތަކަށް ވެސް ބޮޑުވެފައެއް ނެތެވެ.

ކޮންމެ ކުންފުންޏެއްގައި ވެސް ގޯސްކޮށް ހިނގާ ކަންކަން ވެސް ހުންނާނެ އެވެ. އެސްޓީއޯ އަކީ ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ނެތް ކުންފުންޏެއް ނޫނެވެ. އެހެން ނަމަވެސް އެސްޓީއޯ މި ފެންނަނީ މާލީ ގޮތުން ވަރުގަދަ ކުންފުންޏެއްގެ ގޮތުގައި އޮވެ، އެ ކުންފުނީގެ އިންވެސްޓްމަންްޓްތައް އިތުރު ކުރާތަނެވެ. ތެލުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ކުންފުނީގެ ސާފު ފައިދާއަށް އަސަރެއް ކުރިޔަސް، ކުންފުނީގެ މާލީ މިންނަގޑުތައް ހުރީ ރަނގަޅު މިސްރާބުގަ އެވެ. ނުބައި ދިމާލަކަށް ކުންފުނި އެނބުރި ބޮޑު މާލީ މައްސަލަތަކެއްގެ ތެރެއަށް ކުންފުނި ވެއްޓުމުގެ ނިޝާނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި އެ ކުންފުނި މި ފެންނަނީ ރަނގަޅު ފައިދާއަކާ، އެކު ކުންފުނީގެ މަގުސަދާ އެއްގޮތަށް ވިޔަފާރި ފުޅާވަމުން އަންނަތަނެވެ.