ރިޕޯޓް

ކެންސަރާ ދެކޮޅަށް މި މަންމަގެ ހަނގުރާމަ، ހިތްފަޅައިގެން ދާހާ ހިތްދަތި

އެމީހަކީ ހިތްވަރުގަދަ ކުޅަދާނަ މީހެކޭ ބުނާނީ ކިހާވަރެއްވީމާ ހެއްޔެވެ؟ އެމީހަކީ އެވަރުގެ ނަމޫނާއެއް ނެތްވަރުގެ މީހެއް ކަމަށް ބުނެވޭނީ ކިހާވަރަކުން ހެއްޔެވެ؟ ފިސާރި ކަނބަލެކޭ ބުނާނީ ކިހާ ވަރެއްވީމާ ހެއްޔެވެ؟

ހއ. ފިއްލަދޫއަށް އުފަން ފާތިމަތު އުމަރު (ފާތުން)ގެ ހަޔާތުގެ ވާހަކަ ލިޔާނަމަ، ހިތްވަރުގަދަ، ނަމޫނާ އަދި ކުޅަދާނަ މި ހުރިހާ ލަފުޒެއް އޭނާއަށް ނިސްބަތް ކުރެވިދާނެ އެވެ. ތިން ކުދިން ގޮވައިގެން އެކަނިވެރި މަންމައެއްގެ ހަޔާތުގެ މި ދަތުރަކީ، ދަތި އުނދަގޫ އަދި އެހާމެ ހިތްދަތި ދަތުރެކެވެ. އެއްގޮތަކަށް އަމާން، އޮންމާން ދަތުރެއް ނޫނެވެ. ހިތްދަތިކަމާއި ވޭނާއި ކެކުޅުމުގެ އިހުސާސްތައް އިންތިހާއަށް އެ ހަޔާތުގައި ވަނީ ކުރަލާފަ އެވެ.

ތިން ކުދިންނާއެކު އެކަނި ދިރިއުޅެމުން ދިޔަ ފާތުންގެ ހަޔާތް، ފުން ވަޅުގަނޑަށް ވެއްޓިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. އުރަމަތީގައި ލީ ގަނޑު ނޫނީ "ލަމްޕް" ވެގެން ދިޔައީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ކަމަކަށެވެ. އެންމެ ފުރަތަމަ ޑޮކްޓަރުން ވެސް ނިންމީ އެއީ އާދައިގެ ކަމެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ ލަމްޕް އިތުރަށް ބޮޑުވެ، ފާތުންގެ ކަންބޮޑުވުން ވެސް ބޮޑުވަމުން ދިޔަ އެވެ. މިފަހަރު ޑޮކްޓަރު ވެސް ކަންބޮޑުންވި އެވެ. ޓެސްޓްތަކަށް ފަހު، އޭގެ ތިން މަސް ފަހުން ޑޮކްޓަރު ނިންމީ، ފާތުންއަށް ކެންސަރު ޖެހިފައިވާ ކަމެވެ. އޭނާގެ މުޅި ދުނިޔެ ބަނަކޮށްލި ހިސާބަކީ އެއީ އެވެ. މަރުބައްޔެއްގެ ގޮތުގައި ބެލެވިފައިވާ ކެންސަރު އައިސް އޭނާޔާ ހަމަކުރީ އެވެ.

ޑޮކްޓަރުގެ އެ ކުއްލި ހަބަރާ އެކު، އެންމެ ފުރަތަމަ ވެސް ފާތުންގެ ކަންބޮޑުވުމަކަށްވީ ތިން ކުދިންނާ އޭނާ އުމުރަށް ވަކިވާން ޖެހިދާނެތީ އެވެ. އޭރު ހުރީ ކެންސަރުގެ ކޮން ސްޓޭޖެއްގަ ކަމާއި އޭނާ އެ ބަލީގައި ސަލާމަތްވެދާނެ ކަމުގެ ފުރުސަތެއް އޮތް ކަމެއް ވެސް ނޭނގެ އެވެ. އެކަނި ދަރިން ބަލަމުން ދިޔައިރު އޭނާގެ ކުއްލި ވަކިވުމަކާއެކު ދަރިންނަށް ވެދާނެ ގޮތާމެދު ހިތަށް އަރައި، ފައިބަމުން ދިޔަ އެއްޗިހިން ފާތުންގެ ހިތް ކުދިކުދިވި އެވެ. އޭނާގެ ހަޔާތުގެ ހަތަރު ފަރާތުން ވެސް އަދިރިކަން ނޫން އެއްޗެއް އޭނާއަށް އެދުވަހަކު ނުފެނުނެވެ.

