ރިޕޯޓް

ބޭސް ސިޓީ ނެތަސް އެންޓިބައޮޓިކް ވިއްކާތަ؟

  • އެންޓިބައޮޓިކް އަކީ އާދައިގެ ބޭސްތަކެއް ނޫން
  • ގިނަ ފާމަސީތަކުން ބޭސްސިޓީ ނެތި އެންޓިބައޮޓިކް ވިއްކާ
  • އެންޓިބައޮޓިކް އާންމުކޮށް ބޭނުންކުރުމުގެ މައްސަލަ އިތުރުވަނީ

އެންޓި ބައޮޓިކަށް ބަރޯސާވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާކަމުގެ ބިރުވެރި އިންޒާރެއް، ދެއްވަމުން ލަންކާގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. އަފްލާހް ސާދިގީން މިދިޔަ ހުކުރު ދުވަހުގެ ރޭ، ދިވެހިންނަށް އިރުޝާދުތަކެއް ދޫކޮށްލެއްވި އެވެ. ޑޮކްޓަރެއްގެ އިރުޝާދާއެކު ނޫނީ، އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުން ނުކުރުމަށް އަބަދު ދޭ ލަފާ އޭނާ ވެސް ތަކުރާރު ކުރެއްވި އެވެ. އަދި ބެކްޓީރިޔާ އާއި އިންފެކްޝަނަށްތައް މަރާލުމަށް ޑޮކްޓަރުން ޑޯޒް ކަނޑައަޅާފައިދޭ އެންޓިބައޮޓިކްސް އަމިއްލަ އަމިއްލައަށް، ހިތުހުރި ގޮތަކަށް ބޭނުން ނުކުރުމަށް އޭނާ ދިވެހިންގެ ކިބައިން އާދޭސް ކުރި އެވެ.

އަމިއްލަ ފެނުމަށް އެންޓިބައޮޓިކް ބޭނުން ކުރާ މީހުންގެ ނިސްބަތް އިތުރުވުމުގެ ބިރު ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ފެތުރެމުން އަންނަ އިރު، ރާއްޖޭގައި މި ހާލަތު އުޅެނީ ކިހާ މިންވަރަކަށް ކަން ކަނޑައެޅިގެން ބުނެވޭނެ ދިރާސާއެއް އަދި ނެތެވެ. ނަމަވެސް ރާއްޖޭގައިވެސް އެއްވެސް ފަރުވާލެއްނެތި ޑޮކްޓަރުގެ އިރުޝާދަކާ ވެސް ނުލާ އަމިއްލައަށް މިފަދަ ބޭސް ބޭނުން ކުރާ މީހުން "ފުދޭ ވަރަކަށް" އުޅެ އެވެ. މިކަމަށް މަގުފަހި ވަނީ ހަގީގަތުގައި ބޭސް ވިއްކާ، ފާމަސީތަކުގެ ބޮޑު އިހުމާލެއް އޮތީމަ އެވެ. ބޭސް ސިޓީއަކަށް ދޫކުރަން ޖެހޭ ބާރުގަދަ އެންޓި ބަޔޮޓިކްތައް ސިޓީއެއް ނެތިވެސް ވިއްކުން ފާމަސީތަކުން މި ވަނީ އާންމު ކަމަކަށް ހަދައިލައިފަ އެވެ.

"އަވަސް"ގެ އެކި ނޫސްވެރިން މިދިޔަ ހޮނިިރު ދުވަހު މާލޭގެ ނުވަ ފާމަސީއަކަށް ގޮސް، އެންޓިބައޮޓިކްއެއް ކަމަށްވާ، އޮގްމެންޓިން ގަތީ އެއްވެސް ބޭސްސިޓީއެއް އަދި ޕްރެސްކްރިޕްޝަންއެއް ނެތި އެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން ސައިނަސް އާއި ޔޫރިން އިންފެކްޝަން ފަދަ ކަންކަމަށް ބޭނުން ކުރާ އޮގްމެންޓިން، ފަސް ބޭސް ފިހާރައިން ސިޓީއަކާ ނުލާ ވިއްކި އެވެ. ބައެއް ފާމަސީތަކުން ދެތިން ސުވާލެއް ކޮށްލި ނަމަވެސް، 18 ރުފިޔާއަށް ގުޅައެއްގެ ރޭޓުން އޮގްމެންޓިންގެ ހައި ޑޯޒް ބޭސްގުޅަ ވިއްކި އެވެ. ނުވަ ތަނުގެ ތެރެއިން ބާކީ ހަތަރު ފާމަސީ އިން ބޭސްސިޓީ ނެތުމުން އެ ބޭސް ނުވިއްކި އެވެ. އެފަދަ ބައެއް ފާމަސީތަކުން ބުނީ، އޮގްމެންޓިން އަކީ އެންޓިބައޮޓިކްއެއް ކަމުން، ބޭސް ސިޓީ ނެތި ނުވިއްކޭނެ ކަމަށެވެ. އެކަމަކު ބޭސް ސިޓީއެއް ނެތި އެންޓިބައޮޓިކް ލިބޭނެ ދޮރު މި އޮތީ ހުޅުވިފަ އެވެ. ގިނަ ބޭސްފިހާރަތަކުގެ އާދައަކީ ބުނެލާއިރަށް އެންޓިބައޮޓިކް ވިއްކުމެވެ. މިއީ ކިހާ ނުރައްކާތެރި ކަމެއް ހެއްޔެވެ؟

