- ބޮޑެތި މުޖުރިމުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ހޯދޭނެ މަގެއް
- ހެކިން ހިމާޔަތް ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ
- ހެކިންގެ މައުލޫމާތު އާންމު ކުރާ މީހުންނަށް އަދަބުތަކެއް
ރާއްޖޭގެ ޝަރުއީ ނިޒާމްގެ ތެރޭގައި ހުރި "ދޯހަޅި" ކަންކަމުގެ ވާހަކަ އަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މިކަންކަން އިސްލާހުކޮށް ރާއްޖޭގެ ޝަރުއީ ދާއިރާ ޒަމާނަށް ފެއްތުމަށް ކުރަން ޖެހޭ މަސައްކަތްތައް އެކި ސިފަސިފައިގާ އަބަދުވެސް ކުރިއަށްދެ އެވެ. މި ސަރުކާރުން ވެސް އެކަމަށް ވައުދުވެ ފިޔަވަޅުތައް ވެސް އަޅަމުން އެބަ އާދެ އެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުރިމުންގެ މައްޗަށް ކުށް ސާބިތުކުރަން އެކަށީގެންވާ ވަރުގަދަ ހެކިތަކެއް ޝަރީއަތަށް ހުށަހެޅުމަށް އޮންނަ ހުރަހެވެ. ރާއްޖެ ފަދަ ކުޑަ، އެކަކު އަނެކަކު ދަންނަ ގައުމެއްގައި މި މައްސަލަ އަދި އިންތިހާއަށް ބޮޑެވެ. މިކަހަލަ މައްސަލަތަކުގައި ހެކިބަސް ދޭން ގިނަ މީހުން ފަސްޖެހި ބިރު ގަންނަނީ އެންމެ ބޮޑު މައްސަލައަކީ އެ މީހުންނަށް ހިމާޔަތެއް ނެތުމެވެ. ހެކިންގެ ކަންކަން އިސްލާހުކުރުމަށް ސަރުކާރު މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހަށް މުޅިން އާ ހެއްކާބެހޭ ބިލެއް ފޮނުވައިފަ އެވެ. މިފަދަ ބިލެއްގެ ތެރެއިން މިފަދަ މައްސަލަތަކަށް ހައްލެއް ހޯދިދާނެތޯ މިއީ ބޮޑު ސުވާލެކެވެ؟
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ހެކިންނާ ގުޅޭ ގޮތުން ހަރުދަނާ މާއްދާތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން ވެސް ބިލްގެ 16 ވަނަ ބާބަކީ ފާހަގަކޮށްލެވުނު ބާބެެކެވެ. އެ ބާބަކީ ހެކިވެރިންނަށް ހިމާޔަތް ހޯދައިދިނުމަށް ވަރުގަދަ އުސޫލުތަކަކާ އެކު އެކުލަވާލާފައިވާ ބާބެކެވެ.
އެންމެ ފުރިހަމަ ޝަރުއީ ނިޒާމެއް ގާއިމުކޮށްފައިވާ ގައުމުތަކުގައި ހެކިންނަށް ހިމާޔަތް ދިނުމަށް ހާއްސަ ގަވައިދުތަކާއި އުސޫލުތައް ހަދާފައިވެ އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ އުސޫލެއް އަދި ނެތެވެ. އުސޫލެއް ނެތް ނަމަވެސް މިހާރު ވެސް ފުލުހުން ބައެއް ހާލަތްތަކުގައި ހެކިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދެ އެވެ. ރަށްރަށުން ގެންނަ ހެކިވެރިން މާލޭގައި ބޭތިއްބުމުގެ ކަންކަން ވެސް ދައުލަތުން ކުރަމުންދާއިރު، ބައެއް ހާލަތްތަކުގައި ހެކިވެރިންގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ފުލުހުން ކުރެ އެވެ. އެކަމަކު އެކަމަށް ގާނޫނީ ބާރެއް ނެތުމުން އެއީ ހެކިވެރިން ހިމާޔަތް ކުރުމަށް ފުދޭވަރުގެ ފިޔަވަޅުތަކަކަށް ނުވެ އެވެ. އަދި އެއީ އެ މީހުންނަށް އޮތް ނުރައްކަލުން ސަލާމަތްކޮށްދޭ ކަމެއް ވެސް ނޫނެވެ.
ހެކިވެރިން ހިމާޔަތް ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަށް މިހާރު ވެސް މި ވަނީ ދޮރެއް ހުޅުވައިލެވިފަ އެވެ. ހެކިވެރިން ހިމާޔަތް ކުރުމުގެ ވަރުގަދަ އުސޫލުތަކެއް ފުރަތަމަ ފަހަރަށް ލިޔެވި މި ވަނީ ގާނޫނަކަށް ވުމުގެ މަގުމަތީގަ އެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ނިޒާމަށް ގެނެސްދޭނެ އުފާވެެރި ކަމެކެވެ. މިއީ ރަނގަޅު ބަދަލަކަށްވެގެން ދާނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެ އެވެ. އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންގޮސް، އިންސާފު ހޯދައިދިނުމަށް ހެކި ބަހަކީ މުހިންމު އެއްޗަކަށްވާއިރު، ބިރުވެރިކަމެއް ނެތި ހެކި ބަސް ދެވޭނަމަ އެކަން ވާނީ ރަނގަޅު ބަދަލަކަށެވެ.
ބިލްގެ 124 ވަނަ މާއްދާގައި ބުނެފައިވަނީ، ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީއަތެއްގައި ހެކިބަސްދޭ މީހަކީ ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އަށް ގަބޫލުކުރެވިއްޖެނަމަ އެ ހެކިބަސްދޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ ކުރިން ނުވަތަ އޭނާގެ ހެކިބަހުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ދިނުމުގެ ކުރިން އޭނާއަކީ ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ޕީޖީ ކަނޑައަޅައި އެކަން ކޯޓަށް އަންގައި ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދެންޖެހޭނެ އެވެ.