ހޮސްޕިޓަލުން ގެޔަށް ދިޔަ މަގުމަތީ އޭނާގެ ހިތު ތެރޭގައި އަރާ ފައިބަމުން ދިޔަ ޝުރޫތަކާއި ކުރަމުން ދިޔަ އިހުސާސްތައް ހަނދާވުމުން މިހާރު ވެސް ފާތުންގެ ފެން ކަޅިވެ އެވެ. ގޭގައި ތިބި ދަރިންގެ މޫނު ފެނުމުގެ ކުރިން އެ ދަރިންގެ މުސްތަގުބަލަށްޓަކައި ކެންސަރާ ހަނގުރާމަކޮށް ކެންސަރު ބަލިކުރަން އޭނާގެ ހިތުގެ އެންމެ ފުންމިނުން އަޒުމު ކަނޑައެޅީ އެ ހިސާބުންނެވެ. ކިތަންމެ ބޮޑު ވޭނަކާއި ހިތްދަތި ކަމެއްގެ ތެރޭގައި ވިޔަސް ހިތްވަރު ދޫނުކުރާން އޭނާ އަޒުމް ކަނޑައެޅީ ދަރިންނަށް ޓަކަ އެވެ.

"ވަރަށް ވަރަށް ދެރަވި އެ ވަގުތު. ބުނާނެ އެއްޗެއް ވެސް ނޭނގުނު. އެހެން ނަމަވެސް އެއްވެސް ވަރަކަށް ނެގަޓިވްކޮށް ނުވިސްނަން، ވިސްނީ ވަރަށް ޕޮޒިޓިވްކޮށް. ހިތައް އެރީ ދުނިޔޭގައި މިއަށް ވުރެ މާ ހާލުގައި އުޅޭ މީހުން ވެސް އުޅެއޭ. އެންމެ ބޮޑަށް ވިސްނީ ދަރިންނާ މެދު. ދެން ކިހިނެތްހޭ އެ ކުދިންނަށް ވާނީ؟ އެކަމަކު ވެސް އެހެން ހިތަށް އަރާފައި ހިތައް އެރީ ފާތުން ނެތް ދުވަހަކުން ވެސް އެ ކުދިންނަށް ވެސް ކޮންމެވެސް ގޮތެއް ފެންނާނޭ،" 48 އަހަރުގެ ފާތުން ބުންޏެވެ.

ވަރުގަދަ ހިތްވަރާއެކު ފަރުވާ ހޯދުމަށް ފާތުން އަތުކުރި އޮޅާލި އެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ސާޖަރީ ހަދަން ވިސްނި ނަމަވެސް އާއިލާ އާއި ރައްޓެހިންގެ ލަފާއާއެކު އޭނާ ދިޔައީ އިންޑިއާއަށެވެ. ކެންސަރު ބަލި ކުރުމަށް ޖަހާ، ކީމޯ ފާތުން ނެގީ އިންޑިއާގަ އެވެ. އެ ކީމޯ ނެގުމަށްފަހު މުޅި ހަށިގަނޑުން ވަރު ދޫވެ، ބޮލުގައި ރިއްސާ އޭނާ މުޅިން ބަލިކޮށްލި އެވެ. ނުވެސް ކެވެ އެވެ. ދެވަނަ ކީމޯ ނަގަން ޖެހެނީ 21 ދުވަހަށްފަހު އެވެ. ކޮންމެ ފަހަރަކު ވެސް ކީމޯ ނަގަން އިންޑިއާއަށް ދިޔުމަށްފަހު އޭނާ އަންނަނީ އެނބުރި ރާއްޖެއަށެވެ. ހަތަރު ކީމޯއަށްފަހު ކޮންމެ ހަފުތާއަކު ކީމޯ ނަގަން ފާތުންއަށް ޖެހުނެވެ. އޭރު ގައިގާ ސެލްތައް މަރުވެ، އޭނާ ހުރީ ވަރަށް ބަލިކަށިވެފަ އެވެ. އެ ވޭނުގައި ވެސް ފާތުން ދިޔައީ ދަރިންގެ ކަންކަން ބަލަމުން ފުލްޓައިމްކޮށް ވަޒީފާ ވެސް އަދާކުރަމުންނެވެ.