ރާއްޖޭގެ ސިއްހީ ދާއިރާގައި އެތެރަހަށީގެ ބަލިތަކަށް ފަރުވާ ދިނުމުގައި 13 އަހަރު ހިދުމަތްކުރައްވާފައިވާ، އައިޖީއެމްއެޗްގެ ސީނިއާ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. އަލީ ނަޒީމް ވިދާޅުވީ، ޑޮކްޓަރެއްގެ އެއްވެސް ލަފައެއް ނެތި މީހަކު ބުނެލާ ބުނެލުމަކަށް އެންޓިބައޮޓިކް ބޭނުން ކުރާ ދިވެހުން އިތުރުވަމުން އަންނަ ކަމަށެވެ. އެއީ ރާއްޖޭގައި ސީރިއަސްވަމުން އަންނަ މައްސަލައެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވަމުން ޑރ. ނަޒީމް ވިދާޅުވީ، އާދައިގެ ބަލިތައް ފަސޭހަ ކުރުމަށް، ބަލިމީހާ ރަނގަޅަށް ބެލުމަށް ފަހު އެންޓިބޮއިޓިކް ދިނުމުން އޭގެން މާ ބޮޑު އަސަރެއް ނުކޮށް ލަސްވަމުން ދިޔުން މިފަހަކަށް އައިސް ރާއްޖެއިން ފާހަގަވާ ކަމަށެވެ. ނަޒީމް ވިދާޅުވީ އެގޮތަށް ދިމާވަނީ، އެންޓިބައޮޓިކަށް ބޭނުން ކުރުމަކީ އާންމު ކަމަކަށް ހެދުމުން ކަމަށް ކްލިނިކަލް ދިރާސާއިން ދައްކާ ކަމަށެވެ.

"މީގެ ނަތީޖާއަކަށް މިވަނީ އެންޓިބައޮޓިކަށް ނުގުޑާވަރުގެ ޖަރާސީމްތަކެއް ހަށިގަނޑުގައި އުފެދި، ބަލި ވަރަށް ބޮޑަށް އުފެދިގެން ދިޔުން. އޭގެ މާނައަކީ އެންޓިބައޮޓިކް ކާންޖެހޭ އުސޫލުން ނުކައި، ނުވަތަ ގޯސް މިންވަރަކަށް ކައިފަ، ނުވަތަ ނަގަން ނުޖެހޭ ހާލަތެއްގައި ނަގާ، މީންކަމެއް ކުރާނަމަ އެ ބޭނުންކުރާ އެންޓިބައޮޓިކަކަށް ބެކްޓީރިއާތައް ހޭނެން ފަށާނެ. މީގެ ނަތީޖާއަކީ ބޭހަށް ނުގުޑާ ޖަރާސީމްތަކެއް އުފެދުން،" ޑރ. ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި އެންޓިބައޮޓިކް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މުޅި ދުނިޔޭގައި ވެސް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ހީނުކުރާވަރުގެ ސިއްހީ މައްސަލަތަކެއް ދިމާވެދާނެ އެވެ. އޭނާ ވިދާޅުވީ އެންޓިބައޮޓިކް އަކީ، ބަލިމީހާގެ ސިއްހީ ހާލަތާއި އޭނާގެ ބަލި ރަނގަޅަށް ދެނެގަތުމަށް ފަހު ވަކިމިންގަނޑުތަކަކަށް ބަލައިގެން ވަކި މިންވަރަކަށް ކާާން ޖެހޭ އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، ސިއްހީ ބޮޑު ކަންތައްގަނޑަކަށް މިކަން ވެސް ބަދަލުވެދާނެ އެވެ. އެކަމަކު ނަޒީމް ވިދާޅުވާ ގޮތުން ހަމައެކަނި ފާމަސީތަކުގެ ބޮލަށް އެކަން ޖެހޭކަށް ނެތެވެ. އޭގެ ބަދަލުގައި، އަމިއްލަ ޒިންމާ ވެސް އެބަ ނަގަން ޖެހެ އެވެ. މިކަމުގެ ނުރައްކަލަށް މުޖުތަމައު ހޭލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ހަގީގަތުގައި މިއީ ގްލޯބަލް މައްސަލައެއް. ހަމަ އެކަނި ރާއްޖޭގެ މައްސަލައެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ކަންބޮޑު ވާނީ ރާއްޖޭގައި މިފަދަ ކަމެއް އާންމު ވީމަތާ. މީގައި ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ ޒިންމާތަކެއް އެބަ އިހުމާލު ވޭ. ކޮންމެހެން ބޭސް ފިހާރަތަކުގައި ތިބޭ ބޭސް ވިއްކާ މީހުންނެއް ނޫން. އަމިއްލަ ފަރުދުން ވެސް، އަދި ބައެއް ހާލަތުގައި ޑޮކްޓަރުންނާއި ހެލްތު ވޯކަރުން ވެސް. އެންޓިބައޮޓިކް ގޯސްގޮތުގައި އެބިއުސްކުރާ ނުވަތަ މިސް ޔޫސް ކުރާ މީހުން ގިނަވާން ދިމާވަނީ މިފަދަ އެތައް ސަބަބަކާ ހެދި،" ރާއްޖޭގެ ސިއްހީ ދާއިރާގައި އެތެރަހަށީގެ ބަލިތަކަށް ފަރުވާ ދިނުމުގައި 13 އަހަރު ހިދުމަތްކުރައްވާފައިވާ، އައިޖީއެމްއެޗްގެ ސީނިއާ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.