ހެކި ބަސްދޭ މީހެއްގެ ނަފުސަށް ނުވަތަ އާއިލާއަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް އޭނާއަށް ގަބޫލުކުރެވިއްޖެނަމަ އެ މައްސަލައިގައި އޭނާއަކީ ހިމާޔަތް ދޭންޖެހޭ މީހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޖީއަށް އަމިއްލައަށް ހުށަހެޅުމުގެ ހައްގު ވެސް މި ބިލުން ހެކިވެރިޔާއަށް ވަނީ ދީފަ އެވެ.
ބިލްގައިވާ ގޮތުން ހެކި ބަސް ދޭ މީހަކީ ހިޔާމަތް ލިބިދޭންހޭ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެނަމަ އޭނާއަށް ހިމާޔަތް ދޭންޖެހޭ މިންވަރު ދަރަޖަކޮށް އޭނާ ހިމާޔަތްކުރުމަށް ފުލުހުންގެ މައްޗަށާއި ކަމާގުޅުން ހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ. އެ އަމުރުގައި ހެކިބަސް ދޭ މީހާ ހިމާޔަތްކުރަންވީ ގޮތާއި މިންވަރާއި ދަރަޖަ ބަޔާންކުރަންޖެހެ އެވެ.
ހެކިވެރިޔާއަށް ހިމާޔަތް ދޭންވީ މިންވަރު ފަނޑިޔާރު ދަރަޖަކުރާނީ އޭނާ ހެކިބަސް ދޭން އެއްބަސްވި އެއްބަސްވުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ އާއިލާގެ މެންބަރަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ރިއާޔަތްކުރުމަށްފަހު އެވެ.
ގާނޫނުގެ ދަށުން ހިމާޔަތްދޭން ކޯޓުން އަމުރުކޮށްފައިވާ މީހަކާ ކުރާ ސުވާލުތަކުގެ ތެރޭގައި ހެކި ބަސް ދޭ މީހަކީ ކާކުކަން ހާމަވެދާނެ ސުވާލެއް ހިމެނޭނަމަ އެފަދަ ސުވާލުތަކަށް އޭނާ ޖަވާބުދޭން ނުޖެހޭ ކަމަށް ފަނޑިޔާރަށް ކަނޑައެޅޭނެ އެވެ. އޭނާގެ ހެކި ބަސް ނަގަން ޖެހޭނީ ވެސް ކާކުން ނޭނގޭ ގޮތަށެވެ. ސިއްރު ހެކިވެރިންގެ ހެކި ބަސް މިހާރު ވެސް ނަގަމުން އަންނަނީ އެހެންނެވެ. އެހެން ނަމަވެސް މިކަން ވެސް ގާނޫނީ އޮނިގަނޑަކަށް ފެތުމުން ހެކިވެރިޔާއަށް މި ލިބެނީ ގާނޫނީ ގޮތުން ވަރުގަދަ ހިމާޔަތެކެވެ.
ހެކިވެރިޔާގެ ސިއްރު ހިފެހެއްޓުމަށް އަދިވެސް އިތުރު ކަންކަން ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހިމާޔަތް ދިނުމަށް އެ ހެކިވެރިޔަކު ރައްކާކުރެވިފައިވާ ތަނެއްގެ މައުލޫމާތު އޭނާ ހިމާޔަތްކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު ކަނޑައަޅާ ބަޔަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެ އެވެ. އެމީހަކާ ގުޅޭ މައުލޫމާތު ތަހުގީގު މަރުހަލާގައި ވެސް ދައުވާގެ މަރުހަލާގައި ވެސް އަދި މައްސަލަ ނިމުމަށްފަހު ވެސް ސިއްރުކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.
ހެކިބަސް ދިނުމަށް ހިމާޔަތްދޭ މީހަކީ 18 އަހަރު ނުފުރޭ ކުއްޖެއްނަމަ އޭނާ އާއި އޭނާގެ ބެލެނިވެިންނަށް ވެސް ގާނޫނުގެ ދަށުން ހިމާޔަތްދޭން ޖެހެ އެވެ. އަދި ހެކި ބަސް ދޭ މީހާގެ މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފިނަމަ އެކަން ތަހުގީގުކޮށް އޭނާގެ ނަފުސާއި އާއިލާ އަދި މުދާ، ދައުލަތުން ރައްކާތެރިކޮށްދޭން ޖެހޭނެ އެވެ.
މި ބިލް މަޖިލީހަށް ހުށަހަޅާފައިވާއިރު އަދި ބިލްގެ ބަހުސް ނުފަށަ އެވެ. އަންނަ ހަފުތާ މި ބިލްގެ ފުރަތަމަ ކިޔުން އިއްވައި، ބަހުސްކުރާނެ ކަމަށް ބެލެވެ އެވެ. މިހާރު ވެސް މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ މި ބިލް މަޖިލީހުން ފާސްވެގެން ދާނީ އެއަށްވުރެ ވެސް ފުރިހަމަކޮށް ކަމަށްވެއްޖެނަމަ އެއީ ޝަރުއީ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. ޝަރުއީ ދާއިރާއާމެދު އިތުބާރު ހިފެހެއްޓުމަށް މިފަދަ ގާނޫނުތައް މުހިންމެވެ. ބޮޑެތި މުޖުރިމުން ޖަލުގެ ތޭރިތަކުގެ ފަހަތަށް ލުމަށް މިއީ ކޮންމެހެން މުހިންމުވެފައި އޮތް ގާނޫނެކެވެ.