"ކެންސަރަކީ ވަރަށް ޑިޕްރެސްވާ ބައްޔެއް، ފުލްޓައިމްކޮށް ވޯކް ކުރީ ވެސް އެހެންވެ، ގޭގައި އޮތީމަ އެކަމާމެދު އިތުރަށް ވިސްނޭނެތީ، އަނެއް ކޮޅުން ޓްރީޓްމެންޓަކީ ވަރަށް އަގު ބޮޑު ޓްރީޓްމެންޓެއް ކަމުން އެކަމަށް ފައިސާ ހޯދުމަށް ވެސް ވަޒީފާއަށް ދިޔައީ، ވަރަށް ބޮޑަށް ވޯކްގަ އެންގޭޖްވެގެން އުޅުނީ، ނަމަވެސް ވަރަށް ވަރު ދެރަ އޭރު، ބައެއް ފަހަރަށް ހިނގާފަ އަންނައިރު ވެސް ހީވޭ ވެއްޓެންށޭ އެ އުޅެނީ،"

ފާތުންގެ ހިތްވަރު މި ހިސާބުން ނިމުނީއެއް ނޫނެވެ. ކީމޯތަކަށްފަހު ރޭޑިއޭޝަން ނަގައި، ގިނަ ފަރުވާތަކެއް ހޯދަމުން އޭނާ ނިންމީ އިތުރަށް ކިޔެވުމަށް ބޭރަށް ފުރުމަށެވެ. ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ދާއިރާއިން މާސްޓާސްއަކާ ހަމަޔަށް ދިޔުމަކީ އޭނާގެ ހަޔާތުގެ ހުވަފެނެކެވެ. އޭނާގެ ހުވަފެންތަކަށް ކެންސަރު ހުރަސް އަޅަން ފުރުސަތު ދީ ހިތްވަރު އެލުވާލަން އޭނާ ބޭނުމެއް ނުވި އެވެ. އޭނާ އިނގިރޭސިވިލާތަށް ތައުލީމް ހާސިލުކުރުމަށް ފުރީ ފަރުވާގެ ވަރަށް ބޮޑު ބައެއް ނިމިފައިވަނިކޮށެވެ. އެކަމަކު ވެސް އެއީ ބޮޑު ރިސްކެކެވެ. އޭރު ވެސް އޭނާ ކީމޯ ނަގަން ޖެހެ އެވެ.

"ވަކި ހިސާބަކުން ހިތަށް އެރި ނުރަނގަޅު ނިންމުމެކޭ މި ނިންމުނީ ފަރުވާ ނިމެން އުޅެނިކޮށް ކިޔަވަން ދެވުމަކީ، އޭރު ހަށިގަނޑު ހުރީ ވަރަށް ވަރުދެރަވެފަ، ދެން އަނެއްކާ އިންޓޭކް ވެސް ބަދަލުވީ، ސެޕްޓެމްބަރު މަހުގެ ބަދަލުގައި އިންޓޭކް ޖެނުއަރީއަށް ބަދަލުވީ، ސެޕްޓެމްބަރުގައި ނަމަ އެއް އަހަރުން ނިމޭނެ، ޖެނުއަރީ ވީމަ ދެ އަހަރު އެ ކޮޅުގަ މަޑުކުރަން ޖެހުނު،" ފާތުން ކިޔައިދިނެވެ.