އަމިއްލަ ހިތަކަށް އެންޓިބައޮޓިކް ބޭނުންކުރާ މީހުން އެ ބޭސް ބޭނުންކުރަނީ އާދައިގެ ޕެނަޑޯލް ވެސް ބޭނުންކުރާ ގޮތަށެވެ. ނަމަވެސް ހަގީގަތަކީ އާންމުކޮށް މި ޖެހޭ ވައިރަލް ހުމާއި ރޯގާގެ 60 ޕަސެންޓް ކޭސް ތަކުގައި އެންޓިބައޮޓިކް ބޭނުން ނުވާކަމެވެ. ސަބަބަކީ އާންމުކޮށް ޖެހޭ ހުމަކީ ވައިރަލް ހުމަކަށް ވާތީ އެފަދަ ކޭސްތަކުގައި އެންޓިބައޮޓިކްގެ ބޭނުމެއް ނުޖެހެއެވެ.

"އެންޓިބައޮޓިކަކީ ވަރަށް ތަފާތު މިންތަކަކަށް، އެކި ބާވަތުގެ ބެކްޓިރިއާއަށް އެކި ގޮތްގޮތަށް ދޭ އެއްޗެއް. ހަމަ އެހެންމެ އުމުރުފުރާވެސް މީގައި ތަފާތު އެބަވޭ. އާންމުކޮށް އެންޓިބައޮޓިކް މީހުން ބޭނުން ކުރަނީ ހުމެއް އައިމަ އަވަހަށް ރަނގަޅުވެލަން. ގިނަ ފަހަރަށް ކަނީ ކޮން ބޭހެއް ކަމެއް ވެސް ނޭނގެ. ފާމަސިސްޓު ރަނގަޅޭ ބުނެ ދޭ ބޭހެއް މި ކަނީ. ތިން ވަރަކަށް ދުވަސް ތެރޭ ހުން ރަނގަޅު ވީމަ ބޭސް ވެސް ކެއުން ހުއްޓާލަނީ. އެކަމަކު އެންޓިބައޮޓިކަކީ ކާން ފަށައިފިނަމަ ވަކި ޑޯޒެއް ހަމަކުރަންޖެހޭ ބޭހެއް. ނޫނީ މި އަންނަނީ އަނެއްކާވެސް އެ ބޭހަށްވުރެ ބެކްޓީރިއާ ވަރުގަދަވާ މައްސަލަ،" ޑޮކްޓަރު ވިދާޅުވި އެވެ.

އެންޓިބައޮޓިކް އަކީ އާދައިގެ ބޭހެއް ކަމަށް ހީވެފައި އޮންނަ އޮތުން މި ވަނީ ނިމުމަކަށް އަންނަން ޖެހިފަ އެވެ. މި ބޭސްތަކަކީ އާދައިގެ ބޭހެއް ނޫނެވެ. އަތް ފޯރާ ފަށުގައި އެއްޗެއް ލިބެން ހުރުމަކީ އަދި އެ ނަހަމަ ގޮތުގައި ބޭނުން ކުރަން ޖެހޭ ކަމެއް ނޫނެވެ.