ވިޔަފާރި

ކޮންޒިއުމާ ފެއާ އެޕްރީލް މަހު، ޕާޓްނަރުންނާ އެކު ސޮއިކޮށްފި

މި އަހަރުގެ މޯލްޑިވްސް ކޮންސިއުމާ ފެއާގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި ފެއާއަކީ އަންނަ އޭޕްރީލް މަހު ބާއްވާ ފެއާއެކެވެ.

މޯލްޑިވަސް ކޮންސިއުމާ ފެއާއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޝޮޕިން ފެސްޓިވަލްއަށް ވާނެ އެވެ. މި ފެއާއަކީ ވިޔަފާރިވެރިންގެ ތެރެއިން ހޯލްސެއިލާސް، ރީޓެއިލާސް، ސަޕްލަޔާސް އަދި މެނުފެކްޗަރުންނަށް ހާއްސަ ޕްލެޓްފޯމެކެވެ. ފެއާގައި ބައިވެރިވާ ބައިވެރިންގެ އުފެއްދުންތަކާއި އަލަށް ތައާރަފްކުރާ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިއީ މި ފެއާ ބާއްވާ ފަސްވަނަ ފަހަރެވެ. ފެއާ އިންތިޒާމްކުރަނީ ބްލަކް އިންނެވެ.

މުނިފޫހިވުމުގެ ހަރަކާތްތަކާއެކު ބާއްވާ މި ފެއާގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކޮށްފައިވަނީ މިއަދު ހަވީރު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ފެއާ ވަނީ އިކޮނޮމިކް މިނިސްޓްރީއިންނާއި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން އެންޑޯސްކޮށްފަ އެވެ.

މިފަހަރުގެ ފެއާގެ މީޑިއާ ޕާޓްނަރުންނަށް ހަމަޖައްސާފައިވަނީ "އަވަސް" އެވެ. "އަވަސް"ގެ ފަރާތުން މިއަދު އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިން އެކްޒެކެޓިވް އައިމިނަތު ނިޔާޒާ އެވެ. ބްލަކްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓާ އިސްމާއިލް ހުޝާމެވެ.

"އަވަސް"ގެ އިތުރުން ދެން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "ސަން" އެވެ. އޭގެއިތުރުން ކޯޕަރޭޓް މޯލްޑިވްސް ވެސް ވަނީ ފެއާގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފަ އެވެ.

އެކްސްކުލޫސިވް ސްޕޮންސަރަކީ ބީއެމްއެޗް އެވެ. ބީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް މާކެޓިން އިބްރާހިމް ޝަރީފެވެ. ފެއާގެ ސެޓްއަޕް ޕާޓްނާއަކަށް ޝޭޑީ ކެބިން ހަމަޖެއްސިއިރު ޕްރިންޓް ޕާޓްނަރަކީ އެމް7 ޕްރިންޓްސް އެވެ. ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.

އޭގެއިތުރުން ސެކިއުރިޓީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސްޑް ޕްރޮޓެކްޝަން (އެސެޕް) އެވެ. މިފަހަރުގެ ފެއާގައި ކޮންމެ ގަޑިއިރު ލަކީޑްރޯ ނެގުމާއި ކޮންމެ ދުވަހަކު ބޮޑު އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ފެއާގައި ފުޑް ކޯޓަކާއި ލައިވް މިޔުޒިކް އޮންނާނެ އެވެ. މި ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތަކަށް އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.