ޖެނުއަރީގައި ކިޔަވަން ފަށަން ޖެހުމުން އިނގިރޭސި ވިލާތުގައި ފްލްޓައިމްކޮށް މަސައްކަތް ކުރަން އޭނާއަށް ޖެހުނެވެ. މަސައްކަތް ކުރަން އިހުތިޔާރުކުރީ އިންޓަނޭޝަނަލް ހޮޓަލެއްގެ ބަދިގެ އެވެ. އެތަނުގައި ޝެފެއްގެ ވަޒީފާ އޭނާ އަދާކުރަމުން ދިޔައީ، ދުވާލަކު 20 ގަޑިއިރު މަސައްކަތް ކުރަމުންނެވެ. ކެންސަރުގެ ފަރުވާ ވެސް އަނެއްކޮޅުން އޭނާ ދިޔައީ ހުއްޓުމެއް ނެތި ނަގަމުންނެވެ. ދަރިންނަށް ކިޔަވައިދީ އެ ކުދިން ބަލަހައްޓަމުންނެވެ. އަމިއްލަ ފަސްގަނޑެއް ނޫނެވެ. ބީރަށްޓެހި ގައުމެއްގަ އެވެ.

އިންޓަނޭޝަލް ހޮޓެލް އެންޑް ޓޫރިޒަމް މެނޭޖްމެންޓްއިން މާސްޓާސްއަށް ކިޔެވުމަށް އޭނާ ދިޔައީ ދެ ދަރިން ވެސް ގޮވައިގެންނެވެ. ދަރިން ބަލާނެ އިތުރު މީހެއް މާލޭގައި ވެސް ނެތުމުންނެވެ. މާސްޓާސްއަށް ކިޔަވާ މީހުންގެ ދަރިންގެ ތައުލީމާއި ބޭސްފަރުވާ ހިލޭ ލިބޭއިރު ހަރަދުކުރަން ޖެހެނީ އެ ކުދިންގެ ކެއުމަށާއި ހުރުމަށެވެ. ދަރިންނަށް ފާތުން ހަރަދުކުރަމުން ދިޔައީ މަސައްކަތުން އޭނާއަށް ލިބެމުން ދިޔަ އުޖޫރައިންނެވެ.

އެ ހުރިހާ ބުރައެއް އުފުލަމުން ދިޔަ ފާތުންގެ ރިހޭ މައްޗަށް ފޮއި ވެއްޓުނީ ދެނެވެ. އުފުލަމުން ދިޔަ ވޭނާއި ހިތާމަ އިތުރަށް ބޮޑުވި އެވެ. އޭނާއަށް ކިޔެވުމަށް ލޯނު ހަމަޖެހިފައި އޮތީ އެއް އަހަރަށެވެ. އިންޓޭކް ބަދަލުވުމާއެކު ދެ އަހަރަށް ކޯސް ދިގުލައިގެން ދިޔަ އެވެ. ދެވަނަ އަހަރަށް ލޯނު ހަމަނުޖެހުމުން ހުރިހާ ކަމެއް ހުއްޓާލައި، އެނބުރި ރާއްޖެ އަންނަން ހިތު އެޅީ ހިތާ ދެކޮޅަށެވެ. އޭރު އޭނާ ވަނީ ތިއެރީ ނިންމާފަ އެވެ. ކުރިއަށް އޮތީ ރީސާޗް އެކަންޏެވެ. ލޯނު ހޯދުމަށް އާއިލާއިން މާލޭގައި ކުރި މަސައްކަތް ވެސް ދިޔައީ ފެނަށެވެ.

"ލޯނު ނުލިބޭ ބުނިއިރު ރިސާޗް އޮތީ ހަދަން ޖެހިފަ، އެގްޒާމެއް ވެސް ކުރިއަަށް އޮތް، މަސައްކަތް ކުރަމުން ފަރުވާ ނަގަމުން ވެސް ހުރިހާ އެސައިމެންޓްތަކުން ވެސް ރަނގަޅު ނަތީޖާއެއް ހޯދިފަ އޭރު އޮތީ، ދެން ވަރަށް ދެރަވި، އާއިލާއަށް ވެސް އެވަރުގެ ބޮޑު ހަރަދެއް ކުރެވެން ނެތް، އެއްވެސް ރެސްޓެއް ނެތި ކިޔަވަމުން އަންނަނިކޮށް އެހެން ދިމާވުމުން ވަރަށް ވަރަށް ހިތްދަތިވި،" ފާތުން ބުންޏެވެ.

