ހަބަރު

ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭނެ އާ އުސޫލުތަކެއް

Feb 14, 2017
1

މާލެ އާއި ހުޅުމާލެއިން ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ދެވޭނީ ފުލުހުންގެ ތެރޭގައި އެންމެ މަދުވެގެން ހަތް އަހަރު ދުވަހު ހިދުމަތް ކޮށްފައިވާ ފުލުހުންނަށް ކަމަށް ކަނޑައަޅައި އެކަމާ ގުޅޭ ގަވާއިދު ފުލުހުންގެ އިދާރާއިން މިއަދު ގެޒެޓްގައި އާންމުކޮށްފި އެވެ.

ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭނެ އުސޫލެއް، "މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގަވާއިދު"ގައި ހިމެނި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ އުސޫލަކީ ހަމައެކަނި އިދާރީ ގޮތުން ފުލުހުންގެ އެންމެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް ކަނޑައަޅާ އުސޫލެކެވެ.

ވަގުތީ ގޮތުން ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމުގައި އުސޫލުގައި މާކްސް ދޭ އިރު ބަލާ ކަންކަމުގެ ތެރޭގައި އެމީހަކު ފުލުހުންގެ އިދާރާގައި ހުރި ރޭންކާއި އޭނާ އަދާކުރާ މަސްއޫލިއްޔަތާއި އޭނާގެ އަހުލާގާއި މަސައްކަތުގެ ސުލޫކާއި ކައިވެނިކޮށްގެން އުޅުމާއި ދަރިން ތިބުން އަދި ގާނޫނީ ގޮތުން ބަލަން ޖެހޭ އެހެން ވެސް ބަޔަކު ތިބުން ފަދަ ކަންކަން ހިމެނެ އެވެ. މާކްސް އުނިކުރެވޭ ކަންކަމުގެ ތެރޭގައި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އަހުލާގީ މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވުމާއި ކުރިމަތިލާ ފުލުސް މީހެއްގެ މިލްކްގައިވާ ނޫނީ ދިގު މުއްދަތުން ފައިސާ ދައްކާގޮތަށް ގަނެފައިވާ ފްލެޓެއް ގެއެއް ނޫނީ ރޯހައުސްއެއް ހުރުމާއި އަންހެނުން ނޫނީ މައިންބަފައިންގެ އެފަދަ ތަނެއް ހުރުމެވެ.

ފުލުހުން ބުނީ މިފަދަ އުސޫލުތަކެއް ގަވާއިދުގައި ހިމަނާ އާންމު ކުރީ ފުލުހުންގެ ވެލްފެއާގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުންނާއި އެފަދަ ކަންކަން ފުލުހުންނަށް ފަހިކޮށް ދިނުމުގައި ވީހާ ވެސް ހަމަހަމަކޮށް ދެފުށް ފެންނަ އިންސާފުވެރި ގޮތަކަށް ކަންތައްތައް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ފުލުހުންނަށް ހުޅުމާލެއިން ދާއިމީ ބޯހިޔާވަހިކަން ނޫނީ ފްލެޓް ދިނުމުގައި މިކަންކަމަކަށް ނުބެލޭނެ އެވެ. އެކަމަށްޓަކައި ހާއްސަ އުސޫލުތަކެއް ފުލުހުންގެ ތެރޭގައި އޮވެ އެވެ. ފުލުހުންގެ ވެލްފެއާގެ ގޮތުން މިހާރު ވެސް ވަރަށް ގިނަ ހިދުމަތްތައް ފުލުހުންނަށް ދެވެ އެވެ. އެގޮތުން ޕޮލިސް ކްލިނިކްގެ ހިދުމަތާއި އަބިން ދަރިން އަދި މައިންބަފައިންއަށް ބޭސްފަރުވާގެ އިނާޔަތް ފަދަ ކަންކަން ހިމެނެ އެވެ. ދާދިފަހުން ހޯމް މިނިސްޓަރު ވެސް ވަނީ ފުލުހުންގެ ވެލްފެއާ ހަރުދަނާ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.