މި ފަހަރުގެ ކޮންސިއުމާ ފެއާ ކުރީގެ ފެއާތަކަށްވުރެ ތަފާތުވެފައި ބޮޑު ވާނެ ކަމަށް އެ ފެއާ އިންތިޒާމްކުރައްވާ ބްލަކްގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީ އަހަރުގެ ފެއާތަކަށްވުރެ ބޮޑުކޮށް މިފަހަރުގެ ފެއާގެ ފެއާ ބޭއްވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށްވުރެ މިފަހަރުގެ ފެއާގެ ފެއާ ތިން ގުނަ ބޮޑުވާނެ ކަމަށެވެ.
"މިދިޔަ އަހަރު ނޭޝަނަލް އާޓް ގެލެރީގަ ކުރީ އަހަރު އޮތީ، މިފަހަރު ދަރުބާރުގޭގަ ބޭއްވުމަށް މަސައްކަތް ކުރަމުން މިދަނީ ކުރިއަށްވުރެ ލާޖާ ސްކޭލެއްގަ ފެއާ ބޭއްވުމަށް، މިދިޔަ ފަހަރަށްވުރެ ތިން ގުނަ ބޮޑުކޮށް އަޅުގަނޑުމެން މިފަހަރު ތާގެޓްކޮށްގެން މިއުޅެނީ،" ހުޝާމް ވިދާޅުވި އެވެ.
ހުޝާމް ވިދާޅުވީ، މިހާރު ވެސް ފެއާގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި އިތުރަށް ވެސް ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. މި ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތަކަށް އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.
"ކުރީ އަހަރުތަކުގައި ވެސް ކޮންސިއުމާ ފެއާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު، މިހާރު މިފަހަރުގެ ފެއާގައި ވެސް ވަނީ ގިނަ ބަޔަކު ބައިވެރިވެ، އޭޕްރީލް މަހު ކުރާ ކަމެއްވީމަ އަދިވެސް އިތުރަށް މީހުން ބައިވެރިވާނެ، އަދި އެ ފުރުސަތު ވެސް ހުޅުވިފަ އޮތީ،" ހުޝާމް ވިދާޅުވި އެވެ.
ދުވަސްވީ ވިޔަފާރިތަކުގެ އިތުރުން އަލަށް ވިޔަފާރި ފައްޓާ ފަރާތްތަކަށް ވެސް މި ފެއާއަކީ މިހާރު ވަރަށް ބޭނުންތެރި ފެއާއަަކަށްވެފައިވާ ކަމަށް ހުޝާމް ވިދާޅުވި އެވެ.
"ފެއާގައި ތަކެތި އަގު ވެސް ހެޔޮ، އަދި ޕްރޮމޯޝަންތައް ވެސް އެބަ ކުރިއަށް ގެންދޭ، އެހެންވީމަ މިތަނަށް ވަދެވަޑައިގަންނަ ފަރާތްތަކީ ކޮތަޅުތައް ފުރާލަިއގެން ނިކުމެވަޑައިގަންނަވާނެ ފަރާތްތަކެއް،" ހުޝާމް ވިދާޅުވި އެވެ.
މޯލްޑިވަސް ކޮންސިއުމާ ފެއާއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޝޮޕިން ފެސްޓިވަލްއަށް ވާނެ އެވެ. މި ފެއާއަކީ ވިޔަފާރިވެރިންގެ ތެރެއިން ހޯލްސެއިލާސް، ރީޓެއިލާސް، ސަޕްލަޔާސް އަދި މެނުފެކްޗަރުންނަށް ހާއްސަ ޕްލެޓްފޯމެކެވެ. ފެއާގައި ބައިވެރިވާ ބައިވެރިންގެ އުފެއްދުންތަކާއި އަލަށް ތައާރަފްކުރާ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.