ހަތަރު އުދަރެސް ފެނު ޖެހިފައިވާ ފާތުންގެ އަތުގައި އެ ފަހަރު ހިފީ ކިޔަވަމުން ދިޔަ ޔުނިވާސިޓީންނެވެ. އުންމީދުތަކާެއި ފޮނި ހުވަފެންތައް ވަޅުލުމަށް ފަހު މާލެ ދާން ނިންމުން މިފަހަރު ފާތުންގެ އަތުގައި ހިފެހެއްޓީ އޭނާ ކިޔަވަމުން ދިޔަ ޔުނިވަސިޓީންނެވެ. އިންޓަނޭޝަނަލް ސްޓޫޑަންޓުންނަށް ލޯން ދޭ ފަންޑަކުން ލޯނު ހޯދުމަށް ހިތްވަރުދީ، އެކަމުގެ ހުރިހާ މަސައްކަތްތެއް ކޮށްދިނީ އެ ޔުނިވާސިޓީގެ އޭނާގެ ފެކަލްޓީގެ އިސް ބޭފުޅުންނެވެ. ފާތުންނަށް ހިތަށް ފިނިކަން ލިބިގެން ދިޔައީ ލޯނެއްގެ، ބަދަލުގައި އެ ފަންޑުން ފާތުންގެ ޓިއުޝަން ފީ އެއްކޮށް ދައްކައި ދިނުމުންނެެވެ. ފާތުންގެ އިތުރު ހިތްވަރަކާއި އޭނާގެ މިންނެތް މަސައްކަތުގެ ހަދިޔާއަކަށް އެކަން ވެގެން ދިޔަ އެވެ.

"އެއީ ވަރަށް ދެރަވި ދުވަހެއް، އެމީހުން ފާތުން ގޯތްރޫ ކުރަމުން ދިޔަ ކަންކަމަށް ބަލައި އެކަން ހަމަޖައްސައިދިނުމުން ވަރަށް އުފާވި އަދި އެހާ ދެރަވެސްވި،"

ކޯހުގެ އެންމެ މުހިންމު ބައި ކަމަށްވާ ރިސާޗާ ފާތުން ކުރިމަތިލިއިރު އޭނާގެ ފަރުވާ ވަނީ ނިމިފަ އެވެ. އެހެނަސް މުޅިން އޭނާ ރަނގަޅެއް ނުވެ އެވެ. ކެންސަރ ދެކޮޅަށް ދެމުން ދިޔަ ވަރުގަދަ ބޭސްތަކުގެ ސައިޑްއިފެކްސް ދިޔައީ ފެންނަމުންނެވެ. ހުޅުތަކުގައި ރިއްސައި އައްސިވެ އެވެ. އަތް ދުޅަވެ ޓައިޕް ވެސް ނުކުރެވޭ ހާލަތަށް އޭރު ފާތުން ދިޔަ އެވެ. ގައިގާ ވަރެއް ވެސް ނުހުރެ އެވެ. އޭރު ވެސް ފަސް އަހަރު ދުވަހަށް އޭނާއަށް ހުރީ ބޭސްދީފަ އެވެ.

ދިރިއުޅުމުގެ ހަރަދުތައް ބެލެއްޓުމަށް އޭރު ވެސް ވަޒީފާ އަދާކުރަމުން ދިޔަ ފާތުން ރިސާޗް ހަދަން އެހާ ވަގުތެއް ވެސް ނުލިބެ އެވެ. ރިސާޗް ހަދާއިރު މަސައްކަތް ކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ. އެކަމަކު އެ ނޫން ގޮތެއް ފާތުންނަކަށް ނެތެވެ. އެތައް ވޭނަކާއި ބުރަ މަސައްކަތްތަކަށްފަހު މާސްޓާސް ހާސިލުކޮށްގެން ފާތުން ރާއްޖެ އައީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. މާސްޓާސްގެ ސެޓްފިކެޓް ހިފައިގެން ފަހުރުވެރިކަމާއެކު ރާއްޖެ އައިއިރު އޭނާއަކީ ކެންސާ ފްރީ މީހެއް ކަމަށް ވެސް ވަނީވެފަ އެވެ. ކެންސަރުން ސަލާމަތްވުމަށްފަހު ވެސް އަލުން ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާތީ މިހާރު ވެސް ފާތުން ދަނީ ގަވައިދުން ޗެކަޕް ހަދަމުންނެވެ.

"ކެންސާ ފްރީ ނަމަވެސް ސައިޑް އިފެކްސްއަށް ފައިޓްކުރަމުން މިދަނީ، އަބަދުވެސް ހިތަށް އަރައި ކެންސަރު އަލުން ޖެހިދާނެއޭ، އެ ބިރު އަބަދުވެސް އިނދޭ،" ފާތުން ބުންޏެވެ.

"ކެންސާ ބަލި ޖެހިފައިވާ މީހުން ގާތު ބުނެލަން ބޭނުން ވަނީ ގިވަޕް ނުކުރާށޭ، ކެންސާ ޖެހުނަސް ހިތަށް ނާރުވާށޭ އެ ނިމުނީއޭ، ހުރިހާ ކަމެއް މި ނިމުނީއޭ، ޑޮކްޓަރުން އުއްމީދު ކަނޑާލާފައި ތިބޭ މީހުން ވެސް އެބަތިބި ރަނގަޅުވެފަ، ކެންސަރަށް ފައިޓްކުރަން ބޭނުން ވަނީ އެމީހާގެ ހިތްވާއި އީމާންތެރިކަން، އޭގެ އިތުރުން ކެއުން، މި ތިން ކަންތަކުގައި ހިފަހައްޓައިގެން އެއަށް ފައިޓްކޮށްފިނަމަ ގިނަ ފަހަރަށް ކާމިޔާބު ވާނެ،"

ރިސޯޓެއްގެ ވަރަށް ޒިންމާދާރު ވަޒީފާއެއް މިހާރު އަދާކުރަމުންދާ ފާތުން ބުނީ، ކީމޯ ދޭ ވަގުތަކީ އެތައް އިހުސާސްތަކެއް ކުރެވޭ ވަރަށް ޖަޒުބާތީ ވަގުތުތަކެއް ކަމަށެވެ. އެ ވަގުތުގައި އާއިލާގެ ފަރާތްތައް ކައިރީގައި ތިބެ، އެމީހަކަށް ލޯތްބާއި އަޅާލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފާތުން ދެކެ އެވެ.

"ކީމޯ ދިން އިރު އެއީ ވަރަށް އުނދަގުވި ދުވަސްކޮޅެއް، އުޅެން ޖެހުނީ އެކަނި، ހޮސްޕިޓާތަކުގަ އެހެން އޮންނައިރު ފެންނާނެ ކޮން މީހެއް ކައިރީ ވެސް ފެމެލީ ތިބޭތަން، އެތަން ފެނުނީމަ ވަރަށް ދެރަވޭ، އެ ވަގުތު ވެސް ހިތަށް އަރާ ކެއާކޮށްލަން ކައިރީގަ މީހެއް ހުންނާނެ ނަމައޭ،"

"ބައްޔެ ވިޔަސް އުއްމީދު ގެއްލުވާ ނުލާ، އަދި އެކަނިވެރި މަންމައެއް ނަމަވެސް އުއްމީދު ގެއްލުވާ ނުލާ، މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ، ގިވަޕްނުކޮށް، ކޮންމެ ބައްޔެއް ޖެހުނު ނަމަވެސް ކިތަންމެ ދަތި ހާލުގަ އުޅެމުން ވިޔަސް ސްޓްރަގުލްކޮށް މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ކަމެއް،" ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ފާތުން އެހެން މީހުންނަށް ދިން މެސެޖަކީ މިއީ އެވެ.